ބޭންކް އޮފް މޯލްޑިވްސް

ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން ބީއެމްއެލްގެ ޕްރޮގްރާމެއް

ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

ޕްރޮގްރާމް ކުރިއަށް ގެންދަނީ ބީއެމްއެލް އަދި ނޯ ޕްލާސްޓިކް މޯލްޑިވްސް އާއި ގުޅިގެންނެވެ.

"އުޅުމަށް ބަދަލު"ގެ ނަމުގައި ގެންދާ މި ޕްރޮގްރާމުގެ ދަށުން 10 ރަށަކަށް ފޮތި ކޮތަޅު ތައާރަފްކުރަން ނިންމާފައިވެ އެވެ.

ބީއެމްއެލް އިން ބުނީ އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އެހީގައި ފޮތި ކޮތަޅުތައް ފެހުމަށް ނިންމާފައިވާ ކަމަށާއި މިކޮތަޅުތައް ވިއްކޭނެ ނުވަތަ ހިލޭ ބަހާނީ ކަމަށެވެ.

މީގެ އިތުރުން ކ. ދިއްފުށި، މާފުށި، ގުރައިދޫ ނ. މާފަރު، ނ. ވެލިދޫ، އައްޑޫ ސިޓީގެ ހިތަދޫ، ދ. ކުޑަހުވަދޫ، އއ. ރަސްދޫ، އުކުޅަސް އަދި ލ. ގަން ހިމެނޭ ގޮތަށް ކޮންމެ ރަށަކަށް ދެ ފަހާފޮށި ހަދިޔާ ކުރުމަށް ވެސް ބީއެމްއެލް އިން ނިންމާފައިވެ އެވެ.

"ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތަކާއި ބެހޭގޮތުން މީހުންނަށް މައުލޫމާތުދީ، ހޭލުންތެރިކުރުވުން." ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ މިއީ މުސްތަގުބަލުގައި އަންހެނުންނަށް ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.