އެމްއެމްއޭ

މަކަރު ފަޅާއެރުމާ އެކު ޕިރަމިޑް ސްކީމްތައް ހުއްޓާލައިފި

  • އެއްވެސް ނޯޓިސްއެއް ދީފައެއް ނުވޭ
  • ސަރުކާރާ މަޝްވަރާ ކުރާކަމަށް ބުނި
  • އެ ސްކީމުން ފައިދާ ލިބުނު މީހުންގެ ފޮޓޯތައް ވަނީ ނަގާފައި

ޕިރަމިޑް ސްކީމްތަކުގެ މަކަރު އެމްއެމްއޭ އިން ފަޅާ އަރުވާލުމާ އެކު، ރާއްޖޭގައި އޮޕަރޭޓް ކުރަމުން އައި އެފަދަ ސްކީމްތައް އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތި ވަގުތުން ވަގުތަށް ހުއްޓާލައިފި އެވެ.

އެފަދަ ސްކީމްތައް ހިންގުމާއި ބައިވެރިވުމަކީ ރާއްޖޭގެ ބޭންކިން ގާނޫނުތަކުގެ ދަށުން ބޮޑު ޖިނާއީ ކުށެއް ކަމަށް ބުނެ އެމްއެމްއޭ އިން ރޭ ނެރުނު ބަޔާނާ ގުޅިގެން "ގްލޯބަލް އިންޓަގޯލްޑް"ގެ ނަމުގައި ހިންގަމުން އައި އެ ސްކީމްގެ ފޭސްބުކް ޕޭޖްގައި ރޭ ބުނެފައި ވަނީ ފައިސާ ނެގުމާއި ފައިސާ ދިނުން ފަދަ އެ ސްކީމާ ގުޅޭ ހުރިހާ ކަމެއް ވަގުތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ ސްކީމްގެ ތެރެއިން މިހާތަނަށް ފައިސާ ލިބުނު ފަރާތްތަކުގެ ފޮޓޯތައް ފޭސްބުކުން ނަގާފައިވާ ކަމަށް ވެސް އެ ގްރޫޕްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވެ އެވެ. ދެން އެ ސްކީމާ ގުޅޭ ގޮތުން މައުލޫމާތުތައް ފޭސްބުކްގައި ޝާއިއު ކުރަމުން އަންނާނެ ކަމަށް ވެސް އެ މީހުން ބުނެފައިވެ އެވެ.

"މިކަމާ ގުޅިގެން މި އަންނަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކަމުން. އެ ފަރާތްތަކާ ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް ފަހު މިތަނުގައި ވަކި ގޮތެއް އަންގާނަން،" ގްލޯބަލް އިންޓަގޯލްޑްގެ ފޭސްބުކްގައިވެ އެވެ. އެއާ އެކު އެ ސްކީމަށް މިހާތަނަށް ފައިސާ ލީ މީހުންނަށް އޭގެ ބަދަލު ލިބޭނެ ކަމެއް ވެސް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އެ ސްކީމެއްގައި ބައިވެރިވި މީހަކު، "އަވަސް" އަށް ބުނިގޮތުގައި ފައިސާ ކޮޅު އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަމެއް މިހާރަކު ނެތެވެ.

އެމްއެމްއޭ އިން ރޭ ބުނެފައި ވަނީ ވަކި މުދަލެއް ނޫނީ ހިދުމަތެއް ގަނެގެން ބޮޑު މާލީ ފައިދާއެއް ލިބޭނެ ކަމަށް ބުނެ މީހުން ޝައުގުވެރި ކުރުވައިގެން ހިންގާ މިފަދަ ސްކީމްތަކުގެ ތެރެއިން ގޮތް ނޭނގޭ އެތައް މާލީ ކަންތައްތަކެއް މި ސްކީމް ހިންގާ މީހުން ކުރާ ކަމަށެވެ. އަދި އެފަދަ ސްކީމްތަކަކީ މާލީ ގޮތުން އެއްވެސް ވަރަކަށް ދެމެހެއްޓެނިވި ކަމަކަށް ނުވާތީ އެފަދަ ސްކީމްތައް ހުއްޓާލަން ޖެހޭ ވަގުތު އެ ސްކީމަށް ފައިސާ ލީ ގިނަ ބަޔަކަށް ބޮދެތި މާލީ ގެއްލުންތަކެއް ލިބޭ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި ބޭންކިން ގާނޫނުގެ 61 ވަނަ މާއްދާގެ ދަށުން އެފަދަ ސްކީމެއް ހިންގުމާއި ޕްރޮމޯޓް ކުރުން އަދި އެފަދަ ސްކީމެއްގައި ބައިވެރިވުން ގާނޫނުލް އުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން ބެލެވޭނީ ޖިނާއީ ކުށެއްގެ ގޮތުގަ އެވެ.

ދެން ރާއްޖޭގައި ހިންގާ މިފަދަ ޕިރަމިޑް ސްކީމަކީ"އޭޔޫ އިންޓަނޭޝަނަލް އެކްސްޓްރީމް" އެވެ. އެމީހުން ވެސް ހިދުމަތްތައް ރާއްޖޭގައި ވަނީ ހުއްޓާލައިފަ އެވެ. އެ މީހުން އެކަން ކުރަނީ ރަނުގެ ވިޔަފާރި ކުރާ ބައެއް ކަމަށް ބުނެ އެވެ. ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުގައި ވެސް މިސްކީމްތަކުގެ މަކަރު ބޮޑުވެ އެންމެ ފަހުން ވަނީ ހުއްޓާލައިފަ އެވެ.