- ސްޕޭން ޓޫރިސްޓުން 79 ޕަސެންޓަކީ ޒުވާނުން
- އެންމެ ގިނަ މުސްކުޅިން އަންނަނީ އިނގިރޭސިވިލާތުން
- ރާއްޖެއަށް ގިނައިން އަންނަނީ ޒުވާން ޓޫރިސްޓުން
ރާއްޖެއަށް އެންމެ ގިނައިން ޒުވާން ޓޫރިސްޓުން ޒިޔާރަތްކުރަނީ ސްޕެއިނުން ކަމަށާއި އަދި އެންމެ ގިނަ މުސްކުޅި ޓޫރިސްޓުން އަންނަ ގައުމަކީ އިނގިރޭސިވިލާތުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާރުން ކުރި ސާވޭއަކުން ދައްކައިފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި ސީޑީއާ ކޮންސަލްޓެންސީ ގްރޫޕާ ހަވާލުކޮށްގެން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ކުރި "ވިޒިޓާޒް ސާވޭ"އިން ދެއްކި ގޮތުގައި ސްޕޭނުން އަންނަ މީހުންގެ 79 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ ޒުވާން ޓޫރިސްޓުންނެވެ. އެ ގައުމުގެ އިތުރުން ދެން އެންމެ ގިނައިން ޒުވާން ޓޫރިސްޓުން އަންނަ ގައުމަކީ ރަޝިޔާ އާއި ޗައިނާ އެވެ. ޗައިނާ އިން އަންނަ ޓޫރިސްޓުންގެ 76 ޕަސެންޓް މީހުންނަކީ މިހާރު ޒުވާނުންނެވެ. އަދި ޖަރުމަނު މީހުންގެ ނިސްބަތް އުޅެނީ ގާތްގަނޑަކަށް މި ވަރަށެވެ.
އެ މިނިސްޓްރީގެ ސާވޭ އިން ދެއްކި ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން އުމުރުން ދުވަސްވީ ޓޫރިސްޓުން އަންނަ ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމުން އަންނަ ޓޫރިސްޓުންގެ ތެރޭގައި ގިނައީ 65 އަހަރުން މަތީ މީހުންނެވެ. އަދި އިނގިރޭސިވިލާތް ފިޔަވައި ދެން އެންމެ ގިނަ މުސްކުޅި ޓޫރިސްޓުން އަންނަ ގައުމަކީ ފްރާންސެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސާވޭއިން ދެއްކި ގޮތުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ 56 ޕަސެންޓަކީ އުމުރުން 25-35 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އަދި އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ 35-44 އަހަރުގެ މީހުންނެވެ. އަދި އެންމެ މަދުން ރާއްޖެއަށް ޒިޔާރަތް ކުރަނީ 65 އަހަރުން ދަށުގެ މީހުންނެވެ.
މީގެ އިތުރުން، ރާއްޖެއަށް އަންނަ 99 ޕަސެންޓް ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރި ޗުއްޓީއާ މެދު ހިތްހަމަޖެހެ އެވެ. އަދި އެންމެ ޓޫރިސްޓުން އަދިވެސް ރާއްޖެއަށް އަންނަނީ ހަނީމޫން ހޭދަކުރުމަށެވެ. ދެން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޓައިވިން އާއި ސްނޯކްލިންއަށެވެ.