ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިނުމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 5:08 ހާއިރު އެވެ.
މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 11 ވަނަ ދުވަހު އެންމެ ފުރަތަމަ ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ. މި ދެ މީހުންގެ ބަންދަށް އެންމެ ފުރަތަމަ 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދިނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
މި ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުންގެ ބަންދަށްވެސް އިތުރު 15 ދުވަސް ޖަހާފަ އެވެ.
ޒަރީރަށް ހަމަލާދިނުމުގެ ތުހުމަތުގައި މއ. ނައިޓްވިލާ، އުމުރުން 32 އަހަރުގެ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ވެސް މިމަހުގެ 23 ވަނަ ދުވަހު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ހަމަ އެ ދުވަހު ކޯޓުން ވަނީ ގައްބަރޭގެ ބަންދަށް 30 ދުވަސް ޖަހާފަ އެވެ.
ޒަރީރަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެ ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފަ އެވެ. އޭނާގެ ބޯ ފަޅާލާފައިވާތީ ބޮލުގައި ބޭސް އަޅައިގެން ހޮސްޕިޓަލްގައި އިންނެވި ފޮޓޯތަކެއް އެ ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ދައުރުވި އެވެ.