ވާހަކަ

ސިއްތާ

(17 އޮކްޓޯބަރ 2021 އާ ގުޅޭ)

ގެއިން ނުކުމެގެން ދިޔައީސުރެ އޭނާގެ އެއްވެސް ކޯލެއް ނީރާ ނުނަގާތާ އެއްވެސް މެސެޖަކަށް ވެސް ޖަވާބެއް ނުދިނެވެ. އެކަމަކު މިރޭ އީހާނު އެކުރި މެސެޖާއެކު ނީރާގެ ޖަވާބު އައީ ހީނުކުރާހާ އަވަހަށެވެ.

ނީރާގެ މެސެޖަކަށްވީ ސުވާލެކެވެ. އެކަމާ އީހާނު ހައިރާނެއް ނުވެއެވެ. ނީރާ ވަރިކުރާކަށް އަދިވެސް އީހާނުގެ ހިތެއް ނޭދެއެވެ. އެކަމަކު އެ ހިތުގެ އަމިއްލަ އެދުން ހާސިލު ކުރާން އީހާނު މަސައްކަތް ކުރި ވަރަކަށް އޭނާއާއި ނީރާއާ ދެމެދު އޮތް ގާތްކަން މަޑުމަޑުން ދުރުވެއްޖެކަން އެނގެއެވެ. މިހާރު ނީރާ އެހެރީ އޭނާއަށް ނުފެންނަ ހިސާބު ދުރަށް ގޮހެވެ. މީ އޭނާ ހިޔާލު ކުރި ގޮތެއް ނޫނެވެ. ދުނިޔެއިން ނީރާ ނަފުރަތުކުރާ މީހާއަށް ވުމަކީ އީހާނު ގަސްދުކުރި ގޮތެއް ނޫނެވެ. ދެ ދުވަސް ފަހުން ކޯޓުން ނިންމި ގޮތެއް އެނގޭނެއެވެ. އެކުގައި އުޅޭން ފުރުސަތު ލިބުމަކީ ވެދާނެ ގޮތެކެވެ. އެކަމަކު އީހާނު ވައުދު އެވީ ނީރާ އެދެމުން އައި މިނިވަންކަން ދޭށެވެ. ނުކުރާން ހުރިކަމެއް ކުއްލިއަކަށް ކުރާން ނިންމުމުން ކޮންމެ މީހަކު ވެސް އެ ނިންމުމާމެދު ސުވާލު އުފައްދާނެއެވެ. އަނެއްކޮޅުން އޭނާގެ ބަހަށް ނީރާ އިތުބާރެއް ނުކުރާނޭކަން އީހާނަށް އެނގެއެވެ. އަމިއްލަ އެދުމެއްނެތި ނީރާއާ މިފަހަކުން އީހާނު ކުރިމަތިލާފައި ނުވާތީއެވެ.

"ވަގުތު ޖެހުނީ... ނީރާ ދޫކޮށްލަންވީ ވަގުތު. މުޅި އުމުރަށް އަހަންނަށް ނީރާ ގެއްލުމަށްވުރެ މިގޮތް ރަނގަޅު. މިއަށްވުރެ އިތުރަށް ބުނާނަމަ އަނެއްކާވެސް އަހަރެންނަކީ އަމިއްލަ އެދުން ބޮޑު މީހަކަށް ވެދާނެ. ނީރާގެ ހަމްދަރުދީ ހޯދުމަށް ބަހަނާ ތަކެއް ދައްކަނީއޭ ހީވެދާނެ." ފިކުރުތަކަށް ގެއްލި އޮވެ އީހާނު މެސެޖު ލިޔެ ފޮނުވާލިއެވެ.

* * * * *

ފޯނަށް ބަލަން އޮވެފައި ކައިރީގަ ބާއްވާލިއެވެ. ވާހަކަތަކެއް ދައްކަން ނީރާ ވެސް ގަސްދުނެއް ނުކުރިއެވެ. އުންމީދުގެ ކުނޑިފުކެއް ވެސް އީހާނުގެ ހިތުގައި ރޯވުމަށް ފުރުސަތު ނުދޭށެވެ. ނީރާ ބޭނުންވާ ގޮތް ސާފުވީމައެވެ.

އެރޭ ނީރާއަށް މީގެ ކުރީން އީހާނާ މެދު ހިޔާލު ކުރެވިފައިނުވާ އެތައް ކަމަކާ ގުޅިގެން ފިކުރު ކުރެވުނެވެ. ނިދަން އުނދަގޫވެ ދަންވަރުގެ ހިމޭންކަމުގައި ނީރާއަށް އޮވެވުނީ ކިހާ އިރަކުކަމެއް ނޭނގެއެވެ. ޔަގީނުން ވެސް އެ ދެ ލޯ މެރުނީ އޭނާގެ އަމިއްލަ އިހްތިޔާރަކު ނޫނެވެ.
ދެ ދުވަސް ފަހެވެ.

