އާދަމް ޝަރީފު އުމަރު

ހޯމް މިނިސްޓްރީއަށް ގެނައި ބަދަލަށް ފާޑު ކިޔައިފި

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ ހިދުމަތް ވަކި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ ބޮޑުން ދޫވާތީ އެކަން ހައްލު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅުއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ. ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ މިފަހުން އިންތިހާއަށް ބޮޑުވެފައިވާ އިރު މިހާރު ސަރުކާރުގެ ހާލަތު އޮތް ގޮތުން މަސްތުވާތަކެތީގެ ބޮޑުންނާމެދު މާބޮޑު ފިޔަވަޅެއް އެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެގޮތުން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުން ވަކި ކުރަން ނިންމި ނިންމުމަށް އޭނާ ފާޑުވިދާޅުވި އެވެ. އޭނާ އެ ނިންމުން ސިފަ ކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ "ފިޔަކޮށާލުމެއް" ގެ ގޮތުގަ އެެވެ. އަދި އިމްރާން މިހާރު ހުންނެވީ ގާނޫނީ ގޮތުން ލާޒިމްކުރާ ޒިންމާ އަދާ ކުރައްވާ ވަރަށްވުރެ ބޮޑަށް ބަލިކަށިވެފައި ކަމަށާއި އޭގެ ސަބަބުން ދާހިލީ ކަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަން މި ވެގެން ދިޔައީ ކިހިނެއްތޯ ވެސް މި މަޖިލީހުން ވެސް ބަލައިލުމަކީ ނެތް ކަމެއް ނޫން. އަޅުގަނޑުމެން [އިމްރާން] އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ނިންމީމަ އެމްޑީޕީން ވަރަށް ވަރު ދައްކާފަ ދިފާއުކުރި ވަޒީރެއް. އަދި ހަަމަ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެތައް ދުވަހަކު ވަރަށް ޝައުގުވެރިކަމާ އެކީގައި އެމަނިކުފާނުގެ މެންޑޭޓްގެ ދަށުން ރާއްޖޭގެ އެންމެ ވަރުގަދަ ބަތަލެއްގެ ގޮތުގައި ފާހަގަ ކުރެވުނު ބޮޑުތަކުރުފާނާ ގުޅޭގޮތުން ފިލްމެއް ހައްދަވަން ވެސް އުޅުއްވިކަން. އެހާ މުހިންމު ކަންކަމަށް އިސްނަގައިގެން އުޅުއްވަނިކޮށް އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިކަހަލަ ގޮތަކަށް މިނިސްޓަރުގެ ޒިންމާ އަދާ ނުކުރެވޭ ގޮތަކަަށް މިކަން ރޭވިގެން ދިއުމަކީ އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް."