މޯލްޑިވްސް ޕޮލިސް ސާވިސް

ގައްބަރޭގެ ބަންދަށް 30 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މއ. ނައިޓްވިލާ، އުމުރުން 32 އަހަރުގެ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ޖަހައިފި އެވެ.

ފުލުހުންގެ އިދާރާ އިން ގައްބަރޭ ހޯދަން މިމަހުގެ 15 ވަނަ ދުވަހު އިއުލާންކުރުމާ ގުޅިގެން މިއަދު އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.

ގައްބަރޭގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހައިދީފަ އެވެ.

ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 5:08 ހާއިރު އެވެ.

ގައްބަރޭ ހޯދަން ކުރި އިއުލާންގައި އޭނާ ހޯދަނީ ޒަރީރަށް ހަމަލާދީގެން ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ފުލުހުންގެ ވެބްސައިޓްގައި ގައްބަރޭގެ ފޮޓޯއާއި ވަނަވަރު ހާމަކޮށް ބުނެފައިވަނީ އޭނާ ހޯދަނީ ގުރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.

ޒަރީރަށް ހަމަލާ ދިން މައްސަލައާއި ގުޅިގެން މީގެ ކުރިން ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 11 ވަނަ ދުވަހު ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ. ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ. މި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.