ދަނގެތީގައި މީހަކު މަރާލުން

މަހުމޫދުގެ މަރު: ބިދޭސީ މީހާ މަހިބަދޫއަށް

އަނިޔާވެރިންގެ ރަހުމުކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށްވި އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ އދ. މަހިބަދޫއަށް ގެންގޮސްފި އެވެ.

ފުލުހުންގެ ބަންދުގައި ހުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ސާލިމްއެވެ. އޭނާއަކީ އެ ރަށު "ނެދުންގެ" ގައި އޮތް އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނު މީހެކެވެ. ތަހުގީގަށް ހޯދުނު މައުލޫމާތުތަކާއެކު އިއްޔެގެ ވަގުތެއްގައި ސާލިމް ވަނީ ހައްޔަރުކޮށްފައެވެ.

އަދި އޭނާގެ ފަރާތުން ލިބުނު މައުލޫމާތާއެކު ތަހުގީގަށް ކުރިއެރުން ލިބި ތަހުގީގު އިތުރަށް ފުޅާކުރިއެވެ. ފުލުހުންްގެ އިތުރު ބަޔަކު ވަނީ ދަނގެއްޗަށް ގޮސް ތަހުގީގުގައި ބައިވެރިވާން ފަށާފައެވެ.

މިއަދު ހެނދުނުން ފެށިގެން ފުލުހުން ވަނީ ސާލިމް ދިރިއުޅުނު ގެއަށް އޭނާ ގޮވައިގެން ގޮސްފައެވެ. އަދި އޭގެ ފަހުން މަހުމޫދު މަރާލާފައި އޮތް ވަޅުކައިރިއަށް ގެންގޮސް އޭނާ މެދުވެރިކޮށް ގިނަ މައުލޫމާތުތަކެއް ވަނީ ހޯދާފައެވެ. ފުލުހުން އެކަން ކުރިއަށް ގެންދިޔައީ ބޮޑު ސަރަހައްދެއް ބަންދުކޮށްގެންނެވެ.

އަވަސްއަށް މައުލޫމާތު ދެމުން އެ ރަށުގެ އިސް ބޭފުޅަކު ވިދާޅުވީ މަހުމޫދުގެ މަރުގައި ސާލިމް ބައިވެރިވާ ކަމުގެ ސާފު ހެކި ލިބިފައިވާ ކަމަށެވެ. އަދި މިއަދު އޭނާ ލައްވާ މަހުމޫދާމެދު އަމަލުކުރި ގޮތް ކުޅުވާފައިވާ ކަމަށެވެ.

"ސާލިމް ގެންދިޔައީ އަތުގެ އިޝާރާތުން އެކިި ވާހަކަތައް ކިޔައިދެމުން. ސީދާ އެ ކިޔައިދިނީ ކޮން ވާހަކަތަކެއްކަން ނޭންގުނު ނަމަވެސް ފެނުނު މަންޒަރުތަކުން މިކަމުގައި ސާލިމްގެ ބައިވެރިވުން އޮތްކަން ޔަގީން. އަޅުގަނޑުމެން ދުރުގައި ބަލަން ތިބިއިރު އެނގޭ އޭނާ އެ ދަނީ އޭނާ ކަންކުރި ގޮތާއި އެކަމުގައި ބައިވެރިވި އެހެން މީހުންގެ އަމަލުތައް ހުރި ގޮތް ކިޔައި ދެމުންކަން،" އޭނާ ވިދާޅުވިއެވެ.

އަދި މީގެ ކުޑައިރުކޮޅެއްގެ ކުރީން ބިދޭސީ މީހާ ވަނީ މަހިބަދޫއަށް ގެންދަން ލޯންޗުގައި ފުރާފައެވެ.

މަހްމޫދުގެ މަރާ ގުޅިގެން މީގެކުރިން ތިން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ދެ ފިރިހެނަކާއި އަންހެނެކެވެ. އެ ތިން މީހުން މިހާރު ހައްޔަރުކޮށްފައިވާއިރު މިވަގުތު އެ މީހުން ހައްޔަރުކޮށްފައި ތިބީ މަހްމޫދުގެ މަރުގެ ތުހުމަތުގައި ނޫން ކަމަށް ފުލުހުން ބުނެ އެވެ.

ދަނގެތި ރައްޔިތުންގެ ތެރެއިން ގިނަ މީހުން ތުހުމަތުކުރާ ގޮތުގައި މަހްމޫދު މަރާލީ އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނެވެ.

"އަޅުގަނޑުމެންނަށް ޔަގީން ކުރެވޭ މިއީ އެކަކަށް ކުރެވޭނެ ކަމެއް ނޫން. އެވަރުގެ އަނިޔާއެއް ނޫން މަހުމޫދަށް ދީފައިވަނީއެއް. މިއީ ދެ މީހެއް ނޫނީ ތިން މީހެއްގެ ބައިވެރިވުމެއް އޮތް ކަމެއް. ދެން އެ މީހުން އެ ތިބީ މަހިބަދޫގައި. އެހެންވީމަ އެ މީހުންގެ ވާހަކައެއް ދައްކާކަށް ނޭންގެ. އެކަމު މިއަދު ފެނުނު މަންޒަރުން ބިދޭސީ މީހާގެ ބައިވެރިވުން އޮތްކަން މި އެނގެނީ. މިއީ ރައްޔިތުންނަށް ލިބުނު އިތުރު ހައިރާން ކަމެއް،" ސާލިމްއާމެދު އެފަދަ ތުހުމަތެއް ކުރެވޭ ފަދަ އަމަލެއް މީގެ ކުރީން ފެނިފައި ނުވާކަން ފާހަގަކޮށް އޭނާ ވިދާޅުވިއެވެ.