ކޯޓުން ނުކުންނަން ނީރާއާއެކު ސުޖާއުއާއި ލަމްހާ އައެވެ. މައި ދޮރު ކައިރީ މަގުމައްޗަށް ވާހެން އީހާނު މަޑުކޮށްލައިގެން ހުއްޓެވެ. ހީވީ އެމީހުންގެ އިންތިޒާރުގައި އޭނާ ހުރީ ހެންނެވެ. އީހާނާއި ނީރާގެ ނަޒަރު ސީދާ ވެލިއެވެ. ފަޓުލޫނުގެ ދެ ޖީބަށް ދެ އަތްތިލަ ކޮށްޕާލައިގެން ހަށިގަނޑު ތެދުކޮށްލައިގެން ހުރެ މާނަވީ ލުއި ހިނިތުންވުމެއް އީހާނު ހަދިޔާ ކުރިއެވެ. އޭނާ މަޑު ހިނގުމުގައި އައިސް ނީރާގެ ކުރިމަތީ ހުއްޓިލިއެވެ. އަތް އުފުލާލީ ސަލާމަށެވެ. އެ އަތުގައި ނީރާ ހިފުމުން އީހާނުގެ ހިނިތުންވުން ފުންވެލިއެވެ.

"އައި ވޯންޓް ފޮގިވް ޔޫ." ނީރާ މަޑުމަޑުން ބުނެލިއެވެ.

"ފައިން... ނައު ލިވް ޔޯ ލައިފް. ބަޓް ޑޯންޓް ސްޓޭ ޓޫ ލޯންގް އަވޭ ފްރޮމް ހޯމް. ޖަސްޓް ކަމް... ކަމްބެކް ހޯމް. ޔޯ ފެމެލީ އިޒް ވެއިޓިން... ޖަސްޓް ކަމްބެކް ހޯމް. އޯކޭ." އީހާނުގެ އަޑުގައިވި މަޑުމައިތިރިކަމާއި އޯގާތެރިކަން ނީރާގެ ހިތަށް އަސަރު ކުރުވިއެވެ. ހާއްސަކޮށް އޭނާ ނީރާގެ ކޯތާފަތުގައި ފިރުމާލި ގޮތުން އެ ބީހުމުގައި އަމިއްލަ އެދުމެއްނުވާތީއެވެ. ފެންކަޅިވުމުން ނީރާ އިސްޖަހާލީއެވެ. ގެއަށް ދަނީކަން އީހާނު ބުނެލުމާއެކު އޭނާ އެނބުރި ހިނގައިގަތީއެވެ. ލޯކައިރި ފުހުލާފައި ނީރާ އިސްއުފުލާލިއެވެ. އޭނާ ބޭނުންވި މިނިވަންކަން އޭނާއަށް ލިބިއްޖެއެވެ. ހަމައެއާއެކު އީހާނު އެހާ ހިތްވަރުގަދަވީ ކޮންއިރަކުބާއޭ ނީރާ ހިތަށް އެރިއެވެ. ޔަގީނުން ވެސް އީހާނު ހުރީ ދެރަވެފައިކަން ބުނަން ނީރާއަށް އެނގެއެވެ. ލަމްހާ ގޮވާލީ އެވަގުތެވެ.

"ގެއަށްތަ ދާނީ؟" ލަމްހާ އަހާލިއެވެ. ނީރާ ނޫނެކޭ ބުނާން ބޯހޫރާލިއެވެ. އެހެންވެ އެ ދެމަފިރިން ނީރާ ގޮވައިގެން އައީ އޭނާ ހުންނަ ހޮޓެލަށެވެ.

ނީރާއާއެކު އިން ލަމްހާގެ ގާތުގައި އޭނާ ނިންމާފައި އޮތް ގޮތް ހާމަކުރިއެވެ. ތިން މަސް ތެރޭ އެނބުރި ގެއަށް ދާން ނީރާ ބޭނުންނުވާ ކަމެވެ. އެ ތިން މަސް އޭނާ ހޭދަކުރަން ބޭނުންވަނީ އެންމެންނާ ދުރުގައިކަމެވެ. އަމިއްލަ ނަފްސަށް ވަގުތު ދިނުމަށެވެ. އަދި ހަޔާތް އޭނާ ވައްޓާލި ވަޅުގަނޑުން އަރައިގަނެ އަމިއްލަ ނަފްސަށް ބޭނުންވާ ޔަގީންކަމާއި ސާބިތުކަން ހޯދުމަށެވެ. އާއިލާއާ ދުރުގައި ނީރާ އުޅުން ލަމްހާއަށް ކަމުދާ ހިޔާލަކަށް ނުވިޔަސް އޭނާ ދެކޮޅެއް ނުހެދިއެވެ.

އަސުރަށް ގޮވަން ވާއިރަށް ލަމްހާ އެނބުރި ގެއަށް ދިޔައެވެ. ކޮޓަރީގަ ހުރި މިނީބާގެ ތެރެއިން ނީރާ ކޮފީދަޅެއް ނެގިއެވެ. އެ ކަނޑާލައިގެން ބޮމުން އައިސް ހުއްޓުނީ ކުޑަދޮރު ކައިރީއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ނީރާ ލޯ މަރާލިއެވެ.

"ފައިނަލީ... އައި ކޭން ބްރީތް ނައު..." ލަސް ގޮތަކަށް ލޯ ހުޅުވާލަމުން ނީރާ ބުނެލިއެވެ. އެއާއެކު ވައަތްތިލަ ގެނެސް މޭގައި ޖައްސާލިއެވެ. ވަރިވުމުން ވެސް އެ ހިތަށް ލިބެންޖެހޭ ފުރިހަމަ ހިތްހަމަޖެހުން ނުލިބޭކަން ނީރާއަށް އިހްސާސް ކުރެވެއެވެ. މޭގައި ފިރުމާލީ ހިތުގައިވީ ހުސްކަން ފުރާނޭ ގޮތެއް ނޭނގޭތީއެވެ.

