ހައިކޯޓް

ތިން ފުލުހުން ވަޒީފާއިން ވަކިކުރުން މަޑުޖައްސަން ހައިކޯޓުން އަމުރުކޮށްފި

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ވަޒީފާއިން ވަކިކުރުން މަޑުޖައްސައިލުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

މި ތިން ފުލުހުން މިރޭ 12:00 އިން ފެށިގެން ވަޒީފާއިން ވަކިވާނެ ކަމަށް ވަނީ ނޯޓިސް ދީފަ އެވެ.

ހަތް އޮފިސަރުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލަ ނިމެންދެން އެ އޮފިސަރުން ވަޒީފާއިން ވަކިކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފަ އެވެ. އެއަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުން އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް މިއަދު ހައިކޯޓުގައި ވަނީ ފަށައިފަ އެވެ.

ހައިކޯޓުން އެ ތިން އޮފިސަރުން ވަޒީފާއިން ވަކިކުރުން ފަސްކުރުމަށް ކަނޑައަޅާފައި މިވަނީ މި މައްސަލައިގައި ގޮތެއް ނިމެންދެންނެވެ.

ހައިކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އޮފިސަރުންގެ ފަރާތުން ހަތަރު އިސްތިއުނާފީ ނުކުތާއެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ސިވިލް ކޯޓުގައި ހިނގާ މައުލޫއީ މައްސަލަ ނިމެންދެން އެ އޮފިސަރުން ވަޒީފާއިން ވަކިކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރު ނެރެދެވެން ނެތް ސަބަބު ސިވިލް ކޯޓުން ބަޔާންކޮށްފައި ނުވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އޮފިސަރުންގެ ފަރާތުން މި މައްސަލައިގައި ވަކާލާތުކުރައްވާ ދިފާއީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ އޮފިސަރުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވަނީ އެމީހުންގެ މައްޗަށް އެއްވެސް ތަހުގީގެއް ނުހިންގައި ކަމަށެވެ. އަދި ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށެވެ.

ކޯޓުން އެ އަމުރު ނެރެފައިވަނީ އެ އޮފިސަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށާއި، މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއިރު އޮތް ހާލަތާ މިހާރު އޮތް ހާލަތާ ތަފާތުވެފައިވާ ކަމަށެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް މި މައްސަލައިގައި ހިމެނޭ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު މަގާމުން ވަކިކޮށްފައިވާ ކަމަށް ނިހާޔަތު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެ ނިންމުން ތަންފީޒުކުރުން ފަސްކޮށްދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ސިވިލް ކޯޓުން މައުލޫއީ މައްސަލަ ބަލައި ނިމެންދެން އޮފިސަރުން ވަކިކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ޝަރީއަތުގެ އަޑުއެހުމުގައި އިސްތިއުނާފް ކުރި ފަރާތްތަކަށް ރައްދުދެއްވަމުން ދައުލަތުގެ ފަރާތުން ބުނެފައި ވަނީ އޮފިސަރުން ވަކިކުރުމުގެ ވަގުތީ އަމުރެއް ނެރެދީފި ނަމަ ދައުލަތުގެ މަސްލަހަތު ގެއްލޭނެ ކަމަށެވެ. ވަޒީފާއިން ވަކިކުރަން ނިންމާފައިވާ އަދި މިހާރު ވަކިކޮށްފައިވާ އޮފިސަރުންނަކީ ބޮޑެތި ތުހުމަތުތަކެއް ކުރެވިގެން ފިޔަވަޅު އަޅާފައިވާ ބައެއް ކަމަށް ދައުލަތުން ފާހަގަކޮށްފައިވެ އެވެ. އަދި އެފަދަ ވަގުތީ އަމުރެއް ނެރެފިނަމަ، އެއީ އެ އޮފިސަރުންނަށް ލިބިގެން ދާނެ ދާއިމީ ހިމާޔަތެއް ކަމަށް ވެސް ބުންޏެވެ.

އަދި މިހާރު ވަކިކޮށްފައިވާ ދެ އޮފިސަރުންނަކީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށް ނިންމުމުގެ ކުރިން ވަޒީފާއިން ވަކިކޮށްފައިވާ ބައެއް ކަމަށާއި، އެމީހުންނަށް އަޅާފައިވާ އެ ފިޔަވަޅު ތަންފީޒުކުރުން ފަސްކުރެވޭނެ ތަނެއް ވެސް ނެތް ކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ކަނޑައެޅުމަށް ދެ ތިން ދުވަސް ނަގާނެ ކަމަށް ފަނޑިޔާރުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ގޮތެއް ކަނޑައެޅެންދެން މިހާރު ވަޒީފާއިން ވަކިނުކޮށް ތިބި އޮފިސަރުންގެ ވަޒީފާ ދަމަހައްޓައިދިނުމުގެ އަމުރެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ހައިކޯޓުން ވަނީ ނެރެފަ އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވާ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު އާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ފަރުހާދާއި ޝުހާދު ބައިވެރިވެފައެއް ނުވެ އެވެ.