ލައިފް ޖެކެޓް ނުހުންނަ އުޅަނދުތަކުގެ ހުއްދަ ބާތިލުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީން މިރޭ ބުނެފި އެވެ.
އެ އޮތޯރިޓީން ވަނީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ބެހޭ ގަވާއިދަށް ކަންތައްތަކެއް އިތުރުކޮށް އަންނަ އަހަރުގެ ޖަނަވަރަީ 16 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހު ގެނައުމަށް ފޮނުވާފައި އޮންނަތާ ދެ އަހަރުވެ އެކަން ނުކޮށް އޮއްވާ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި އެކެއްގެ ފުރާނަ ގެއްލި ކުޑަކުއްޖަކު ގެއްލިފައިވަނިކޮށް ރާއްޖޭހެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ބެހޭ ގަވާއިދަށް އިތުރުކުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ "އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓިފިކެޓް" ހެއްދުމާއި "ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓިފިކެޓް" ހެއްދުމާއި "ސްވޭޖް ސެޓިފިކެޓް" ހެއްދުމާއި "އުޅަނދު ފަހަރު މަރާމާތު ކުރުމަށް އެހެލުމަށް ދޫކުރާ ލިޔުން" ހެއްދުމާއި ކެޕްޓަނުންނާއި ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ލައިސަންސް އަދި ސަނަތުތައް އޮތުމެވެ.
މީގެ އިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުމާއި ވެސެލް ޓްރެކިން ޑިވައިސް ހަރުކުރުމާއި އުޅަނދުގެ މެނިފެސްޓް އެނގެން އޮތުން ލާޒިމެވެ.
އަދި ކެޕްޓަނުންނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށައެޅުމާއި މުއާސަލާތީ އާލާތްތައް ހުރުމެވެ. މިންގަނޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހަރުކުރުންވެސް ހިމަނާފައިވެއެވެ.
އެ އޮތޯރިޓީން ބުނީ އެކަންކަން ފުރިހަމަނުވާ އުޅަނދުތަކަށް ދޫކޮށްފައިވާ ސީވާދިނަސް ސެޓިފިކެޓް ބާތިލު ކުރާނެ ކަމަށެވެ.
މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއްގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ކަނޑަށް ވެއްޓި އޭގެ ތެރެއިން އެކަކު މަރުވެ އެކަކު ގެއްލުމުގެ ހާދިސާއެއް މިމަހުގެ 17 ވަނަ ދުވަހު ވަނީ ހިނގާފައެވެ. އޭގެ ކުރީން އޮގަސްޓް 29، 2019 ނޮޅިވަރަންފަރާއި ހަނިމާދޫއާ ދެމެދުގެ 10 މިނެޓްގެ ރާސްތާގައި ކުރި ދަތުރެއްގައި ލޯންޗެއް ބަންޑުން ޖަހާލާ ފަސް މީހަކު މަރުވި ހާދިސާއާ ގުޅިގެން ފިޔަވަޅު ތަކެއް އެޅުމަށް ނިންމާ އުސޫލު އެކުލަވާލުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީން އިސްލާހުތައް ފޮނުވުމުން އެއީ ފަންނީ ލަފައެއް ކަމަށް ބުނެ އުސޫލު ނުހަދާ ދެ އަހަރު ވަނީ ހޭދަވެފައެވެ.