ދިލަ ހޫނު މަޑުވެ ހިޔާ ބޮޑުވަންދެން ނީރާ މަޑުކުރުމަށްފަހު އޭނާ ހޮޓެލުން ނުކުތެވެ. ގެއިން ނުކުތް ފަހުން އޭނާ އެކަނި މަގުމައްޗަށް ނުކުތީ އަދިކިރިޔާއެވެ. އޭގެ ކުރީން އޭނާ އުޅުނީ އީހާނަށް ފެނިދާނޭތީވެ ބޭރަށް ނުނިކުމެވެ. މަގެއްގަ މަތިން ފެނިގެން ވެސް އީހާނު ފާރަލާފާނޭ ހީވާތީއެވެ. އޭނާ ހުންނަ ހޮޓެލާ އެންމެ ކައިރީގަ އޮތީ ރަސްފަންނެވެ. ހޭލަމޭލަވާ މީހުން ގިނައެވެ. ކުޑަކުދީން ސަކަރާތުގައި ދުވެދުވެފައި އުޅޭއިރު އެކުދީންގެ ހުނުމާއި ހަޅޭކުގެ އަޑު ގަދައެވެ. ޖޯލިފަތިތަކާއި އުނދޯލީގައި މީހުންތައް ފުރިފައެވެ. ތޮށިމަތީ ފާރުބުރީގައި ވެސް އެތައް ބަޔަކު އޮލަވާހައިގަ ގުރޫޕު ގުރޫޕަށް ތިއްބެވެ. ދަންނަ މީހަކު ނެތަސް އެކަނިމާއެކަނި ވެސް އެތަނުގައި މަޑުކޮށްލުން ހިތްހަމަޖެހޭ ތަޖުރިބާއަކަށް ނީރާއަށް ވިއެވެ. އިރުއޮއްސެންދެން އޭނާ އެތަނުގައި އިނެވެ. ފެންނަ އެކި މަންޒަރުތަކަށް ބަލާށެވެ. އަމިއްލަ ހަޔާތާމެދު ވިސްނާ ފިކުރު ކުރުމުގައެވެ.

* * * * *

ހަފްތާއެއް ފަހެވެ. ރިންގުވަމުން ދިޔަ ފޯނު ފާހާނާއިން ނިކުތް ލަމްހާ ނެގިއެވެ. އޭނާއަށް ގުޅަނީ ނީރާއެވެ. އޭނާ ފުރަނީކަން ބުނުމުން ލަމްހާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ހޮޓެލުގައި ހިފާފައި ހުރި ކޮޓަރި ދޫކޮށްލަން ބޭނުންވާކަން ނީރާ ބުންޏެވެ. އެކަން ސުޖާއު ގާތު ބުނާން ނީރާ އެދުނެވެ. ފޯނުން ނީރާއާ ވާހަކަދައްކަން ހުރި ލަމްހާގެ ސުވާލުތައް އިތުރުވިއެވެ. މާހައުލު ބަދަލުކޮށްލަނީ ކަމުގައި ނީރާ ބުންޏެވެ. ލަމްހާ އިންތިހާއަށް ކަންބޮޑުވިއެވެ. އެހެންވިޔަސް ނީރާ ހުއްޓުވުމުގެ ބާރެއް އޮތްކަމަކަށް އޭނާ ނުދެކެއެވެ. ނީރާ ބޭނުންވާ ވަގުތު އޭނާއަށް ދިނުމަކީ ލަމްހާ ގަސްދުކޮށްގެން ހުރި ނިންމުމެވެ. އެކަމަކު ނީރާ އެކަނިމާއެކަނި އުޅޭއިރު އޭނާއަށް ކަމެއްދިމާވެދާނެކަމުގެ ބިރު ލަމްހާގެ ހިތުގައި އޮތީއެވެ. އެހެންވިޔަސް ނީރާ ދަނީ ކޮން ރިސޯޓަކަށްކަން އެނގޭތީ ލަމްހާ ބެލީ ހިތްހަމަޖައްސާލެވޭތޯއެވެ. ނީރާ ހުންނާނީ ކޮންތާކުކަން އެނގޭތީއެވެ. އެނބުރި އަންނާނީ ކޮންއިރަކުންތޯ ލަމްހާއަށް އަހާލެވުނެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނޭނގެއޭ ނީރާ ބުނެލިއެވެ. ރިސޯޓުގައި ހުރެފައި އޭނާ މާފުއްޓަށް ދާން ގަސްދުކޮށްފައިވާކަން ނިމްރާ ބުންޏެވެ. ދުވަސްކޮޅަކަށް އެކަނި މަންޒިލްތަކަށް ދަތުރުކޮށްލަން ވިސްނާފައިވާކަން ނީރާ ބުންޏެވެ. ފައިސާ ބޭނުންތޯ ލަމްހާ އަހާލިއެވެ. ވަގުތު ނީރާ ދެކޮޅު ހެދިއެވެ. މިހާ ދުވަހު އޭނާ މަސައްކަތްކޮށްގެން ހޯދި ފައިސާ އެބަހުއްޓެވެ. އޭގެ ބޭނުން ހިފާނެ ފުރުސަތު ނީރާއަށް ލިބުނީ އަދިކިރިޔާއެވެ.

