ބިޒްނަސް ސެންޓާ ކޯޕަރޭޝަން

ގޭގައި މަސައްކަތް ކުރާ މީހުންގެ ދުވަސް ފާހަގަކުރަނީ

Oct 18, 2021
2

ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންގެ ބައިނަލްއަގްވާމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިންޓަނޭޝަނަލް ހޯމް-ބޭސްޑް ވޯކާސް ޑޭ ނުވަތަ ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މިއަހަރު މި ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ 21، 22 އަދި 23 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ބިޒްނަސް ސެންޓަރުން ބުނީ ހަރަކާތްތަކުގެ މައިގަނޑު އެއް މަގުސަދަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކަށް މާކެޓް ހޯދައިދީ އެފަދަ ވިޔަފާރި ތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.

މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި އެ ފަރާތްތަކުގެ މުދާ ނުވަތަ ހިދުމަތް ދައްކާލުމާއި މާކެޓް ކުރުމާއި އަދި ވިއްކުމަށްޓަކައި، ބައިވެރިވާ ކޮންމެ ފަރާތަކަށް ހަތަރު ފޫޓާއި ދެ ފޫޓު ހިމެނޭ މޭޒަކާއި ޓެންޓެއް ހަމަޖައްސައިދިނުމަށް ނިންމާފައިވެ އެވެ.

މި ހަަރަކާތްތަކުގައި ކާބޯތަކެއްޗާއި، އަންނައުނާއި، ފޭސް ޕެއިންޓިން، މޭކަޕް ފަދަ ހިދުމަތްތަކުގެ އިތުރުން ގޭގައި ތިބެގެން ތައްޔާރު ކުރާ އެހެނިހެން ބާވަތްތަކުގެ މުދާ ވިއްކޭނެ ގޮތް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ވަނީ މި ހަރަކާތްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން ރަޖިސްޓްރީވުމަށް ވެސް ހަނދާންކޮށްދީފަ އެވެ.