ރައްޔިތުން މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ފާސްކުރިއިރު މެމްބަރުންގެ ނިޔަތް ދެނެގަންނަން ކްރިމިނަލް ކޯޓުން ބޭނުންވާތީ އެ ގާނޫނާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާގެ ކޮޕީ ދޭން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބިލް ދިރާސާކުރަން މަޖިލީހުން ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާތަކުގެ ކޮޕީ ހޯދަން ކްރިމިނަލް ކޯޓުން މި މަހު ހަތަރުވަނަ ދުވަހު އެދިފައިވާ ކަމަށް މިއަދުގެ ކޮމިޓީން ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ. ކޯޓުން ޔައުމިއްޔާތައް ހޯދަން އެދުނީ ގާނޫނު މާނަކުރުމުގައި ގާނޫނު އެކުލަވާލި ފަރާތުގެ ނިޔަތް އެނގެން ޖެހޭނެ ކަަމަށް މަތީ ކޯޓުތަކުގެ ނިންމުންތަކުގައި އޮންނާތީ އެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުން ކޮމިޓީއަށް މި މައްސަލަ ހުށަހެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބިލު ދިރާސާކުރަން އެކޮމިޓީން އޭރު ބޭއްވި ބައްދަލުވުމެއްގެ ޔައުމިއްޔާ ހޯދަން ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުލަވާލުމަށް 2014 ވަނަ އަހަރުގެ ޑިސެމްބަރުގައި 241 ކޮމިޓީން ބައްދަލުވުމެއް ބޭއްވި އެވެ. އެހެން ނަމަވެސް އެއީ ސިއްރު ބައްދަލުވުމެކެވެ.
ކޮމިޓީ މަޝްވަރާގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި އޭރު ބޭއްވި ބައްދަލުވުމެއް ނަމަވެސް، ކޯޓަށް ޔައުމިއްޔާ ދިނުމަށެވެ. މި ހުށަހެޅުމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ތާއީދު ކުރެއްވި އެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ވޯޓާ އެކުގަ އެވެ.
ޖިނާއީ އިޖުރާތުގެ ގާނޫނުނަކީ ކުށްތައް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާން ކުރާ ގާނޫނެވެ.
މި ގާނޫނުގެ ވުޖޫދަށް ގެނައުމުގެ މަގުސަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ތަހުގީގުތައް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމެވެ. އަދި އެ ތަހުގީގުތައް ހަރުދަނާ ގޮތެއްގައި ވީހާވެސް އަވަހަށް ކުރިއަށް ގެންދަން ބޭނުންވާ އުސޫލުތައް ކަނޑައެޅުން ވެސް އެ ގާނޫނުގެ ތެރޭގައި ހިމެނެ އެވެ. އޭގެ އިތުރުން ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ދައުވާ އުފުލުން ވެސް ހިމެނެ އެވެ.