ވާހަކަ

ސިއްތާ

(20 އޮކްޓޯބަރ 2021 އާ ގުޅޭ)

"އެތެރެއަށް ނުވަންނަތަ؟ ހާދަ ހެނދުނަކާ... ލައިޒަލް އަދި ނުހޭލާ." އުޝާ ހިނިތުންވުމެއް ވެރިކޮށްލަމުން ބުންޏެވެ.

ނީރާ އެތެރެއަށް ވަންނަން ބޭނުމެއްނޫނެވެ. އަނެއްކޮޅުން ކުއްލިއަކަށް ނީރާ އެހިސާބަށް އައިސް އެތެރެއަށް ނުވަދެ ހިނގައްޖެނަމަ އުޝާއަށް ކަމެއް ޝައްކުކުރެވޭނެކަން ނީރާއަށް އެނގެއެވެ. އޭނާގެ މޫނުމަތިން އަސަރެއް ނުދެއްކިޔަސް އޭނާގެ ހިތުގެ ހާލު އޭނާގެ ހަރަކާތްތަކުން ބޭޒާރުވާނެއެވެ. ގޭތެރެއަށް ވަނުމަށް މަޑުމަޑުން ނީރާ ފިޔަވަޅު އަޅާލީ އެހެންވެއެވެ. މިއަދު އެއްވެސް ކަމަކުން އޭނާއަށް އަސަރެއްނުކުރާނޭކަން އުޝާގެ ކުރިމަތީ ދައްކަން ނީރާ ވެސް ގަސްދުކުރީއެވެ.

އެ އެޕާޓްމެންޓު ނީރާއަށް ފުރަތަމަ ފެނުނު ދުވަހެކޭ އެއްވެސް ތަފާތެއް އައިސްފައެއް ނެތެވެ. ސޯފާތައް ދައްކާލުމުން ނީރާ އައިސް އިށީނެވެ. އުޝާ ބަލިވެ އުޅޭ ޚަބަރު ރިދާގެ ފަރާތުން އިވިފައި އޮތްކަން ނީރާ ހާމަކުރީ ވާހަކައެއް ދެމެދުގައި ފެށުމަށެވެ. އަދި އޭނާގެ ހާލު މިހާރު ކިހިނެއްތޯ އަހާލިއެވެ. ކޯތާފަތުގައި އަމިއްލައަށް އަތްތިލަ ޖައްސާލުމާއެކު ލުއި ހިނިތުންވުމެއް އުޝާގެ ތުންފަތަށް ވެރިކޮށްލިއެވެ. ހީވީ އުފާވެރި އިހްސާސެއްގެ އަސަރަކާއެކު އަމިއްލަ ނަފްސާ ބަދަލުކޮށްލި ހިނިތުންވުމެއް ހެންނެވެ.

"މެރީކޮށްގެން އުޅޭއިރު އަންހެނަކަށް މިކަހަލަ ދުވަހެއް ވެސް އަތުވެދާނެ. އެއީ ބަލިވުމެއްނޫން... ހިޔެއްނުކުރަން މިދުވަސް ދުށުމަށް ލިބިދާނެކަމަށް. ޑަކްޓަރު ބެޑްރެސްޓް ނަގަން ބުނީމަ އެހެންވެ ލީވްގަ މިހުރީ. މިދުވަސްކޮޅު ސްޓްރެސް ރަނގަޅެއްނުވާނޭ ބުނީ. އަބަދު ހުންނަނީ މޭނުބައިކޮށްފަ.... އަހަރެންގެ ވާހަކަ ބާއްވާ. ނީރާ ކިހިނެއްތަ؟ ހާދަ ދުވަހެއްވެއްޖޭ ނުފެންނަތާ. އީހާނު ކޮބާ؟ މިހިސާބުގަ އެކަނި ކީއްކުރަނީ؟."

