ބޮލީވުޑް

ޖެކީ ޗެންގެ "ކުން ފޫ ޔޯގާ" ގެ ރޯލެއް އަމައިރާ ދާސްތޫރަށް

Dec 3, 2015

"އިސާކް" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ އަމައިރާ ދަސްތޫރްގެ ބޮލީވުޑްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު ފިލްމުތަކަށް މާބޮޑު ތަރުހީބެއް ލިބިފައި ނުވިޔަސް މިދުވަސްކޮޅު އަމައިރާ އަށް އުޅެނީ އީދެއް އައިސްގެންނެވެ.

އެންމެފަހުގެ ހަބަރުތައް ބުނާގޮތުން އަމައިރާ އަށް މިހާރު ވަނީ ޖެކީ ޗެންގެ އަލަށް ފަށާ އެކްޝަން-އެޑްވެންޗާ ފިލްމު "ކުން ފޫ ޔޯގާ" ގެ ރޯލެއް ލިބިފަ އެވެ. އަދި މިހާރު އަމައިރާ ވަނީ މިރޯލު ކުޅުމަށް ސޮއިކޮށްފައި ކަމަށްވެސް ވެ އެވެ.

އަމައިރާ މި ފިލްމުގައި ކުޅެނީ ކޮން ރޯލެއް ކަން އަދި ހާމަކޮށްފައިނުވާއިރު، މިރޯލު މީގެކުރިން ހުށަހަޅާފައިވަނީ އިލިއަނާ ޑިކްރޫޒް އަށެވެ. ނަމަވެސް އިލިއާނާ ވަނީ މިހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.

އިލިއާނާ މިރޯލު ދޫކޮށް ލުމުން ގިނަ ބަތަލާއިންނަށް މިރޯލު ހުށަހެޅި ނަމަވެސް ފިލްމު އުފައްދާ ފަރާތުން އެންމެފަހުން އަމައިރާއަށް މިރޯލު ދީފައިވަނީ މިރޯލަށް އެންމެ އެކަށީގެންވާ ތަރިއަކީ އަމައިރާ ކަމަށް ބުނެ އެވެ.

މީގެކުރިން މިފިލްމުގެ ބަތަލާގެ ރޯލު ވަނީ ކެޓްރީނާ ކައިފް އަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އޭނާގެ ފަރާތުން ވާހަކަދެއްކި މީހަކު ވަނީ މި ފިލްމާއި މެދު ވަކިގޮތެއް ނުނިންމާކަމަށް ބުނެފަ އެވެ.

މި ފިލްމުގައި އަމައިރާ ޗައިނާގެ ޔުނިވަސިޓީއެއްގައި މަސައްކަތްކުރާ އިންޑިއާގެ ޕްރޮފެސަރެއްގެ ރޯލުން ފެނިގެންދާއިރު ޗޭން ކުޅެނީ ބިމުގެ އަޑީގައި ފޮރުވިފައިވާ ޚަޒާނާއެއް ހޯދުމުގައި ބަތަލާގެ އެހީތެރިކަން ހޯދާ ޗައިނާގެ އާކިއޮލޮޖިސްޓެއްގެ ރޯލެވެ.

އަމައިރާގެ އިތުރުން މިފިލްމުގެ ރޯލަކުން ބޮލީވުޑްގެ އެކްޓަރު ސޮނޫ ސޫދްވެސް ފެނިގެންދާނެ އެވެ.

އަމައިރާ އެންމެފަހުނެ ފެނިގެންގޮސްފައިވަނީ މިއަހަރު ނިކުތް "މިސްޓަ އެކްސް" އިން އިމްރާން ހާޝިމީއާ އެކު އެވެ.