ވާހަކަ

ވީމޭ ކަލާޔާނުލާ

(16 އޮކްޓޫބަރ 2021އާ ގުޅޭ)

"ޔޫހާ.." ޑޮކްޓަރުގެ ދުލުން އަނެއްކާ ވެސް ނުކުތީ ޔޫހާގެ ނަމެވެ. ޑޮކްޓަރުގެ ހަރަކާތްތަކުން ޑޮކްޓަރަށް ވާހަކަދައްކަން އުނދަގޫ ވެފައިވާކަން ދިޔައީ ފާހަގަ ވަމުންނެވެ. ޙަޤީޤަތުގައި ވެސް ޑޮކްޓަރު ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. މިޚަބަރު ޒުވާން ޒަވާޖީ ޙަޔާތަކަށް ދޭން ޑޮކްޓަރަށް ހަމަ އުނދަގޫ ވަނީއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޑޮކްޓަރު ހިފައިލީ ޝަހުރުގެ އަތުގައެވެ. އަދި ބަލައިލީ އޭނާގެ ކުރިމަތީގައި ހުރި ޔާސިރަށެވެ. އެދެމީހުންގެ މޫނުމަތިން އެއްވެސް ދިރުމެއް ނުފެނެއެވެ. ގިލަންވެރިކަމުގެ ރާޅެއް އެދެމީހުންގެ މޫނުމައްޗަށް ޖަހާފައިވާ ފަދައެވެ.

"މީ ހިތްވަރު ކުރަންވީ ވަގުތު. ޔޫހާއަށް ހިތްވަރު ބޭނުންވާ ވަގުތު." ޑޮކްޓަރު ވާހަކަ ދައްކަމުން ދިޔައީ އަސަރާ އެކުގައެވެ. ޑޮކްޓަރު ބުނަން އުޅޭ ވާހަކަ އަޑު އަހަން ޝަހުރާއި ޔާސިރު ވެސް ވަނީ ކެތްތެރިކަން ކޮޅުންލާ ގާތްވެފައެވެ.

"ޔޫހާ މިހާރު އެ ހޭދަ ކުރަމުން ދަނީ ކެންސަރުގެ އެންމެ ލާސްޓް ސްޓޭޖު. މާ ލަސްވީ ފަރުވާ ކުރުން.. ޔޫހާގެ ބޮލުގެ ރިހުމަކީ އާދައިގެ ބައްޔެއް ނޫން. އެއީ ނުރައްކާތެރި ކެންސަރެއްގެ އަލާމާތެއް. އެކަން މާ ބޮޑަށް ދިގު ދައްމާލެވުނީ.." އުނދަގޫ އިޙްސާސްތަކާ އެކުގައި ޑޮކްޓަރު ވަރަށް ޙާލުން ޔޫހާގެ ޙާލަތު ބަޔާން ކުރިއެވެ. އެ ވާހަކަ އަޑު އަހަން ހުންނާކަށް އެއްވެސް ގޮތަކަށް ޝަހުރުގެ ހިތަކަށް ކެތެއް ނުވިިއެވެ. ޝަހުރުގެ ހިތުގައި ވަރަށް ބޮޑަށް ޖެހިއްޖެއެވެ. ޝަހުރަށް ވަރަށް އަސަރުކޮށްފިއެވެ. ލޮލުގެ ތެރެއިން ކަރުނަތައް ފުރޭނިގެން ފައިބައިގެން ދިޔައީ އެސްފިޔަތައް ފޯއްކޮށްލަމުންނެވެ. ފިރިހެނެއް ކަމަކު ޝަހުރުގެ ވެސް އޮންނާނީ ހިތެކެވެ. އެހިތަށް ތަދުވާނެއެވެ. ހިތަށް އަސަރު ކުރާނެއެވެ. ކުއްލިއަކަށް ހުރެފައި ޝަހުރު އޭނާގެ މޫނުމަތީގައި އަތް އަޅައިލުމަށްފަހުގައި ރޯން ފެށީ "ރަނޑު" އަންހެނެއް ފަދައިންނެވެ. ލިބުނު ޚަބަރުން ޔާސިރު ހުއްޓުން އެރި ގޮތަށް ޖެހި ބުދެއްހެން ހުރެވުނީއެވެ.

***

"މަންމާ.. މަންމާ.." ލިވިޔާގެ ވޭނީ އަޑު ހާލިދާގެ ކަންފަތުގައި ޖެހުމާ އެކުގައި ފުންމައިގެން އެނދުން ތެދުވެގެން ދުވެފައި އޭނާ ދިޔައީ ލިވިޔާގެ ކޮޓަރިއާ ދިމާލަށެވެ.