"އީހާނު ގޭގަ. އަހަރެން ވެސް ރަނގަޅު. ލައިޒަލް ހޭއެރީމަ ބުނެލާތި އަހަރެން އައޭ. އެހާ ގިނައިރު އިނދެވޭކަށްނެތް. މިހިސާބަށް ކަމަކު އައީމަ އުޝާގެ ހާލު ބަލާލަން ވަނީ." ގަސްދުގައި ލައިޒަލްއާ ބައްދަލުވާން ނީރާ ބޭނުންނުވީއެވެ. އުޝާއާ ފެނިފައި އޭނާގެ ހިތަށްވީގޮތް އެނގެއެވެ. ކުރި އަސަރު ފިލުވާލަން ފަސޭހައެއްނުވާނެއެވެ. ވީއިރު ނިދިމޫނާއެކު ހޭލާއިގެން ކޮޓަރިން ލައިޒަލް ނުކުންނަތަން ބަލަން އޭނާއަށް ކެތްވާނެ ހެއްޔެވެ.

"އަދި ބްރެކްފަސްޓް ރެޑީއެއް ނުވޭ. އެހެންވިޔަސް އެއްޗެއް ބޯލަންވީނު. ސައިތަށްޓެއް ގެންނަންތަ؟" އުޝާ ހިނިތުންވީ ނަމަވެސް އޭނާ ހަގީގަތުގައި ނީރާއާ މެދު ގަޔާނުވާކަން އެއީ ޚުދު ނީރާއަށް ވެސް އެނގޭ ކަމަކެވެ. ދެއްކުންތެރި އަންހެނެއްކަމެވެ. އެހެންވެ ނީރާއަށް ދައްކަން ވެސް އޭނާ ލައިޒަލް މެދުވެރިއަކަށް ހަދާފާނޭ ނީރާއަށް ހީވާންފެށިއެވެ. އަވަހަށް އެތަނުން ނުކުންނަންވީކަމުގައި ނީރާގެ ޟަމީރު ބުނަންފެށިއެވެ.

"އޯކޭވާނެ. ފުރަންވެގެން މިއުޅެނީ... އެހެންވެ ވަގުތު ނެތީ." ނީރާ ތެދުވަމުން ބުނެލިއެވެ.

"ކޮންތާކަށް ދަނީ." އުޝާ ޝައުގުވެރިވިއެވެ.

"އަތޮޅުތެރެ ބަލާލަން." ލުއި ހިނިތުންވުމެއް މިފަހަރު ނީރާ ވެސް ބަދަލުކޮށްލިއެވެ.

"އަދިވެސް ހަނީމޫންގަތަ؟ އަހަރެން ހީކުރީ މިހާރު ނީރާ ވެސް ޕްރެގްވާނެކަމަށް. އީހާނު އޭރު..."

"ހުރެވޭކަށްނެތް." ގަސްދުގައި އުޝާގެ ވާހަކަ ނީރާ ހުއްޓުވީއެވެ.

އެޕާޓްމެންޓުން ނުކުމެފައި ނީރާ ހުއްޓިލިއެވެ. ދެން ގެނައި ކުއްލި ހަރަކާތުން އެނބުރިލާފައި އުޝާގެ ގައިގާ ބައްދާލިއެވެ. އުޝާއަށް ވެސް ލިބުނު ސިހުމުގައި ހަރަކާތެއްކޮށްލާކަށް ނުކެރުނެވެ. ނީރާ ދުރަށް ޖެހިލުމާއެކު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ދަނީއޭ ބުނެލުމާއެކު ނީރާ ހިނގައިގަތީއެވެ. ނީރާ ގޮސް ލިފްޓަށް އަރަންދެން ދޮރުކައިރީ އުޝާ ބަލަން ހުއްޓެވެ.

