ސިވިލްސާވިސް ކޮމިޝަން

މުޅި ސިވިލް ސާވިސް އޮޑިޓް ކުރަނީ

އަންނަ އަަހަރު މުޅި ސިވިލް ސާވިސްގެ އޮޑިޓެއް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ސިވިލް ސާވިސް އޮޑިޓް ކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބެވެ.

އޮޑިޓާ ޖެެނެރަލް އޮފީހުގެ ބަޖެޓު މިއަދު ފާސްކުރި އިރު އިލިޔާސްގެ އެ ހުށަހެޅުން ވެސް ފާސްކުރި އެެވެ. އެ ހުށަހެޅުން ފާސްވީ މަޖިލީހުގެ ތަޅުމުގައި ތިއްބެވި 49 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އިލިޔާސް އެދިވަޑައިގެންނެވީ އަންނަ އަހަރު އޮޑިޓާ ޖެެނެރަލް އޮފީގުގެ ވޯކް ޕްލޭންގެ ތެރެއިން މުޅި ސިވިލް ސާވިސްގެ އޮޑިޓެއް އަންނަ އަހަރު ފަށައިގެން ކުރިއަށް ގެންދާށެވެ.

އެފަދަ އޮޑިޓެއް ހިންގުމުގެ މުހިންމުކަން ވެސް އިލިޔާސް މިއަދު ސާފު ކޮށްދެއްވި އެވެ.

"އޭގެ އެންމެ މުހިންމު ސަބަބަކީ ޖެނުއަރީ އެކަކުން ފެށިގެން މިނިމަމް ވޭޖް ތައާރަފްވެ މުޅި ސިވިލް ސާވިސްއަށާ ދައުލަތުގެ ހުރިހާ ސެކްޓާއެއްގެ މުވައްޒަފުންގެ މުސާރަ ވެސް އިތުރު ވެގެން ދާތީ އޭގެ ޕާފޯމަންސް ބަލައިލުމަކީ މުހިންމުކަމެއް. އަދި ރައްޔިތުންނަށް ދޭ ހިދުމަތް ވެސް ރަނގަޅުވާން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނާތީ އެކަންތައްތައް ރަނގަޅު ކުރުމަށް ސަރުކާރަށް ލިބިގެންދާނެ ވަރަށް މުހިންމު ފުރުސަތެއް ކަމުގައި އަޅުގަނޑަށް ފެންނާތީ." އިލިޔާސް ވިދާޅުވި އެވެ.