"ދަރިފުޅާ! ބަލަ ދަރިފުޅާ! މާހިރު.. އަވަސްކޮށް އާދެބަލަ!" ލިވިޔާ ބަނޑުގައި ރިއްސާތީ ރޮމުން ދަނީއެވެ. ހާލިދާ ވަރަށް ހާސްވެގެން ގޮވި އަޑަށް ފާޚާނާގައި ހުރި މާހިރު ވެސް ނިކަން އަވަހަށް ގޮސް ވަނީ ލިވިޔާގެ ކޮޓަރިއަށެވެ.

"މާހިރު. ލަސް ނުކޮށް ގުޅާ ބަލަ އެމްބިޔުލާސަށް. އަވަސް ކުރޭ!" ހާލިދާ ވަރަށް އަވަސްކޮށް ވާހަކަދައްކަމުން ދިޔައީ ލިވިޔާގެ ގައިގައި ހިފަހަައްޓައިގެން އިނދެއެވެ.

"މަންމާ! ގުޅާބަލަ.. ގުޅާބަލަ ޒަކްވާނަށް.." ލިވިޔާ މާ ނޭވާ ލަމުން ވާހަކަދެއްކިއެވެ. ހާލިދާ ގުޅި އިރަށް ޒަކްވާން ފޯނަށް ޖަވާބު ދިނެވެ. ވެގެން އުޅޭގޮތް އެނގުމާ އެކުގައި ޒަކްވާން މިދަނީ ކަމަށް ބުނެ ފޯނު ބޭއްވިއެވެ. އަދި ދުވެފައި ގޮސް އެރީ ސައިކަލަށެވެ.

***

ޝަހުރާއި ޔާސިރުއަށް އެތައް ވާހަކައެއް ޑޮކްޓަރު ކިޔައިދީފިއެވެ. ޑޮކްޓަރުގެ ކޮންމެ ވާހަކައަކުން ވެސް ޝަހުރާއި ޔާސިރު ކެތްކުރަން ޖެހޭ މިންވަރު ބޮޑު ވަމުން ދިޔައެވެ. ހިތް ފަޅައިގެންދާ ޙާލުގައި ވެސް ޑޮކްޓަރުގެ ވާހަކަތައް އެދެމީހުން ދިޔައީ ކަނުލައި އަޑު އަހަމުންނެވެ.

"އެހެންވީމަ، ޔޫހާ ސްޓޭބަލް ވީމަ ހޮސްޕިޓަލުން ދޫކޮށްލާނެ. އެޔަށްފަހު، ރާޢްޖެ ދިޔަސް މައްސަލަ އެއް ނެތް. މިކަމުގައި އިތުރު ފަރުވާއެއް ނެތް. ޔޫހާގެ ލައިފްގެ ބާކީ ބައި އުފަލުގަ ހޭދަކޮށްލެވޭތޯ ބަލާ! އެއީ ޔޫހާއަށް ދެވޭނެ ހަމައެކަނި ފަރުވާ.." ޝަހުރުގެ ކޮނޑުގައި އަތް ޖައްސައިލުމަށްފަހުގައި ޑޮކްޓަރު އެތަނުން ދިޔައެވެ.

ޔާސިރުގެ އުނގުމަތީގައި ކުޑަކުއްޖެއް ފަދައިން ޝަހުރު އޮތީ ބޯ އަޅައިލައިގެންނެވެ. ޝަހުރުގެ ބޮލުގައި ފިރުމަމުން ދިޔައީ ޔާސިރެވެ. އެވަގުތު ވެސް ޔާސިރުގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަތައް ފައިބަނީއެވެ. އެއީ ބަލައިލަން ހިތަށް އެއްވެސް ވަރަކަށް ކުޅަދާނަ މަންޒަރެއް ނޫނެވެ. އެގޮތަށް ޝަހުރު އޮތް އިރު އެތައް ކަމެއް އޭނާގެ ހިތާއި ސިކުނޑިއަށް އަރާ ފައިބަމުން ދެއެވެ. ޒަކްވާން ކޮއްކޮއަށް ގުޅައިލަން ވެސް ހިތަށް އަރައެވެ. އެއީ ޒަކްވާނާ ވާހަކަދައްކާލެވިއްޖެ ނަމަ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެތީއެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން ޝަހުރު ބޭނުމެއް ނުވެއެވެ. ޝަހުރު ޤަބޫލު ކުރާ ގޮތުގައި ޝަހުރުގެ ދިރިއުޅުން ހަލާކު ކޮށްލުމުގައި ޒަކްވާނުގެ ދައުރު ވަރަށް ބޮޑެވެ.

***

އައިޖީއެމްއެޗުގެ ވިހާ ކޮޓަރިއަށް ވަގުތުން ލިވިޔާ ވެއްދިއެވެ. އެތަނުގެ ބޭރުގައި ލިވިޔާގެ މައިންބަފައިންނާ ޒަކްވާން ވެސް ހުއްޓިލައިގެން ތިއްބެވެ. އެންމެންގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސް ކަމެއް ފެންނަން ހުއްޓަސް އެ އެންމެން ވެސް ތިބީ އުފަލުންނެވެ. ލިބެން އުޅޭ ކުޑަ ފުރާނައަށް މަރުޙަބާ ކިޔަން އެ މީހުން ތިބީ ކެތްތެރިކަން ކޮޅުންލާފައެވެ.

"ފިރިހެން ކުއްޖެއް! މަރުޙަބާ. މަންމަ ވެސް، ދަރިފުޅު ވެސް ރަނގަޅު." ދޮރުން ބޭރަށް ބޯދިއްކޮށްލުމަށްފަހުގައި ނަރުހަކު އެހެން ބުނެލީ ހިނިތުންވުމަކާ އެކުގައެވެ.

"އަލްޙަމްދުﷲ" އުފަލުން ތެޅިގަންނަމުން ޒަކްވާން ބުނެލިއެވެ. އޭރު ހާލިދާ އާއި މާހިރު ވެސް އުފަލުން ފުއްމަމުން ދިޔައެވެ. އެމީހުންނަށް ލިބުނު "ގްރޭންޑް ޗައިލްޑް" ގެ އުފަލުގައި އެމީހުން ތިބީ ވަރަށް އުފަލުންނެވެ. ޒަކްވާން ވަރަށް އަވަަސްކޮށް އޭނާގެ ޖީބުން ފޯނު ނެގިއެވެ. ޝަހުރަށް ގުޅައިލަން ޑައިލްކޮށްލަން އުޅެފައި ވެސް އެކަން ނުކޮށް ޒަކްވާން މަޑުކޮށްލިއެވެ. މި އުފަލަކީ ޝަހުރު ބައިވެރި ވާން ޖެހޭ އުފަލެއް ކަމުގައި ޒަކްވާން ޤަބޫލު ކުރާތީއެވެ. ޝަހުރު ބައްޕައަކަށް ވީ ޚަބަރު ޝަހުރަށް ލިބުނަސް އެކަން ޤަބޫލު ވެސް ނުކުރާނެކަން އެނގުމުން ޒަކްވާންގެ އެ ވިސްނުން އެންމެ ފަހުން ބަދަލުކޮށްލީއެވެ.

***

މުޅިރޭ ހޮސްޕިޓަލްގައި ޝަހުރު ހޭދަކުރީ ރުއިމުގައެވެ. ރޮއިރޮއި ޝަހުރަށް މިހާރު ދިޔައީ ގިސްލެވެމުންނެވެ. ހިތަށް ތަދުވާ ވަރުން ހިތުގައި އަތް ޖައްސައިލައިގެން އޭނާ އިނެވެ. ޝަހުރަށް އެންމެ ބޮޑު ހިތްދަތި ކަމެއް ލިބުނު ދުވަހު އޭނާ ބައްޕައަކަށް ވީކަން ވެސް އޭނާއަށް ނޭނގެއެވެ. ލިވިޔާ އުފަލުން ހުރި އިރު، ޔޫހާ ދިޔައީ މަރާ ހަނގުރާމަ ކުރަމުންނެވެ. ލިވިޔާ މަންމައަކަށް ވުމުން ޒަކްވާން އުފަލުން އުޅުނު އިރު، ޝަހުރު ދިޔައީ އޭނާގެ ޙަޔާތަށް ބިންދާލި ރާޅުން ކަރުނަ އަޅަމުންނެވެ. ގިސްލަމުން ދިޔަ ޝަހުރުގެ ކަންފަތުގައި ކުއްލިއަކަށް ޖެހުނީ ކުޑަ ކުއްޖެއްގެ އަޑެވެ. ސިހިފައި ކަހަލަ ގޮތަކަށް ޝަހުރު ބަލައިލީ ކުރިމައްޗަށެވެ. (ނުނިމޭ)