ނީރާއަށް ރިސޯޓަށް އާދެވުނުއިރު ހެނދުނު ދިހަގަޑި ބައިވަނީއެވެ. ކޮޓަރީގަ ދަބަސް ބަހައްޓާލާފައި އޭނާ ނުކުތީ ކޮޓަރީގެ ބިއްދޮށަށެވެ. ފުޅާ ލަކުޑި ޑެކުގައި ތިރިތިރި ބިއްލޫރި ވަށްމޭޒެއްގެ ކައިރީ ދެގޮނޑި ހުއްޓެވެ. ނީރާ އައިސް އިށީނީ އެތަނުން ގޮނޑިއެއްގައެވެ. ދިމާކުރިމަތީން ފެންނަން އޮތީ މޫދެވެ. މީހެއްގެ ހިލަމެއްނުވާއިރު ވެރިވެފައި އޮތީ ފުން ހިމޭންކަމެކެވެ. ބޮޑުގޮނޑީގައި އިން ބާލީހުގައި ބުރަކަށި ޖައްސާލައި ހަމަޖެހިލުމުގެ ގޮތުން ދެފައި ވެސް ގޮނޑިއަށް ނީރާ އަރުވާލިއެވެ. އަތުގައި އޮތް ފޯނު ހިއްލާލުމާއެކު ކުރިމަތިން ފެންނަން އޮތް މަންޒަރުގެ ފޮޓޯއެއް ނީރާ ނެގިއެވެ. އިރުކޮޅަކު އެ ފޮޓޯއަށް ބަލަން ނީރާ އިނެވެ. ތުންފަތަށް ވެރި ހިނިތުންވުމަކާއެކު އޭނާ ދެން އެ ފޮޓޯ ފޮނުވީ ރިދާއަށެވެ. "ކެޕްޝަން"ގައި މިނިވަންކަން ޖަހާފައެވެ. ރިދާގެ ފޯނުކޯލު އަންނަން ނެގީ މަދު ވަގުތުކޮޅެކެވެ. ނީރާއަށް ހީނލެވުނެވެ.

"ހެލޯ..." ކަންފަތުގައި ފޯނު ޖައްސާލުމާއެކު ނީރާ ބުނެލިއެވެ.

"ޑިވޯސްވީތަ؟" ރިދާ ވަގުތުން އަހާލިއެވެ. ނީރާ ދޭން ބޭނުންވި މެސެޖު ރިދާއަށް ސާފުވެއްޖެކަން ޔަގީނެވެ. އެކުވެރިޔާގެ ސުވާލަށް ނީރާ އާނއެކޭ ބުނެލިއެވެ. ކޯޓުން ވަރިކޮށްދިނީކަމާއި ދުވަސްކޮޅެއް ވެއްޖެކަން ބުންޏެވެ.

"ކޮންތާކު ތިހުރީ. މާލެއަކުނޫން ދޯ."

"އާން... ބްރޭކެއް ބޭނުންވީ. ޔާނުއަށް ނޭނގޭތަ؟ އީހާނު ނުބުނޭތަ؟"

"ބުނިނަމަ ޔާނު ނާހައެއް ނުހުންނާނެ. އެނގޭނެ މަގޭ ކައިރީ ނީރާ ބުނާނެކަން. އޭރު އެއްވެސް ވާހަކައެއް ނުބުނާށޭ ބުނީމަ، ޑިވޯސްވާން އުޅޭކަމެއް ވެސް އަހަރެން ނުބުނަން. އީހާނު ކެފޭއަށް ނުކުންނަކަން ޔާނުގެ ފަރާތުން އަޑުއެހިން. ސްޓޯރީ ފަޅާލަންވީ ދޯ. އޭނާ އަދިވެސް އެހުންނަން ނުބުނަން އޭނާގެކޮޅު ބަލިވީމާ ވެސް."

"ނޫން... އެހެން ނަހަދާތި. އީހާނު ބުނަން ބޭނުންވީމަ ބުނާނެ. ރިދާވީމަ އަހަރެން މިބުނީ."

"އޯކޭ. ނުބުނާނަން. ލައިޒަލްގެ ޚަބަރެއްވިތަ؟ މަށެއް ވެސް ނުދެކެން އޭނަ." ރިދާ އަހާލިއެވެ.

"ނުވޭ." ލައިޒަލް ކުރި ކަންތަކުގެ ވާހަކަ ނީރާ އެކުވެރިޔާއަށް ކިޔައިދޭން ބޭނުންނުވީއެވެ.

"އޭނާ ކައިރީ ނުބުނާނަންތަ؟"

"ކީއްކުރަން؟. އޭނާ މެރީޑް... އެ ދިރިއުޅުމުގެ ތެރެއަށް ވަންނަންވީ ކީއްކުރަން. ލައިޒަލް އަމިއްލައަށް ނިންމި ނިންމުމެއް އެއީ. އަހަންނަށް ވެއިޓް ކުރާކަށް އަހަރެން ވެސް ނުބުނަން ދޯ."

"އައި ވޯންޓް ޓު މީޓް ޔޫ. ކޮންއިރަކުން އަންނާނީ." ރިދާ ބުނެލިއެވެ.

"ދުވަސްކޮޅެއް ފަހުން... ކިހާ ދުވަހެއްކަމެއް ނޭނގެ. އަހަރެންގެ ވަރުބަލިކަން ފިލަންދެން. ހެ ހެ ހެ..." ނީރާއަށް ހީނލެވުނީ މިދެއްކެނީ ހަމަޖެހޭ ވާހަކައެއް ނޫނޭ ހީވެގެންނެވެ.

