ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ޝީލްޑް ނިއުރޭޑިއަންޓް މިރޭ އުފުލާލައިފި އެވެ.
އެ ޓީމު ލީގުގެ ފަހު މެޗު ނިންމާލީ މިރޭ ދެ ވަނާގައިވާ ޓީސީއާ ބައްދަލުކުރި މެޗު 1-1އިން އެއްވަރުކޮށްގެންނެވެ. ޓީސީގެ އަހުމަދު ރިޒްވާން މެޗުގެ ހަތް ވަނަ މިނިޓްގައި ގޯލު ޖަހާފައިވަނިކޮށް ނިއު އަށް އެއްވަރުކޮށްދިނީ ފަހުހާފުގައި ޑިފެންޑަރު އަހުމަދު އަބުދުﷲ (ލިލީ) އެވެ.
ހުސްވި ތިން އަހަރު ހޯދީ ލީގު ނިއު މި އަހަރު ދިފާއުކުރީ ޖުމުލަ 33 ޕޮއިންޓާއެކުގަ އެވެ. މިކާމިޔާބީއާއެކު ނިއު އަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ވެސް ވަނީ ޖާގަ ލިބިފަ އެވެ. އޭއެފްސީ ކަޕުގައި ދެން ވާދަ ކުރާނީ ލީގުގެ ހަތަރު ވަނަ އަށް ދިޔަ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން މާޒިޔާ އެވެ.
ލީގުގެ ދެ ވަނާގައިވާ ޓީސީ އަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. ތިން ވަނާގައިވަނީ 24 ޕޮއިންޓާއެކު އީގަލްސް އެވެ. ހަތަރުވަނަ މާޒިޔާ އަށް ލިބެނީ 21 ޕޮއިންޓާއެކުގަ އެވެ.
ލީގުގެ ފަސް ވަނަ ލިބުނީ 17 ޕޮއިންޓާއެކު ވިކްޓަރީ އަށެވެ. ހަ ވަނަ ވެލެންސިއާ ހޯދީ 16 ޕޮއިންޓާއެކުގަ އެވެ.
އަށް ޓީމު ވާދަކުރި ލީގުގެ ހަތް ވަނަ އަށް 13 ޕޮއިންޓާއެކު ދިއުމުން ބީޖީ އަށް ޖެހޭނީ އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި އޮތުމަށް ޕްލޭއޯފް ދެ މެޗު ކުޅޭށެވެ. ބީޖީއާ ބައްދަލުކުރާނީ ދެ ވަނަ ޑިވިޝަނުން ގްރީން ސްޓްރީޓެވެ.
ލީގުގެ ފުލަށް ގޮސް ރެލިގޭޒްވީ މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނަށް އެރި މަހިބަދޫ އެވެ. އެ ޓީމަށް ލިބުނީ އެންމެ ދެ ޕޮއިންޓެވެ. މަހިބަދޫގެ ބަދަލުގައި އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޔުނައިޓެޑް ވިކްޓަރީ އެވެ.