އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގައި މަސައްކަތްކުރި އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިކޮށްފި އެވެ.
މައްސަލަ ފެންމަތިކުރި މީހާ ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އަށް އެންމެ ފުރަތަމަ ޖިންސީ ފުރައްސާރަ ކުރީ މިފްކޯގެ އުޅަނދެއްގައި މަސައްކަތް ކުރާ ކައްޕިއެއް ކަމަށެވެ.
އެ މައްސަލަ މިފްކޯގެ ރީޖަނަލް މެނޭޖަރުގެ ސަމާލުކަމަށް ގެނައުމުން ކުންފުނީ ނަމަށް ހުތުރު ވެދާނެ ކަމަށް ވިދާޅުވެ މައްސަލަ ކުރިއަށް ނުގެންދިއުމަށާއި އާއިލާއާ ސިއްރުކުރަން އެދުނު ކަމަށް އެ މީހާ ބުނެފައިވެ އެވެ.
އައްޑޫ ކޮމްޕްލެކްސްގައި މަސައްކަތް ކުރާ އިސްވެރިޔަކު ވެސް އޭނާއާ ހުތުރު ބަހުން ވާހަކަ ދައްކާ ފުރައްސާރަ ކުރި މައްސަލަ އެއްވެސް ފާހަގަކޮށްފައިވެ އެވެ.
އެ އަންހެން މީހާ ބުނީ މިފްކޯގެ މެނޭޖަރުންތަކަކާއި ބައެއް އެހެން މުވައްޒަފުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ޒިޔާރަތް ކުރި ދުވަހަކު އެތަނުން ބޭފުޅަކު ވެސް އޭނާގެ ނުރުހުމުގައި ގައިގައި ބައްދާލި ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ ރަސްމީ ސިފައެއްގައި އެފަދަ ޝަކުވާތަކެއް ރިޕޯޓްކޮށްފައި ނެތް ކަމަށެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ ކުންފުނިން ސީރިއަސް ކޮށް ބަލައި ފިޔަވަޅު އަޅާނެ ކަމެއް ކަމަށްވެސް މިފްކޯގެ އޮފިޝަލް ވިދާޅުވެފައިވެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ފެންމަތި ކުރީ މީހާ މިހާރު ވަނީ މިފްކޯގެ ވަޒީފާ އިން ވަކިވެފަ އެވެ.