"އޯކޭ ލަވް. ޓޭކް ޔޯ ޓައިމް. ގުޅާނަން އެހެން ފަހަރަކުން. އޮފީހުގަ މީނީ." ރިދާ ކޯލު ކުރުކޮށްލީއެވެ.

* * * * *

އެސޯސިއޭޝަނުން ނުކުމެގެން އައިސް ދުރުގައި ޕާކުކޮށްފައި އޮތް ކާރަށް ލައިޒަލް އެރިއެވެ. އޭނާ އެއިނީ ކިޔާން ދެއްކި ވާހަކައިގެ ތެރެއިން އަދިވެސް ނުނިކުމެވިފައެވެ. ބައްދަލުވުން ނިމި ކިޔާންއާއެކު އެކަނިވުމުން ނީރާ ކޮބޯތާ ލައިޒަލްއަށް އަހާލެވުނީއެވެ. އޭނާ ވަޒީފާއިން ވަކިކޮށްދީފިންކަން ކިޔާން ބުނީ ދެނެވެ. ނީރާ ވަޒީފާއަށް ނުނިކުންނަތާ ހަފްތާއެއްކޮށްފައި މެޑިކަލް ހުށަހަޅާފައި ދެން ފޮނުވީ ވަޒީފާއިން ވަކިވާން ބޭނުންވާކަމުގެ ސިޓީކަން ކިޔާން ބުންޏެވެ. ނީރާގެ ދިރިއުޅުމާ ބެހޭ ގޮތުން ކިޔާން އެނގެން ބޭނުންވެ ލައިޒަލްއާ ސުވާލުކޮށްލިއެވެ. ނަމަވެސް ލައިޒަލްއަށް ވެސް ނީރާގެ މިހާރުގެ ދިރިއުޅާ ބެހޭ ގޮތުން އެއްޗެއް ބުނާން ދަތިވިއެވެ. ނީރާއަކީ އެތަނަށް މުހިންމު ޓީޗަރެއްކަން ކިޔާން ފާހަގަކުރިއެވެ. ހާއްސައެހީއަށް ބޭނުންވާ ކުދީންނަށް ކިޔައިދޭން ޓީޗަރު ހޯދުން ފަސޭހަކަމަކަށް ނުވެއެވެ. މުވައްޒަފަކު ދޫކޮށްލަން ޖެހުމަކީ ތަނަށް ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ. އެހެންވިޔަސް ނީރާއާ ކިޔާން ވާހަކަދެއްކުމުން އޭނާ އެނބުރި ވަޒީފާއަށް އަންނަ ހިޔާލެއް ނުކުރީއެވެ.

ނިތްކުރިއާއި ނޭފަތް ގުޅިފައިވާ ހިސާބުގައި ދެއިނގިލިން ލައިޒަލް ހިފަހައްޓާލިއެވެ. އޭނާގެ ބޮލުގައި ރިއްސަނީއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އޭނާ ކާރު ދުއްވާލީއެވެ. އޮފީހަށް އައިސް ލައިޒަލް ވަނުމުން ހަމްދާނަށް ލިބުނީ ހައިރާންކަމެވެ. މެންދުރު އެސޯސިއޭޝަންއަށް ހިނގައްޖެނަމަ ބައްދަލުވުން ނިންމާފައި ލައިޒަލް އެނބުރި އޮފީހަކަށް ނާންނާނެއެވެ.

"ބޭސްގުޅައެއް ގެނެސްދީބަލަ." ހަމްދާނު ކައިރީ ލައިޒަލް ބުންޏެވެ.

"ކިހިނެއްވީ؟"

"ބޮލުގަ ރިއްސާތީ." ލައިޒަލް ނިތްކުރީގައި ފިރުމާލިއެވެ.

"ގެއަށްދާންވީނު. ބޭސްކައިގެން ނިދާލަން." ހަމްދާނު ހިޔާލު ފާޅުކުރިއެވެ.

"ނެތްތަ ދާން އަތަކު." ލައިޒަލް ބުނެލިއެވެ. އޭނާ ގެއަށްދާން ބޭނުންނުވަނީކަން ހަމްދާނު ދެނެގަތެވެ. އެހެންވެ އޭނާ ތެދުވެގެން ކެބިން އިން ނުކުތީ ބޭސް ހިފައިގެން އަންނަނީ ކަމުގައި ބުނެފައެވެ.

މޭޒުދޮށުގައި ލައިޒަލް އިނެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން ލޯ މަރާލައިގެންނެވެ. ހަމްދާނު އައިސް ވަންކަން އެނގުނީ މޭޒުދޮށުގައި ހުރެފައި އޭނާ ގޮވާލުމުންނެވެ. ލައިޒަލްގެ އަތަށް ލައިދިން ބޭސް ގުޅައާއެކު ހަމްދާނު ދިއްކޮށްލި ފެންފުޅިން ކޯވަރެއް ބޯލިއެވެ.

"ހަމްދާން..." ހަމްދާނު ގޮސް މޭޒުދޮށުގައި އިށީނުމުގެ ކުރީން ލައިޒަލް ގޮވާލިއެވެ. އެނބުރިފައި ހަމްދާނު މަޑުކޮށްލީއެވެ. ލައިޒަލް ވާހަކައެއް ބުނަން އުޅޭކަން އެނގޭތީއެވެ.

"ކައިފިންތަ؟" ލައިޒަލް އަނގައިން ނުބުނެ ގިނައިރުވާން ފެށުމުން ހަމްދާނު އަހާލިއެވެ. އެއާއެކު ލައިޒަލް ދެފަރާތަށް ބޯހޫރާލިއެވެ.

