ކަނޑުމަތީގެ ހާދިސާ

ކާށިދޫ ކަނޑަށް މީހަކު ގެއްލިއްޖެ

ކާށިދޫ ކަނޑަށް މީހަކު ގެއްލިއްޖެ އެވެ.

ފުލުހުން ދެންމެ ބުނީ މާލެއިން ބ އަތޮޅަށް ދަތުރުކުރި ބޯޓަކުން މީހަކު ގެއްލިފައިވާ ކަމަށެވެ. ގެއްލިފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. ގެއްލިގެން ހޯދަނީ ދިވެއްސެކެވެ.

ފުލުހުން ބުނީ އެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 11 ޖެހިއިރު ކަމަށެވެ.

އަދި ބުނީ އެ މައުލޫމާތު ސިފައިންނާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ސިފައިން ދެންމެ ބުނީ ޒުވާނާ ގެއްލިފައިވަނީ ކާށިދޫއާ ހަ ނޯޓިކަލް މޭލު ބޭރުން ކަމަަށެވެ. އެނާ ގެއްލުނުއިރު ލައިގެން ހުރީ ކަަޅު ކުލައިގެ ޓީޝާޓަކާއި އަޅިކުލައިގެ ޓްރެކްޝޫޓެއް ކަމަަށެވެ.

ކާށިދޫ ކަނޑަށް މީހަކު ގެއްލުނު މީހަކު ހޯދަމުންދާއިރު މިދިޔަ ހޮނިހިރު ދުވަހު ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި ހަތަރު އަހަރުގެ ކުއްޖަކު ގެއްލި އެ ކުއްޖާގެ މަންމަ ވަނީ މަރުވެފައެވެ. ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެ ކުއްޖާގެ އެއްވެސް ހަބަރެއް ނުވެއެވެ.