ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކޮމިޝަންޑް އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އޮފިސަރުން ވަކިކުރުން ފަސްކޮށްދެވެން ނެތް ކަމަށް އެކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފް މައްސަލަ މާދަމާ ހައިކޯޓުގައި ފަށަން ތާވަލްކޮށްފި އެވެ.
ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވާ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ފަރުހާދާއި ޝުހާދު ބައިވެރިވެފައެއް ނުވެ އެވެ. އަދި ވަކިކުރަން ނޯޓިސް ދިން އޮފިސަރުންގެ ތެރެއިން ޖަމްޝީދާއި އަހްމަދު މުހައްމަދު މިހާރު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.
އެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން އެ މީހުން ވަޒީފާއިން ވަކިކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފައި ވަނީ މިދިޔަ ހަފްތާގަ އެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމުމުން މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. މި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފަށަން ތާވަލްކޮށްފައި ވަނީ މާދަމާ ހަވީރު 4:30 ގައެވެ.
ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކޮމިޝަންޑް އޮފިސަރުން އެކަމާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ނިމި މިހާރު ވަނީ ޝަރީއަތަށް މައްސަލަ ގޮސްފަ އެވެ. އެ އަޑުއެހުންތައް ލައިވްކޮށްދޭން އޮފިސަރުންގެ ފަރާތުން އެދުނު ނަމަވެސް ސިވިލް ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރުމަށް ނިންމާފަ އެވެ.