އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީގެ މަޖިލިސް މެންބަރުންނާ މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުވުން ރޭގެ ވަގުތެއްގައި ކުރިއަށް ދިޔައީ ރައީސް ދިރިއުޅުއްވާ މުލިއާގޭގަ އެވެ. އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމާފައި ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓް އަދި މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.
ރޭ އޮތް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ރައީސްގފެ ވައުދުތައް ފުއްދުމަށްޓަކައި ބަޖެޓުގައި ފައިސާ ހިމަނަންވީ ދާއިރާތަކާއި ގުޅޭ ގޮތުންނާއި، ސަރުކާރުގެ މައިގަނޑު މަޝްރޫއުތަކާއި، އާމްދަނީ އާއި ލިބޭނެ ކަމަށް ލަފާކުރާ އިތުރު އެހީތަކާ ގުޅޭ ގޮތުންނެެވެ.
ދައުލަތަށް އަންނަ އަހަރު 23.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 14.7 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.3 ބިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 2.2 ބިލިއަން ރުފިޔާ އާއި އާމްދަނީ ހޯދުމަށް އަލަށް ތައާރަފްކުރާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ 1.3 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ދަރަނި 10.2 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ. އެކަމަކު ދައުލަތުގެ ދަރަނި ކުޑަކުރުމަށްޓަކައި މުހިއްމު ސިޔާސަތުތަކެއް ކަނޑައަޅައި މާލީ ހާލަތު އެއްހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.