ރައީސް އަބްދުﷲ ޔާމީން

އދ އަށް ނުދެވުނީ ރާއްޖެ ހަމަމަގަށް އަޅުވަން ޖެހުމުން: ރައީސް ޔާމީން

ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަން ވަޑައިނުގެންނެވުނީ ރާއްޖެ ހަމަ މަގަށް އެޅުވުން އެއީ އެންމެ އިސްކަން ދެއްވާ މަސައްކަތަށް ވުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން އދ. ގައި ތަގުރީރު ކުރައްވާފައި ވަނީ މުޅިން ވެސް އޭރުގެ ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވެވި މަންދޫބެން ނެވެ. އދ. ގައި ރައީސް ޔާމީން ތަގުރީރު ކުރައްވާފައި ނުވާތީ އެމަނިކުފާނުގެ ވާދަވެރިން ވަރަށް ބޮޑަށް ފާޑުކިޔަ އެވެ.

އެކަމަށް މިހާތަނަށް ރައީސް ޔާމީން ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް މާލެ އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން އެ އަތޮޅުގެ ހުރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ޔާމީން ވަނީ އދ. ގައި ތަގުރީރު ކުރައްވަން ވަޑައިނުގެންނެވި ސަބަބު ވިދާޅުވެ ދެއްވާފަ އެވެ.

"އަޅުގަނޑު ތަގުރީރު ކުރަން ނުދިޔައީ ދިވެހި ބަހުން ތަގުރީރު ނުކުރެވޭނެތީއެއް ވެސް ނޫން. އަދި އިނގިރޭސި ބަހުން ތަގުރީރު ނުކުރެވޭނެތީ އެއްވެސް ނޫން. އަޅުގަނޑަށް ފުރުސަތު ނުލިބޭނެތީއެއް ވެސް ނޫން،"

ރައީސް ޔާމީން ވިދާޅުވީ އދ. ގެ އާންމު މަޖިލީހަކީ ހުރިހާ ގަައުމުތަކުގެ އެންމެ އިސްވެރިންނާއެކު ކޮނޑު ޖައްސާލަން ލިބޭ ފުރުސަތެއް ކަމަށާއި އެއީ ވަރަށް ހައިބަތު ވެސް ބޮޑު ޖަލްސާއެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އދ. ގެ އާންމު މަޖިލީހަށް ވަޑައިނުގެންނެވުނީ ސަބަބުތަކެއް މެދުވެރިވެގެން ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރު އާންމު މަޖިލީސް އޮތީ ހައްޖު މޫސުމުގެ ދުވަސްވަރު ކަމަށާ އެމަނިކުފާނަށް އެ އަހަރު އިސްކަން ދެވުނީ ހައްޖަށް ދިއުމަށް ކަމަށް ވިދާޅުވިއެވެ. އަދި 2015 ވަނަ އަހަރު އާންމު މަޖިލީސް އޮތީ މޭޑޭގެ މުޒާހަރާއާ ގުޅިގެން ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ވަގުތެއްގައި ކަމަށެވެ. އެހެންކަމުން ދާޚިލީ ބޮޑެތި ކަންތައްތަކެއް ހިނގައިގެން ދިޔައީމަ "ރަށު ބަންދު" ގައި ހުންނަވަން އެމަނިކުފާނަށް މަޖުބޫރުވެ ވަޑައިގަތީކަމަށް ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުުގަނޑާއެކު ތިއްބެވި ބޭފުޅުންވެސް އަދި އިދިކޮޅު ފަރާތްތަކުން ވެސް، ހިތްފަސޭހަ ކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުުރުސަތެއް އަޅުގަނޑަކަށް ނުދޭ، ދަތި އުނދަގޫ ކަންކަން ކުރިމަތި ކުރުވަމުން ގެންދެވީ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު އދ. އަށް ވަޑައިގަތުމުގެ ދައުވަތު ނުލިބުނީ ކަމަށް ބަޔަކަށް ހީފުޅުވާ ނަމަ އެއީ ކުށް ހީއެއް ކަމަށެވެ.

"އދ. އަށް ދިއުމަކީ އަޅުގަނޑަށް ދެވަނައަށް ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދުށީ. އަޅުގަނޑަށް ފުރަތަމަ މުހިންމުވީ ރާއްޖެ ހަމަޔަކަށް އެޅުވުމާ، ރައްޔިތުން ކައިރި ހުރެގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުން."

ރައީސް ޔާމީން ވިދާޅުވީ ޗައިނާގައި އޮތް ބައްދަލުވުމެއްގައި އދ. ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރެއްވި ކަމަށާއި އދ. ގެ އާންމު މަޖިލީހުގެ ތަގުރީރު ދޭން ގޮސްގެން ނުދެއްކޭނެ ކިތަންމެ ވާހަކަ އެއް "ވަން ޓޫ ވަން" ކޮށް ދެކެވުނު ކަމަށް ވިދާޅުވިއެވެ.

އދ. އަށް ދިއުމަކީ އަޅުގަނޑަށް ދެވަނައަށް ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދުށީ. އަޅުގަނޑަށް ފުރަތަމަ މުހިންމުވީ ރާއްޖެ ހަމަޔަކަށް އެޅުވުމާ، ރައްޔިތުން ކައިރި ހުރެގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުން
އަބްދުﷲ ޔާމީން | ކުރީގެ ރައީސް

ރައީސް ސޯލިހު މިއަހަރު ވަނީ އދ. ގެ އާންމު މަޖިލީހުގަިއ ތަގުރީރު ކުރައްވާފަ އެވެ. އޭގެ ކުރިން އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރެއްވީ 2014 ވަނަ އަހަރުގަ އެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވި ކުރީގެ ރަައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ވަހީދުގެ ވެރިކަމުގައި އެމަނިކުފާނު ވެސް އދ. ގައި ތަގުރީރު ކުރެއްވި އެވެ. އެއީ 2012 ވަނަ އަހަރު އެވެ. ޖެހިގެން އައި އަހަރު އެ މަނިކުފާނު ވަޑައި ނުގެން އެ މަޖިލީހުގައި އެ މަނިކުފާނުގެ މަންދޫބެއްގެ ގޮތުން ވަޑައިގެންނެވީ އޭރުގެ އެކްޓިން ފޮރިން މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.