"އިޒް އިޓް ޓޫ މަޗް... ނޯ. އައި ޑިޑް އަ ގުޑް ޖޮބް. ނަސީބެއް ލައިޒަލްއަށް ގޮވާށޭ ނުބުނިކަން. އެންޑް ދިސް ޝާޓް... ދޮވެލާފަ އަލަމާރިގަ އަޅުވާލީމަ ނޭނގޭނެ ލައިޒަލްއަކަށް." އުޝާ ކޮޓަރިއަށް އައިސް ލައިގެން ހުރި ލައިޒަލްގެ ގަމީސް ބޭލިއެވެ. ލައިޒަލްއަށް ފެނިއްޖެނަމަ އޭނާ ދެކޭގޮތް ރަނގަޅުނުވާނޭކަން އެނގޭތީއެވެ. އެހެންވިޔަސް ލައިޒަލްގެ ފޯނުން ނީރާގެ ފޮޓޯގަނޑު ފެނުނީއްސުރެ އޭނާ ހުރީ އެކަމަށް ބޭނުންވެފައެވެ. ލައިޒަލްގެ ކުރިމަތީގަ އެގޮތަށް ހުންނާނޭ ފުރުސަތު ނުލިބުނަސް މިއަދު އޭނާއަށް ތަގްދީރު އެ ދިނީ ރަނުގެ ފުރުސަތެއްކަން އުޝާ ގަބޫލުކުރިއެވެ. އުފަލުން އޭނާއަށް ހީނލެވުނީ ތަންކޮޅެއް ބާރަށެވެ. އުއްޑުން އެނދުމައްޗަށް އޭނާ ވެއްޓިގަތެވެ. ރިދާއާއި ނީރާއާ ދެމެދު އޮންނަ ގާތްކަމަކީ އުޝާއަށް ނޭނގޭ ކަމެއްނޫނެވެ. ނީރާއާ ބައްދަލުނުވާނަމަ އޭނާއާ ހަމައަށް ޚަބަރެއް ދޭންވެއްޖެނަމަ ޖެހޭނީ ރިދާ ކައިރީ ބުނެލަންކަން އުޝާއަށް އެނގެއެވެ. އެއުކުޅުގެ ބޭނުން އޭނާ ރަނގަޅަށް ހިފައިފިއެވެ. ފައިދާ ވެސް ކޮށްފިއެވެ. ނީރާ އޭނާގެ ކުރިމައްޗަށް އައުން އެއީ އާދައިގެ އައުމެއްނޫންކަން އުޝާއަށް ޔަގީންވެއެވެ.

"ދެން ދޭ ހިތްހަލާކުވެގެން. ލައިޒަލްއާ ދުރުގަ ގޮސް ހުރޭ... އަބަދަށް އީހާނުގެ މީހަކަށްވެގެން. އެކަމަކު އީހާނު... މިގެއަށް ނީރާ އެކަނި އަންނަން އީހާނު އެއްބަސްވީތަ. އަނެއްކާ އީހާނަށް އެނގޭބާ ނީރާ މިގެއަށް އައިކަން. ލައިޒަލް ހުންނަ ތަނަކަށް ނީރާ އަންނަން އީހާނު އެއްބަސްވާނޭ މަގޭ ހިތެއް ނުބުނޭ."

އުޝާ ނިކަން އަވަހަށް އެނދުން ތެދުވިއެވެ. ފޯނު ނެގިއެވެ. އީހާނުގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. ރިންގުވެފައި ފޯނު ކެނޑުނީއެވެ. ދެވަނަ ފަހަރަށް ގުޅުމުން ވެސް އީހާނު ފޯނެއް ނުނެގިއެވެ.

ނީރާއަށް ވިސްނެމުންދިޔައީ އުޝާ ދެއްކި ވާހަކަތަކާ މެދުއެވެ. ޔަގީނުން ވެސް އުޝާގެ ބަނޑަކުން އަދިއެއް އޭނާ ބަނޑުބޮޑުކަމެއް ނޭނގެއެވެ. އުޝާގެ ގައިގާ ބައްދާލީ ވެސް ކަމެއް ނީރާ ޔަގީން ކުރާށެވެ. އޭނާއަށް އުޝާ ލައިގެން ހުރި ގަމީހުން ލައިޒަލްގެ ވަހެއް ނުދުވައެވެ. އެހެންވިޔަސް އެއީ ލައިޒަލްގެ ގަމީހެއްކަން ނީރާއަށް ޔަގީނެވެ. ލައިޒަލްއާ ދެމެދުގައި ގާތްކަމެއް ނެތްނަމަ މިއަދު އެ ފެނުނު ގޮތަށް އުޝާއެއް ނުހުންނާނެކަން ނީރާއަށް ވެސް ގަބޫލުކުރެވެއެވެ.