"އާދޭ އަހަންނާއެކު." ހަމްދާނު ބުންޏެވެ.

"ނެތް ކާހިތެއް."

"އަހަރެން ކާތަން ބަލަން އިންނަން އާދޭ." ހަމްދާނު ސަމާސާގެ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ތެދުވާށޭ ބުނެ ލައިޒަލްއަށް ހަމްދާނު އަތުން އިޝާރާތްކުރިއެވެ. ކަންނެތް ގޮތަކަށް އޭނާ ތެދުވެގެން ހަމްދާނުގެ ފަހަތުން ނުކުތެވެ.

ރެސްޓޯރެންޓަށް ވަނީ ދެ ޒުވާނުން އެކީގައެވެ. ލައިޒަލް ނުކާނަމޭ ބުންޏަށް އޭނާ ފަހުން ހިޔާލު ބަދަލުވީއެވެ. އެހެންވާނޭކަން ހަމްދާނަށް އެނގެއެވެ. ކެއުން ކުރިއަށް ގެންދަމުން ހަމްދާނު އެކިއެކި ވާހަކަދެއްކިއެވެ.

"ކީކޭ ބުނަން އުޅުނީ." އޮފީހުގައި ލައިޒަލްގެ ފަރާތުން ފެނުނު ހަރަކާތްތައް ދެނެގަންނަން ހަމްދާނު ބޭނުންވިއެވެ.

"އެނގޭތަ ޑިވޯސް ވާން ބޭނުންވާ ކަންތައްކުރަންޖެހޭ ގޮތް." ލައިޒަލް އަހާލިއެވެ. ކާތަށިން އޭނާގެ ނަޒަރު ހަމްދާނަށް ދަތުރުކޮށްލީ ހިމޭންކަން ދެމެދަށް ވެރިވެގެންނެވެ.

"އުޝާ ވަރިކުރަންތަ ތިއުޅެނީ." ހަމްދާނު ސުވާލުކުރިއެވެ.

ހިފަހައްޓާލައިގެން އިން އުލާއި ސަމްސާ ތަށީގައި ބާއްވާލުމާއެކު ލައިޒަލް ފުންކޮށް ހަމްދާނަށް ބަލާލިއެވެ. ދެން މަޑުމަޑުން ބޯޖަހާލީއެވެ. އާނއެކޭ ބުނި ފަދައިންނެވެ. އޭނާގެ އެ ނިންމުމާ ހަމްދާނު ގަޔާނުވާހެން ލައިޒަލްއަށް ހީވިއެވެ.

"އުޝާއަށް އެނގޭތަ؟" ހަމްދާނަށް އަހާލެވުނެވެ.

"ބުނިން. މިހާރު މިވަގުތު ޑިވޯސް ވާކަށްނޫން. އެކަމަކު އެކަން އޮންނަ ގޮތެއް އެނގެން ބޭނުން. އަޑުއެހިން ގޭގައި ވަރިކުރުމާއި ކޯޓުގައި ވަރިކުރުން ތަފާތޭ... ދާން ބަލާލަދީފާނަންތަ؟" ލައިޒަލް ބުންޏެވެ.

"ކޮންސަކަރާތެއް ތިޖަހަނީ." ހަމްދާނުގެ މޫނުން މީގެ ކުރީން ލައިޒަލް ނުދެކޭ ފަދަ ސީރިއަސްކަން ފާޅުވިއެވެ.

"ވަޓް ޑޫ ޔޫ މީން." ލައިޒަލް ހައިރާންވިއެވެ.

"އިންނަނީ އެކީގަ އުޅޭކަށް ނޫންތަ. މަޖަލަކަށް ނޫނީ ބެޓުކޮށްގެން މީހުން ކައިވެނިކުރޭތަ؟ އެކަހަލަ ފީކަޅާ ވިސްނުމެއް ލައިޒަލް ގެންގުޅޭނޭ އަހަރެން ކުޑަކޮށް ވެސް އުންމީދު ނުކުރަން. އުޝާ ގޯހީތަ ވަރިކުރަން ތިއުޅެނީ؟ އޭނާ ލައިޒަލްދެކެ ލޯބިނުވަނީތަ؟ އަނތްބަކު ކޮށްދެންޖެހޭ ކަންކަން ކުރުމަށް އުޝާ ފަސްޖެހެނީތަ؟" ހަމްދާނުގެ ހިތަށް ތަދުވީ ނަމަވެސް އޭނާ ކަންބޮޑުވީ އުޝާއާ މެދުއެވެ. އުޝާއަށް ލައިޒަލް ކަމުދާވަރު ހަމްދާނަށް އެނގޭތީއެވެ. ލައިޒަލް އޭނާ ދޫކޮށްލައިފިނަމަ އުޝާއަށް ލިބޭނެ ފުން ހިތާމައިގެ ބޮޑުކަމުން ހަމްދާނަށް ލައިޒަލްގެ ނިންމުން ބަލައިގަނެވެން ނެތީއެވެ. އެހެންވިޔަސް އޭނާއަށް ވެސް އެނގޭ ކަމަކީ ލައިޒަލްގެ ނިންމުން އޭނާއަށް ބަދަލުކުރެވިދާނެކަމެވެ.

