ބޮލީވުޑް

ގަޖްރާޖް އާއި ނީނާގެ "ބަދާއީ ހޯ" އަކީ ހަގީގީ ވާހަކައެއް؟

ގަޖްރާޖް ރާއޯ އާއި ނީނާ ގުޕްތާގެ "ބަދައީ ހޯ" ރިލީޒް ކުރިތާ ތިން އަހަރު ފުރުން ދާދިފަހުން މި ފިލްމުގައި މަސައްކަތްކުރި ފަންނާނުން ވަނީ ފާހަގަ ކޮށްފަ އެވެ. މިއީ މަދުން ނޫނީ ނުފެންނަ ވަރުގެ މޮޅު ހިންދީ ފިލްމެކެވެ.

ގަޖްރާޖް އަށް މި ފިލްމު ކުޅެން ލިބުނީ ފިލްމުގެ ބަތަލު އަޔުޝްމާން ކުރާނާގެ ސަބަބުންނެވެ. ގަޖްރާޖް ފިލްމުގައި ބައިވެރި ކުރަން ހުށަހެޅީ އަޔުޝްމާން އެވެ. މި ފިލްމު ކުޅެން ލިބުނުއިރު ބޮލީވުޑް ފިލްމުތަކުގައި ކުދިކުދި ރޯލުތައް ގަޖްރާޖް ކުޅޭތާ 25 ވަރަކަށް އަހަރު ވެއްޖެ އެވެ. ނަމަވެސް އޭނާއަކީ ކާކުކަން ބެލުންތެރިންނަށް ފާހަގަ ކުރެވުނީ "ބަދާއީ ހޯ" އިންނެވެ.

މި ފިލްމުގައި އޭނާގެ ބައްޕަގެ ރޯލު ގަޖްރާޖް އާ ވަރަށް ގުޅޭ ކަމަށް އަޔުޝްމާން އަށް މާ ކުރިން ވެސް ގަބޫލު ކުރެވުނެވެ. ނަމަވެސް އޭނާގެ މަންމަގެ ރޯލަށް ނީނާ ގުޕްތާ ފިޓް ވާނެ ކަމާ މެދު ފުރަތަމައިނުން އަޔުޝްމާން އަށް ވަރަށް ޝައްކު ވިއެވެ. ސަބަބަކީ މަންމައެއްގެ ރޯލު ކުޅޭ ވަރަށް ވުރެ ނީނާ ޒުވާން ވީމަ އެވެ.

ނީނާ ކުޅުނު ރޯލު ފުރަތަމަ ހުށަހެޅުނީ ތައްބޫ އަށެވެ. ނީނާއަށް އެ ރޯލު ދޭން ފެންނަ ކަމަށް ފިލްމު އުފައްދާ މީހުންނަށް މަޝްވަރާ ދިނީ ތައްބޫ އެވެ.

"ބަދާއީ ހޯ" އަކީ ހަގީގީ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެއްކަން އެނގެނީ މަދު ބަޔަކަށެވެ. މިއީ ފިލްމުގެ ވާހަކަ ލިޔުނު ލިޔުންތެރިޔާ އަކްޝޭ ގިލްޑަލްގެ އަމިއްލަ ތަޖުރިބާއަކުން އުފަންވި ޚިޔާލަކަށް ލިޔެފައިވާ ވާހަކަ އެކެވެ.

އަކްޝޭގެ ބޮޑުދައިތަ އުފަންވެފައި ވަނީ އޭނާގެ ބޮޑުބޭބެއަށް 25 އަހަރުގަ އެވެ. މި ވާހަކައިގެ ޚިޔާލު އޭނާއަށް ނަގާފައިވަނީ މި ހާދިސާ އިންނެވެ.

"ބަދާއީ ހޯ' ގައި ދައްކަނީ އުމުރުން 50 ވަރަކަށް އަހަރުގެ އަންހެނަކު ބަލިވެ އިނުމުން އޭނާގެ ބޮޑެތިވެފައި ތިބި ދަރިންނާއި މުޖުތަމައުގެ މީހުންގެ ކުރިމަތީގައި އޭނާއަށް ކުރިމަތިވާ ލަދު ގަންނަން ޖެހޭ ކަހަލަ ހާދިސާ ތަކެކެވެ. އަދި އެ ދަރިން އެކަމާ ގަންނަ ލަދުން އުޅޭ ގޮތެވެ.