ރައީސް އަބްދުﷲ ޔާމީން

ރައީސް އދ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

  • ޑިމޮކްރަސީގެ އުސޫލުނެތް ކަމަށް ވިދާޅުވި
  • ސުލްހަ ގާއިމް ކުރަން އދ ނުކުޅެދިފައިވޭ
  • ބާރުގަދަ ގައުމުތައް އދ ގެ ޗާޓަރާ ހިލާފުވޭ

ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހަމަޖެހުން ގާއިމްކޮށް، އެޖެންޑާގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އދ ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އދ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިސަރުކާރުގެ ދާހިލީ ސިޔާސަތަށް ދެއަހަރު ފުރުމާ، އދ އާ ރާއްޖޭގެ މެންބަޝިޕަށް 50 އަހަރު ފުރުން ފާހަގަކުރަން ރާއްޖޭގައި މިވަގުތު ތިއްބެވި ޑިޕްލޮމޭޓުންނާ އެކު ބޭއްވި ރަސްމިއްއްޔާތެއްގައި ރައީސް ވިދާޅުވީ، އދ މިއަދު އޮތީ އަލުން އިސްލާހުކުރަންޖެހޭ ފައްތަރެއްގައި ކަމަށެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ދައުލަތަކަށްވުރެ ބާރާއި ނުފޫޒުގެ ގޮތުން ވަރުގަދަ ޖަމިއްޔާއެއްގެ ގޮތުގައި އދ އޮތް އިރުވެސް، ގައުމުތަކުގެ މެދުގައި ހަމަޖެހުން ގާއިމްކުރަން އދ ނުކުޅެދިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ވަކި ގައުމުތަކަކަށް އެހެން ގައުމުތަކުގެ ދާހިލީ ކަންކަމާ ބެހުމުގެ ބާރު އދގެ ސަލާމަތީ މަޖިލީހުން ދީފައި އޮންނަ އޮތުމަކީ، އދ އިން ގައުމުތަކުގެ ސުލްހަޔާ ހަމަހަމަކަމަށް އިސްކަންދޭ މިންވަރާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށާ، އެއީ އެތަނުގައި ރާއްޖެ ގަބޫލުކުރާ ފެންވަރުގެ ޑިމޮކްރަސީއެއް އޮތްކަމާ މެދުވެސް ސުވާލު އުފެދޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އދގައި ކަނޑައަޅާފައި އޮންނަ ސިޔާސަތުތަކާ މަގުސަދުތައް ފުނޑުފުނޑުވާ ގޮތަށް ބައެއް ގައުމުތަކުން އަމަލުކުރުމަކީ ބާރުގަދަ ޖަމިއްޔާއެއްގެ ގޮތުގައި އދ އޮތްއިރު، ބާރާ އެއްވަރަށް ގައުމުތަކުގައި އދގެ ނުފޫޒު އޮތްކަމާ މެދު ސުވާލުކުރަންޖެހޭ ކަމެއް ކަމަށެވެ. އދ.ގެ ތެރެއިންވެސް ބައެއް ކަންކަމުގައި ބޮޑެތި ޤަައުމަށް "ބޮޑު އިންސާފު އަދި ކުދި ޤަައުމަށް ކުދި އިންސާފު" ލިބެމުންދާ މަންޒަރު ފެންނަކަމަށާ، ބޮޑު ޤައުމަށް ބޮޑު އިންސާފު ކުޑަ ޤަައުމަށް ކުޑަ އިންސާފު އޮންނަ ގޮތަށް، ރާއްޖޭގެ ރައްޔިތުން ބޭނުން ނުވާކަމަށާއި، އެއީ ރާއްޖޭގެ ރައްޔިތުންގެ އަޣުލަބިއްޔަތު ގަބޫލުކުރާނެ ވިސްނުމެއް ނޫންކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން ދިމާވި ބައެއް ސިޔާސީ ކަންކަމާ ހެދި ބޭރުގެ ބާރުގަދަ ގައުމަކުން ރާއްޖެއަށް ދަތުކުރުމުގެ ފިޔަވަޅު އަޅަން ގޮވާލު ގޮވާލުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އދ.ގެ މެންބަރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބޮޑެތި ގައުމުތަކުން އދ.ގެ ޗާޓަރާއި ކަނޑައެޅިގެން ޚިލާފަށް އަމަލުކުރަމުންދާއިރުވެސް އެކަންކަމާ މެދު ފިޔަވަޅު ނާޅައި، އދ ނިދާފައި އޮތުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނުން ކަމަށެވެ. އެހެން ކަމުން ގައުމުތަކުގެ މެދުގައި އިންސާފާ ހަމަހަމަކަން ގާއިމްކުރަން އދ ވެސް އިސްލާހުވާނެ ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.