ރައީސް އަބްދުﷲ ޔާމީން

ބައެއް ގައުމުތަކުން ދާހިލީ ކަންކަމާ ބެހޭ ނަމަ ދުނިޔެއަށް ހަމަޖެހުމެއް ނެތް: ރައީސް

ގައުމުތަކުގެ ދާހިލީ ކަންކަމާ ބެހުމުގެ ލައިސަންސް ވަކި ގައުމުތަކަށް އޮވެގެން ދުނިޔެއަށް ދުވަހަކުވެސް ހަމަޖެހުމެއް ނާންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ދެ އަހަރު ފުރުމާއި، އދ ގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ޑިޕްލޮމެޓުންނާ އެކު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ، ދުނިޔެއަށް ހަމަޖެހުން އަންނާނީ އެއް ގައުމު އަނެއް ގައުމުގައި ހުންނަ ތަފާތު ކަންކަމާއި ސަގާފަތާ އާދަތައް ހުރިހާ ގައުމަކުން ވެސް ބަލައިގަނެ، ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމްކުރެވިގެން ކަމަށެވެ. ވަކި ގައުމަކަށް ލިބިފައިވާ މޮޅުކަމަކުން، އެގައުމަކަށް ލިބޭ ގަދަރާ އިއްޒަތް ބޮޑުކޮށް، އެހެން ގައުމުތައް ނިކަމެތިކޮށްލުމަކީ ރާއްޖޭގެ އަޣުލަބިއްޔަތު ގަބޫލުކުރާ ވިސްނުމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮންމެ ގައުމަކީވެސް އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ހާއްސަ ގަވާއިދުތަކާއި ގައިޑްލައިންތައް އެކުލަވާލައި އެއާ އެއްގޮތަށް އަމަލުކުރުމުގެ ފުރިހަމަ ބާރު އޮންނަން ޖެހޭ ގައުމެއް ކަމަށެވެ. އެހެންކަމުން އެއްވެސް ގައުމެއްގެ މިނިވަންކަމާ އިސްތިގުލާލު ގެއްލޭ ގޮތަށް އެއްވެސް ގައުމަކުން އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައީސް ތަކުރާރު ކޮށް ވިދާޅުވި އެވެ.

" ދާދި ފަހުންވެސް، ބާރުގަދަ ގައުމަކުން މިވަނީ ރާއްޖެއާމެދު ފިޔަވަޅު އަޅަން ގޮވާލާފަ. މިއަދުގެ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ ހުރި ގާނޫނުތަކާ ގައިޑް ލައިނުގެ ތެރެއިން އަޅާ ފިޔަވަޅެއް ކަން އެ ގައުމުތަކުންނެއް ނުބަލާ. އެބޭފުޅުން އެފަދަ ގޮވާލުންތައް ގޮވާލުމުގެ ކުރިން ރާއްޖެއަށް ވަޑައިގެން ރާއްޖޭގެ ކަންކަން އޮތް ނެތް ގޮތާ ރާއްޖޭގައި ހެދިފައިވާ އުސޫލުތަކަކީ ކޮބައިތޯ ބައްލަވައިފިނަމަ އެކަން އެގޮތަކަށް ނުކުރާނެ. އެކަމަކު އެގޮތަށް އަމަލުކުރެވޭނީ އެފަދަ ބާރުގަދަ ގައުމުތަކުގެ ވިސްނުމާ ފިކުރު އެނޫން ގޮތަކަށް ބަދަލުކޮށްގެން. ވަކިވަކި ގައުމުތަކުގައި ހެދިފައި އޮންނަ އުސޫލުތަކަށް އިހުތިރާމް ކުރުމުގެ ސަގާފަތް އާލާކުރެވިގެން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އދގެ އަސާސަކީ ކޮންމެ ރައްޔިތަކީވެސް އެ ގައުމެއްގެ އިސްތިގުލާލާއެކީ އެހެން ގައުމުތަކާ ފައިހަމަކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ. އދގެ އެ އަސާސު ފުނޑުފުނޑުވާގޮތަށް ގައުމުތަކުން އަމަލުކުރޭތޯ ބެލުމަކީ އެ ޖަމިއްޔާގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް އަދި ވިދާޅުވީ ހުރިހާ ގައުމަކުންވެސް އިހުތިރާމް ކުރަން ޖެހޭ މިފަދަ އުސޫލުތަކެއް އދ ގައި ކަނޑައަޅާފައިވާއިރު، ބާރުގަދަ ގައުމުތަކުން ކުދި ގައުމުތަކާ ހަނގުރާމަކުރަން ވިސްނުމަކީ އިންސާނިއްޔަތަށް ލިބޭނެ އެންމެ ބޮޑު ގެއްލުން ކަމަށެވެ.

"ބާރުގަދަ ގައުމުތަކުން އެގޮތަށް މަސައްކަތް ކުރުމުން މިހާތަނަށް ދުނިޔެ ނާމާން ވުންނޫން ކަމެއް ނުވޭ. މި ދެންނެވި ގޮތް ދޫކޮށްލައި، ހުރިހާ ގައުމަކީވެސް އެއް ސަގާފަތެއްގެ ގޮތުގައި ގަބޫލުކުރުމަކީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި ހުރި އެންމެ ބޮޑު އުނިކަން. އެކަންކަން އެބަ ޖެހޭ ރަނގަޅުކުރަން،: ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ވަކި ގައުމެއް އިސްތިސްނާ ކުރުމެއްނެތި ހުރިހާ ގައުމަކާ އެކުވެސް ގުޅުން ބަދަހިކުރުން ކަމަށާއި ރާއްޖެ އަބަދުވެސް ކުރިއަށްދާނީ އެގޮތުގައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.