ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

100 ކިލޯގެ ޑުރަގް: ބޮޑުން ދޫވި މައްސަލަ އަދިވެސް އިސްތިއުނާފެއް ނުކުރޭ

Oct 18, 2021

ފުލުހުން މިދިޔަ ބުދަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު މީހުންގެ ތެރޭގައި ހިމެނޭ އެންމެ އިސް ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި ނަމަވެސް އެ މައްސަލަ އަދި އިސްތިއުނާފް ކޮށްފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރި 10 މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުން ދޫކޮށްލުމަށްފަހު އަށް މީހެއްގެ ބަންދަށް މުއްދަތު ޖަހާފަ އެވެ.

ފުލުހުން ބުނީ ކޯޓުން ދޫކޮށްލި ދެ މީހުންނަކީ 100 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ކަމަށެވެ. އެހެންވެ އެ ދެ މީހުންގެ ބަންދުގެ މައްސަލަ އިސްތިއުނާފް ކުރުމަށް ޕީޖީގައި އެދޭނެ ކަމަށެވެ.

އެ ދެ މީހުންގެ މައްސަލަ އިސްތިއުނާފް ކުރުމާ ގުޅޭގޮތުން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ މައްސަލަ އިސްތިއުނާފް ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ބަންދު ދުވަސްތައް ނުހިމަނާ އެފަދަ މައްސަލަތައް އިސްތިއުނާފް ކުރުމަށް ޕީޖީ އަށް 48 ގަޑިއިރު ލިބޭ ކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ އެ މުއްދަތު ވެސް އަދި ހަމަ ނުވާ ކަމަށެވެ.

"އެހެންވީމާ މައްސަލަ އިސްތިއުނާފް ކުރުން ލަސްވެއްޖެ ކަމަކަށް ވެސް އަޅުގަނޑުމެންނަށް އަދި ގަބޫލެއް ނުކުރެވޭ،" ޝަފީއު ވިދާޅުވި އެވެ.

ސަތޭކަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުންގެ ބަންދުގައި މިވަގުތު ތިބި އަށް މީހުންގެ ވަނަވަރު ވެސް ފުލުހުން އިއްޔެ ހާމަކޮށްފައިވެ އެވެ.

މައުލޫމާތު ހާމަކުރި އަށް މީހުން

  • ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްޠަފާ (19އ)
  • ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ)
  • ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ)
  • ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ)
  • ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ)
  • ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ)
  • ބަނގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް (35އ)
  • ބަނގްލަދޭޝް، ޑީއެމް މޮބިން (24އ)

ކޯޓުން މުއްދަތު ޖެހި މީހުންގެ ތެރެއިން ޖުމާންއާއި، ޒައިދާއި، މުހައްމަދު އަހްމަދުގެ ބަންދަށް ކޯޓުން ދިނީ 10 ދުވަހެވެ. ސިނާނާއި، މުހައްމަދު ހުސައިނާއި، ރަފީގުލް އިސްލާމާއި، ޑީއެމް މޮބިންގެ ބަންދަށް ކޯޓުން ދިނީ 15 ދުވަހެވެ. އަދި މިދުހަތުގެ ބަންދަށް ދީފައިވަނީ ފަސް ދުވަހެވެ.

މި މީހުން ހައްޔަރުކުރީ ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރުމަށްފަހު އެވެ.

ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

މި އޮޕަރޭޝަނާ ދާދި އެކު އެކީގަހެން ހިންގުނު އިތުރު އޮޕަރޭޝަނެއްގައި ވެސް ފުލުހުން ވަނީ 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ ދެ މީހުންގެ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.