އެއާޕޯޓަށް ނީރާ އައީ އެކަންޏެވެ. ކުޑަކުޑަ ލަގޭޖްއަކާއި ބެކްޕެކެއް އޮތެވެ. ޗެކިން ފެށުމުން ނީރާ ޗެކިންވިއެވެ. ބޯޑިންއަށް ގޮވާލަންދެން އޭނާ އިނީ ފުރާ މީހުން މަޑުކޮށްލައިގެން ތިބި ބެންޗެއްގައެވެ. ފްލައިޓަށް އެރުމުގެ ކުރީން ރިދާއަށް ނީރާ ގުޅިއެވެ. އޭނާ ރިދާއާ ވާހަކަދައްކަމުން ދަނިކޮށް އިތުރު ފޯނުކޯލެއް އަންނަން ފެށިއެވެ. ހެޑްސެޓް ޖަހާލައިގެން އިނުމުން އަތުގައި އޮތް ފޯނުގެ އިސްކުރީނު ވަގުތުން ނީރާއަށް ފެނުނެވެ. އޭނާއަށް ގުޅަނީ ލައިޒަލްއެވެ. ނަގާނީތޯ ނޫނީ އަޅާނުލާތީ ނީރާ ވިސްނަމުން ދިޔައެވެ. ބަލަން އިންދާ ކޯލު ކެނޑިއްޖެއެވެ. މަދު ސިކުންތުކޮޅެއް ތެރޭ އަނެއްކާ ވެސް ލައިޒަލް ގުޅައިފިއެވެ. ހިންދިރުވާލާފައި ފުންނޭވާއެއް ނީރާ ލިއެވެ. ރިދާ ކައިރީ ފޯނެއް އަންނަނީ ކަމުގައި ބުނެ އެކުވެރިޔާގެ ކޯލު ކަނޑާލީއެވެ.

އޮފީސް މޭޒުދޮށުގައި އިނދެފައި ލައިޒަލް ވަގުތުން ކޮޅަށް ތެދުވިއެވެ. އޭނާގެ މޭޒުގެ ވައަތް ފަރާތު ބިތުގައި ހުރި މެދުމިނުގެ ބިއްލޫރި ކުޑަދޮރު ކައިރީ ލައިޒަލް އައިސް މަޑުކޮށްލިއެވެ. މޫނުގައިވާ ސީރިއަސްކަމުގެ އިތުރުން އޭނާގެ ނިތަށް ރޫގިނަވެލާފައިވެއެވެ. އަވަސް އަވަހަށް ހެލޯއޭ ބުނެލިއެވެ. އެހިނދު ހަމައެފަދައިން ފޯނުގެ އަނެއްކޮޅުން ބުނެލި އަޑު އިވުނެވެ. ލައިޒަލްއަށް ދެ ލޯ މަރާލެވުނެވެ. ލިބުނު ހިތްހަމަޖެހުމާ އެއްވަރަށް އެހިތަށް ވެރިވި ތަކުލީފު ވެސް އިތުރުވިއެވެ.

"ނީރާ..." ލައިޒަލް ގޮވާލިއެވެ.

"ހޭލެވުނީތަ؟" ނީރާ އަހާލިއެވެ. ލައިޒަލްއަށް ނީރާ އެބުނި އެއްޗެއް ދޭހައެއްނުވިއެވެ. ހައިރާންކަމެއް ލިބުނީ އެހެންވެއެވެ.

"ކީއްވެ އެސޯސިއޭޝަނުން ވަކިވީ. އަހަންނާ ގުޅުމެއް އޮތްތަނަކަށް ވާތީތަ؟ ނޫނީ އީހާނު ބުނީތަ؟" ނީރާގެ ހާލު އޮޅުންފިލުވާލާ ހިތުން ކެތްތެރިކަން ކޮޅުންލާފައި ހުރި އިރު ވެސް ލައިޒަލްގެ ދުލުން ބޭރުވީ އެހެން ބަސްތަކެކެވެ. ގާތްކޮށް ވާހަކަ ފަށައިފިނަމަ ނީރާ ވަގުތުން ކޯލު ކަނޑާލަފާނޭކަމުގެ ބިރު ލައިޒަލްގެ ހިތުގައި އޮތީއެވެ.

"ލައިޒަލް ބަލަން ޖެހޭވަރު ކަމެއްނޫން އެއީ."

"ކޮންތާކު ތިހުރީ؟." އިވޭ އަޑުތަކުން ލައިޒަލްއަށް އަހާނުލާ ނުހުރެވުނީއެވެ.