"ދާން... އަހަރެން ބުނި ކަންތައް އޮޅުންފިލުވާލަދީ. ދެން ނުބުނާނަން ފާސަނަލް ކަމަކު." ލައިޒަލް ބުންޏެވެ. އަމިއްލަ އިހްސާސްތަކުގެ ވާހަކަ ހަމްދާނަށް ކިޔައިދޭން ލައިޒަލް ގަސްދެއް ނުކުރެއެވެ.

* * * * *

މާފުށީގައި ހުރެފައި ނީރާ މާލެ އައީ އެއްވެސް މީހެއް ކައިރީ ނުބުނެއެވެ. އޭނާ އެގޮތަށް އުޅޭތާ ދެމަސްވީއެވެ. މޫދަށް އެރުމާއި ބޭރުގައި ގިނަވަގުތު އުޅުމުގެ ސަބަބުން އޭނާގެ ދޮން ހަންގަނޑު ހުރީ އަވިން ހިސާބަކަށް އަނދާފައެވެ. ކުރިއަށްވުރެ ރޫފަ ރަނގަޅުވެލާފައެވެ. ނަމަވެސް މޫނުމަތިން އަދިވެސް އުފާވެރިކަމެއް ނުފެނެއެވެ. ދެ ލޮލުން ފާޅުވަނީ ހުސްކަމެވެ. ގެސްޓުހައުސްއަކުން ނެގި ކޮޓަރީގައި ނީރާ ހަމަޖެހިލިއެވެ. މާލެ އައުމުގެ ކުރީން އޭނާ ލަމްހާއާ ފޯނުން ވާހަކަދެއްކިއެވެ. އެހެންވިޔަސް އޭނާ މާލެ އަންނަކަމާއި އަދި ލާމު އަތޮޅަށް ފުރަން އުޅޭކަމެއް ނުބުނެއެވެ. ލާމު އަތޮޅު ގަމަކީ ނީރާ އުފަންވީ ރަށެވެ. އެރަށަށް އެރުމަކީ ލަމްހާ އެއްގޮތަކަށް ވެސް ގަބޫލުކަމެއް ނޫނެވެ. އެހެންވެ ލަމްހާއަށް އެނގިއްޖެނަމަ ކޮންމެ ގޮތަކުންވިޔަސް ނީރާ ހުއްޓުވާނޭކަން ޔަގީންވާތީ ގަސްދުގައި ނުބުނީއެވެ.

ރިދާއަށް މެސެޖުކޮށް ރޭގަނޑު ދެ އެކުވެރީން ބައްދަލުވިއެވެ. ރޭގަނޑުގެ ކެއުމުގައި ދެ އެކުވެރީން ތިބީ ރިދާ ހިޔާރުކުރި ރެސްޓޯރެންޓެއްގައެވެ. ދެމަސް ފާއިތުވީއިރު ވެސް ނީރާގެ ވާހަކައެއް އީހާނު ނުދައްކައޭ ރިދާ ބުންޏެވެ. ނީރާ ކޮބާތޯ ޔަމާނު އަހާލުމުން އީހާނު ކޮންމެ ފަހަރަކު ވެސް ދޭ ޖަވާބަކީ ނީރާ ޓްރެވެލް ކުރަނީ ކަމެވެ. ވަރިކުރި ވާހަކަދައްކަން އީހާނު ބޭނުންނުވަނީ ކީއްވެތޯ ރިދާ ސުވާލު އުފެއްދިއެވެ. އެކުވެރިޔާގެ އެ ވާހަކަތައް ނީރާ ޖަވާބެއް ނުދިނެވެ. ދިނުން މުހިންމު ނުވީއެވެ.

"ރިދާ... އައި ސްޓިލް މިސް ހިމް." މަޑުމަޑުން އިނދެފައި ނީރާ ބުނެލިއެވެ.

"ކާކު؟ އީހާނުތަ؟." ރިދާ އަހާލުމާއެކު ނީރާ ދެފަރާތަށް ބޯހޫރާލިއެވެ.

"އައި ހޭވް ބޭޑް ނިއުސް. އެހެންވެ ނުބުނަން މީނީ." ރިދާ ބުނަން ބޭނުންނުވެފައި އިނދެ ވެސް ހާމަކޮށްލިއެވެ.

"ލައިޒަލްއަށް ކަމެއްވީތަ؟" ނީރާގެ މޫނުން ހާސްކަން ފާޅުވިއެވެ.

"އުޝާ ވަރަށް ބަލިކޮށް އުޅޭ އަޑުއެހިން. އޭނާ ޕްރެގްވީހެން ހީވޭ... ޔާނު ބުނީ ނޭނގެއޭ. ލައިޒަލް ބުނީ ކަންނޭނގެ ނުބުނާށޭ. އަހަރެން އުޝާއަށް ގެޓްވެލް ކިޔާލިން. ކިހިނެއްތޯ އަހާލީމަ ބުނީ ބެޑްރެސްޓްގައޯ. ކީއްކުރާ ބެޑްރެސްޓެއް... އައި އޭމް ސޮރީ ޑޯލް. ލައިޒަލް އެހާ ސްޓަބާންވާނޭ އަހަރެން ހިޔެއްނުކުރަން."

ނީރާ އެއްވެސް އެއްޗެއް ނުބުނިއިރު އެ މޫނުން ތަފާތު އަސަރެއް ވެސް ފާޅުނުވިއެވެ. ދެ އެކުވެރިން ވަކިވީ ރެސްޓޯރެންޓުގެ ދޮރުމަތިންނެވެ. އެރޭ ނީރާއަށް ނުނިދުނެވެ. އިރުއިރުކޮޅަކުން ތަކުރާރުކޮށް ލައިޒަލްއާއި އުޝާއާ ގުޅުވާ ރިދާ ދެއްކި ވާހަކަތައް ނީރާއަށް އިވިއިވި ހުރި ކަހަލައެވެ.

