އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓް އޮފީހަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފި

އޮޑިޓް އޮފީހަށް އަންނަ އަހަރު 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ ބަޖެޓު ކުރިން ފާސް ކޮށްފައިވާ އިރު ކޮމިޓީން ނިންމީ އޮފީސް އޮޑިޓް އޮފީސް ހިންގުމުގެ ހަރަދާއި އަދި ހަރުމުދާ ގަތުމަށް 60.3 މިލިއަން ރުފިޔާ އަދި އާ އޮޑިޓް އޮފީސް އެޅުމަށް ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓަށް 30 މިލިއަން ރުފިޔާއާއެކު ޖުމްލަ 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭށެވެ.

މާލިއްޔަތު ކޮމިޓީގެ ނިންމުން މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ 49 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އޮޑިޓް އޮފީހުން އެންމެ ފުރަތަަމަ އެދުނީ 118.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ފިނޭންސާއި މަޖިލީހާއެކު ކުރި މަޝްވަރާތަކަށް ފަހު އެ އަދަދު ކުޑަކޮށް މިއަދު ފާސްކުރި އަދަދަށް އޮޑިޓް އޮފީހުން ބަޖެޓް ހުށަހެޅި އެވެ.

އަންނަ އަަހަރަށް 90 މިލިއަން ރުފިޔާގެ ބެޖެޓެއް އޮޑިޓް އޮފީހަށް ދޭން ނިންމި އިރު މި އަހަރު އޮޑިޓް އޮފީހަށް ލިބުނީ 81 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.