"އެޔެއް ބަލަނީ ކީއްކުރަން. އުޝާ ބުނީމަ ޔަގީންކުރަންތަ ތިގުޅީ."

"ވިލް ޔޫ ކާމް ޑައުން. އީހާނު ކައިރީގަ ހުރީތަ؟ އެހެންވެތަ ތިހެން ތި ވާހަކަދައްކަނީ." ލައިޒަލްއަށް ހީވުމާއެކު އަހާލިއެވެ. ނީރާގެ ހަރުކަށިކަމަކީ ދެއްކުންތެރި ޢަމަލެކޭ ލައިޒަލްއަށް ހީކުރެވުނީއެވެ. ކޮޅަކުން ނުޖެހޭ ކަހަލަ ޖަވާބު ނީރާ އެ ދެނީ އީހާނު ހުރީމާއޭ ގަބޫލުކުރެވެނީއެވެ.

"ލައިޒަލް ތި ވާހަކަދައްކާއިރު އަނބިމީހާ ކައިރިއަކު ނެތްތަ. ދެމީހުން އެކުގައި އަދިވެސް އެނދުގަ ދޯ."

"އުޝާގެ ވާހަކަ ނުދައްކަބަލަ. ނީރާއަށް އެނގެއެއްނު ބަންދު ދުވަހެއްނޫނިއްޔާ މިގަޑީގަ އަހަރެން ހުންނާނީ އޮފީހުގަކަން. ޕްލީޒް ނީރާ. އަހަރެންނަށް ނީރާ ނުގުޅާއިރު އެޓްލީސްޓް އަހަރެން ގުޅީމަ ތިހެން ރުޅިއައިސްފަ ނުހުރެބަލަ."

"އައި އޭމް ލީވިން... ލީވިން ޔޫ އެންޑް އެވްރިވަން. ދިސް ޓައިމް އައި ވޯންޓް ބީ ބެކް. ނޮޓް އީވަން ފޯ ޔޫ... ބައި ދި ވޭ. ކޮންގްރާ... ބައްޕައަކަށްވާން އުޅޭތީ. އަހަންނަށް މިހާރު އެނގިއްޖެ ކީއްވެކަން އެ ފޮޓޯތަކާއި ވީޑިއޯތައް ލައިޒަލް ފޮނުވީ. ޔޫ ވޯންޓް ޓު މޭކް އަ މެސް ވިތް މައި ފީލިންގްސް. އަހަރެންގެ ދިރިއުޅުން ހެލްއަކަށް ހަދާފައި އަމިއްލައަށް މޫވްއޮން ކުރަން ބޭނުންވީ. ވެލް ޔޫ ހޭވް އެޗީވްޑް އިޓް. އުފާވެރި އާއިލާއަކަށް މަރުހަބާ."

"ކޮންވާހަކައެއް ތިދައްކަނީ؟. ޑޯންޓް ޓެލް މީ... އާ ޔޫ... ޕްރެގްނެންޓް." ނިތްކުރީގައި ލައިޒަލްއަށް ހިފަހައްޓާލެވުނެވެ. ނީރާދެއްކި ވާހަކަތަކުން މުހިންމުކަމެއް ލައިޒަލްއަށް ދެވުނީ އޭނާ ބައްޕައަކަށް ވާން އޫޅެނީއޭ ބުނެލި ބަހަށެވެ. މޭގައިވި ހިތް ތެޅިގަތްއިރު މޭފަޅާ ނުކުންނަން އުޅުނު ކަހަލައެވެ.

"ނީ... ޓެލް މީ. ޕްލީޒް... މިހާ ދުވަހު އެކަން ސިއްރުކޮށްގެންތަ ތިހުންނަނީ." ނީރާގެ އަޑެއް ނީވުމުން ލައިޒަލްއަށް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ.

