ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ގެނައި އިސްލާހުތަކާއެކު އޮޑިޓާ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީން ނިންމި ގޮތަށް އޮޑިޓް އޮފީހުގެ ބަޖެޓު ފާސްވީ ވޯޓު ދެއްވި 44 މެންބަރުންގެ ވޯޓުންނެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް ފާސްކޮށްދިނީ 93.4 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރިކަރަންޓް ހަރަދަށް 61 މިލިއަން ރުފިޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ގޮތުގައި 32.4 މިލިއަން ރުފިޔާ އެވެ.
މިއީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށްވުރެ ކުޑަ ބަޖެޓެކެވެ. އޮޑިޓާ ޖެނެރަލް އޮފީހުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 95.1 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓުގައި އޮތީ ރިކަރަންޓް ހަރަދަށް 59.9 މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ ހަރަދަށް 35.2 މިލިއަން ރުފިޔާ ޖަހާފަ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހަށް މިއަދު ފާސްކޮށްދިން ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮގްރާމްގެ ގޮތުގައި ކަނޑައަޅާފައިވާ 32.4 މިލިއަން ރުފިޔާއަކީ އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތަށް ހަރަދުވާނެ ކަމަށް ލަފާކުރާ ހަރަދެވެ.
އޮޑިޓް އޮފީހުގެ ބަޖެޓް ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން އާ އިމާރާތުގެ މަސައްކަތަށް ޕީއެސްއައިޕީ ޕްރޮގްރާމްގެ ތެރެއިން މިއަހަރު 30 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީގެތެރެއިން 20 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފައިވާ ކަމަށްވެސް ކޮމިޓީ ރިޕޯޓުގައިވެ އެވެ.
އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓުގެ ކުރިން ފާސްކުރަންޖެހޭ ގޮތަށް ހަމަޖެހިފައި އޮންނަ ބަޖެޓެކެވެ.
އަންނަ އަަހަރަށް 93 މިލިއަން ރުފިޔާގެ ބެޖެޓެއް އޮޑިޓް އޮފީހަށް ދޭން ނިންމި އިރު މި އަހަރު އޮޑިޓް އޮފީހަށް ލިބުނީ 81 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.