"އައި ވޯންޓް ޓު ސީ ހިމް... ވަން ލާސްޓް ޓައިމް..." ނީރާއަށް މަޑުމަޑުން ބުނެލެވުނެވެ.

* * * * *

ކޮފީތަށި ހިފައިގެން ބެލްކަނީގައި އުޝާ މަޑުކޮށްލިއެވެ. ތެތްކޮށް އޮތް އިސްތަށިގަނޑު ދޫކޮށްލާފައި އޮތީ އޭގެ އަމިއްލަ ޒާތުގައި ހިއްކާލުމަށެވެ. އޮފީހުން ޗުއްޓީ ނަގައިގެން އުޝާ ގޭގަ ހުންނަތާ ހަފްތާއެއްވީއެވެ. އޭނާގެ ލޮލުގައި ކަންމަތިން އެގޭ މަގަށް ނުކުތް އަންހެންކުއްޖާ އަޅައިގަތެވެ. އުޝާއަށް ލިބުނު ސިހުމާއެކު ފަހަތަށް ޖެހިލެވުނެވެ. ހައިރާންވީ އެހިސާބުން ނީރާ ފެނުނީމައެވެ. އޭނާ ސިއްރުން ކުރިއަށް ޖެހިލައި ބަލާލިއެވެ. އެގެއަށް ވަންނަން ކަން ނީރާ އައީ އެނގުމުން އުޝާ އަވަހަށް ގޭތެރެއަށް ވަނީއެވެ. ކާމޭޒުމަތީ ކޮފީޖޯޑު ބަހައްޓާލުމާއެކު އޭނާ ވިސްނަން ފެށިއެވެ.

ލިފްޓަށް އެރުމުގެ ކުރީން ނީރާ ހުއްޓުނެވެ. ކުރެވެން މިއުޅެނީ ރަނގަޅުކަމެއްބާއޭ އޭނާގެ ހިތަށް އަރަނީއެވެ. ރިދާ ހާމަކުރި ފަދައިން އުޝާއާއެކު ލައިޒަލް އުފަލުގައި އުޅޭކަން އެނގުމުން ނީރާއަށް ހަސަދަވެރި ނުވެ އެމަންޒަރު ބަލަން ކެތްވާނެބާއެވެ. ޖެހިލުންވެ ނީރާ ހާސްވިއެވެ. އެހެންވިޔަސް މިހިސާބަށް އައި ލައިޒަލް ނުފެނި ދާންވީ ހެއްޔެވެ. ދެހިޔާލުގައި ހުރެ ލެއްޕުނު ލިފްޓު އަނެއްކާ ނީރާ ހުޅުވިއެވެ. ލައިޒަލްއާއި އުޝާ އުޅޭ ބަޔަށް އޭނާ އައެވެ. އެޕާޓްމެންޓްގެ ކޯޑަށް އޮބާލިއެވެ. ޖަވާބެއް ނައުމުން ނީރާ ހިޔާލު ބަދަލުވާ ގޮތްވިއެވެ. އެނބުރިލަން އުޅެނިކޮށް އެތެރެއިން ކާކުތޯ އަހާލި އަޑު އިވުނެވެ. ދޮރުގައި ހުރި ބިއްލޫރިކޮޅުން ބޭރު ފެންނާނޭކަން ނީރާއަށް އެނގެއެވެ. އެކަމަކު އެމީހަކު އެތަނުން ނުބަލާ ކާކުތޯ އެހީތީ ހައިރާންވިއެވެ. ތަޅުހުޅުވުނު އަޑު އިވުމާއެކު އެ އެޕާޓްމެންޓުގެ ދޮރު ހުޅުވުނެވެ.

"ނީރާ..." އުޝާ ގޮވާލީ ހައިރާންކަން ވެރިކޮށްލަމުންނެވެ. ނީރާއަށް އެއްޗެކޭ ބުނަން ދަތިވިއެވެ. އޭނާއަށް ބެލެނީ އުޝާއަށެވެ. އޭނާ ހުރި ގޮތުންނެވެ. ތެތްއިސްތަށިގަނޑު އެއްފަރާތު ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލައިފަ އޮތްއިރު އޭނާ ލައިގެން އެ ހުރީ ލައިޒަލްގެ ހުދު ގަމީހެކެވެ. ބުޑުދޮށުން އޭނާ ލައިފާ ހުރި ކުރުސޯޓުބުރި ކިރިޔާ ފެންނަނީއެވެ. އެ ދެފައި އޮތީ ހާމައަށެވެ. ހީވަނީ ދެންމެ ފެންވަރައިގެން ނުކުމެ ހުރީ ހެންނެވެ. އެ ހަނދާންތަކެއް ނީރާގެ ސިކުނޑިއަށް ވެރިވުމާއެކު އެހިތް ކުދިކުދިވިއެވެ.

"އެތެރެއަށް ނުވަންނަތަ؟ ހާދަ ހެނދުނަކާ... ލައިޒަލް އަދި ނުހޭލާ." އުޝާ ހިނިތުންވުމެއް ވެރިކޮށްލަމުން ބުންޏެވެ. (ނުނިމޭ)