"އެއްވެސް ކަމެއް ނޭނގޭކަމަށް ނުހަދާ... ކީއްވެ މިހާރު އެހެން ހެދީ. ކީއްވެ އެ ވީޑިއޯތަކުގެ ބޭނުން މިހާރު ހިފީ. ކީއްވެ އީހާނަށް އެ އެއްޗެހި ފޮނުވީ. އެ މަންޒަރުތައް އެހެން މީހަކު ބަލަން ދިނީ ކީއްވެ. އަހަރެންގެ ހުރިހާ އެއްޗެއް ދިން މީހަކީތީ. އެކަން ހަމަ ރަނގަޅަށް އެނގޭނެ. ދެން ކީއްވެހޭ؟... ކީއްވެ އެގޮތަށް ފަޟީޙަތްކުރީ." ލައިޒަލްއާ ވާހަކަދައްކަމުން އައިސް ފާޚާނާއަށް ވަދެ ހުރި ނީރާއަށް ހަޅޭލަވައިގަނެވުނެވެ.

"ވެން؟... ކޮންއިރަކު އަހަރެން ފޮނުވީ. އިސްތައްޓެއްގެ މިންވަރު ވެސް އަހަރެން އެހެން މީހަކާ ނީރާ ޝެއާކުރަން ބޭނުންނުވާއިރު އެހެން ހަދާނޭ ހީވަނީތަ؟. އީހާނު... ދެޓް ލައިން ބަސްޓާޑް..."

"މީ ދޮގެއްނޫން. އަހަރެންގެ ލޮލުން ދުށީ. އީހާނުގެ ފޯނުގަ ހުރީ... ވަޓްސްއެޕްއިން ފޮނުވާފަހުރީ ލައިޒަލްގެ އެކައުންޓުން. ބޭނުންވި ކަންތައްވެއްޖެއެއްނު." ބޯޑިންއަށް ގޮވާ އަޑު ނީރާއަށް އިވުނީ ދެނެވެ. އަތުގައި އޮތް ބޯޑިންޕާސްއަށް ބަލާލިއެވެ. ތެމިފައިވާ ކޯތާފަތާއި ދެ ލޯ ފުހެމުން ނީރާ ލޯގަނޑު ބަލާލިއެވެ. ދެން އޭނާ ގެންގުޅޭ އަވިއައިނު ލޮލުގައި އަޅާލައިގެން ފާޚާނާއިން ނުކުތެވެ.

"އައި ޑޯންޓް ވޯންޓް ޓު ޓޯކް ޔޫ އެނީމޯ. މިހާރު ވެސް މާގިނަ ބޭކާރު ވާހަކަދެއްކިއްޖެ... އުޝާއާއެކު އުފާވެރި ދިރިއުޅުމަކަށް އެދެން."

"ޕްލީޒް ވެއިޓް... ނީރާ... ނީރާ..." ލައިޒަލްގެ އަޑު އިވުނު ހެން ހިޔެއްނުވެއެވެ. ނީރާގެ ކޯލު ކެނޑިއްޖެއެވެ.

"ބޯޑިންއަށް ގޮވާއަޑު... ޝީ އިޒް... އެއަރޕޯޓްގަ. ސީރިއަސްކޮށް ވެސް ދޫކޮށްލާފަ ދަނީތަ؟. ކޮންތާކަށް؟. އީހާނާއެކީތަ... ނީރާ. ނޯ!...ނޯ!..ނޯ!... ޔޫ ކާންޓް ޑޫ ދިސް ޓު މީ. އައި ވޯންޓް ލެޓް ޔޫ." ލައިޒަލްއަށް ތެޅިގަނެވުނެވެ. ނީރާ ފޯނު ނަގާތޯ އޭނާއަށް ގުޅަމުން ހަލުވި ފިޔަވަޅުގައި އޮފީހުން ލައިޒަލް ނުކުތީއެވެ.

ކާރަށް އަރަންދެން ނީރާއަށް ގުޅޭތޯ ލައިޒަލް މަސައްކަތް ކުރިއެވެ. ކޮންމެ ފަހަރަކު ރިންގުވެފައި ކެނޑެނީއެވެ. މިހާރު ފޯނު ވެސް އޮތީ ނިވާލާފައެވެ. ހާސްކަން ހަމައަކަށް އެޅުވުމަށް ލައިޒަލް ފުންނޭވާއެއް ލިއެވެ. ސިކުނޑީގެ ބޭނުން އޭނާ ހިފިއެވެ. ކާރު ދުއްވާލުމާއެކު އޭނާ ޔަމާނަށް ގުޅިއެވެ. އީހާނު ކޮބާތޯ ބަލާށެވެ. (ނުނިމޭ)