ވިޔަފާރި

ދިވެހި އުފެއްދުންތައް ބާޒާރަށް ނެރެން އެހީވާން ހާއްސަ ޕްރޮގްރާމެއް

ރާއްޖޭގެ އިގްތިސޯދު އެއް ސިނާއަތަކަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުންތައް ބާޒާރަށް ނެރެން އެހީވުމަށް ސަރުކާރުން ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދުރު ރާސްތާގެ އިގްތިސޯދީ ތަރައްގީ ހާސިލު ކުރުމަށްޓަކައި، އިގްތިސޯދު އެއް ސިނާޔަތަކަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހާއްސަ އަހަންމިއްޔަތެއް ދީގެން ކުރަމުން އަންނަ މަސައްކަތްތައް ކަމަށެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ ގުޅިގެން ދިވެހި އުފެއްދުންތައް ބާޒާރަށް ނެރެން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ކުރިޔަށް ގެންދަން ރާވާފައިވާ ކަމަށެވެ.

އެ ޕްރޮގްރާމަކީ ރާއްޖެއަށް އިމްޕޯޓް ކުރާ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބައިނަލްއަގްވާމީ ބާޒާރުގައި ވާދަ ކުރެވޭ ފެންވަރު ރަނގަޅު ދިވެހި އުފެއްދުންތައް ނެރުމެވެ. އަދި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި، ބްރޭންޑިން ފަދަ ފަންނީ އެހީތެރިކަން ފޯރުކޮށް ދޭން ނިންމާފައިވާ ކަމަށާއި ޖޮއިންޓް-ވެންޗާ އުސޫލުން ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ދުރު ރާސްތާގައި ކާމިޔާބު އެކްސްޕޯޓް-އޮރިއެންޓަޑް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެއް އުފައްދާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އުފައްދާ މުދާ އެކްސްޕޯޓް ކުރަން މަގު ފަހިކޮށް ދިނުމަކީ ވެސް އެ ޕްރޮގްރާމްގެ އަމާޒެކެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 30 ގެ ކުރިން ފޯމްފުރާ، ނަން ނޯޓް ކުރަން އެދިފައި އެވެ.

ބީސީސީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި 2017 ވަނަ އަހަރު އުފެއްދި، 100 ޕަސަންޓު ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.