ރީޖަނަލް އެއާޕޯޓްސް

ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށަނީ

Oct 19, 2021
1

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހދ. ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނެފި އެވެ.

ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށްޓަކައި އެތަނުގައި ރަންވޭގައި ލައިޓް ހަރުކުރުމަށް ބެއިޖިން ޒެޑްއާރްޖީޑަބްލިއު ކޯޕަރޭޝަން ލިމިޓެޑާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ ކުޅުދުއްފުށި އެއާޕޯޓްގައި ހަރުކުރާނީ ލެޑް ލައިޓް ކަމަށެވެ. އޭރުން ކަރަންޓުގެ ހަރަދު ކުޑަވުމުގެ އިތުރުން ގިނަ ދުވަހު ލައިޓްތައް ބޭނުން ކުރެވޭނެ ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް އިން ހިންގާ އެހެން އެއާޕޯޓްތަކުގައި ވެސް ރޭގަނޑުގެ ދަތުރުތައް ފެށުމަށްޓަކައި ލެޑް ލައިޓް ހަރުކުރަން ނިންމުމާއެކު އިއާދަކުރަނިވި ހަކަތައަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވެރިކަމުން ވަޑައިގެންނެވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައިދީ އެތަނަށް ޓެސްޓް ފްލައިޓް ޖައްސާފަ އެވެ. އެކަމަކު ކުޅުދުއްފުށްޓަށް ޝެޑިއުލް ދަތުރުތައް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮގަސްޓް 9، 2019ގައެވެ.