މޯލްޑިވްސް ޕޮލިސް ސާވިސް

ފަސް އޮފިސަރުންގެ މައްސަލައިގައި ދައުލަތުން ހައިކޯޓަށް

ފުލުހުންގެ ފަސް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުން ގޯސް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމީ 2021 ވަނަ އަހަރު އެވެ.

ޕޮލިސް ބޯޑުގެ އެ ނިންމުމުގެ މައްޗަށް އަހްމަދު މުހައްމަދާއި މުހައްމަދު ޖަމްޝީދު ފުލުހުންގެ ވަޒީފާއިން 2021ގައި ވަނީ ވަކިކޮށްފަ އެވެ.

އެ ނިންމުން ބާތިލުކުރުމަށް އެ ދެ ބޭފުޅުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ސިވިލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ހުކުމްކުރީ އެ ފުލުހުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާކަން ހުށަހެޅި ލިޔުންތަކުން ސާބިތު ނުވާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ މަހު ވަނީ ބުނެފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ނިންމީ ސިވިލް ކޯޓުގެ ހުކުމްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު މާނަކޮށް ތަންފީޒުކޮށްފައިވަނީ ރަނގަޅަށް ކަމަށް ނުފެންނާތީ ކަމަށެވެ.