ހަބަރު

އދ. ގެ ވަފުދުން ރައީސް ޔާމީނާއި އަދީބާ ބައްދަލުކޮށްފި

އދ. ގެ އޮފީސް އޮފް ދަ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް (އޯއެންސީއެޗްއާރް) އިން ކުރީގެ ރައީސް އަބުދުﷲ ޔާމީނާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ބައްދަލުކޮށްފި އެވެ.

އޯއެންސީއެޗްއާރުގެ ވަފުދުން ރާއްޖެއިން ކުރި ޒިޔާރަތުގައި މަނީ ލޯންޑްރިންގެ ތުހުމަތަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބުދުﷲ ޔާމީނާއި ބައްދަލު ކުރެއްވީ އެމަނިކުފާނު އައިޖީއެމް ހޮސްޕިޓަލުގައި އެދުމަތި ކުރައްވާފައިވަނިކޮށް ކަމަށް ފޮރިން މިނިސްޓީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބާއި އެ ވަފުދުން ބައްދަލުކުރީ އަދީބު ހުންނަވާ ޖަލަށް ވަޑައިގެން ކަމަށްވެސް އެ މިނިސްްޓްރީން ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން އެ ދެބޭފުޅުންނާއި، އެ ވަފުދުން ބައްދަލުކުރިކަން ހާމަ ކުރި ނަމަވެސް، އެ ބައްދަލުވުންތަކުގެ އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ. އޯއެންސީއެޗްއާރުގެ ވަފުދެއް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ރާއްޖޭގެ ހާލަަތު ދެނެގަނެ، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރަން ސަރުކާރަށް އެހީތެރިވެވޭނެ ދާއިރާތައް ދެނެގަތުމަށެވެ.

އެ ވަފުދުން ވަނީ ސަރުކާރުގެ އިސްވެރިންނާއި މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ މެމްބަރުންނާއި، ގޭ ބަންދުގައި ހުންނެވި ކުރީގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދާވެސް ބައްދަލުކޮށްފަ އެވެ.