ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު ކަމުން ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ދުރުވެއްޖެ އެވެ.
ސަސްގެ ފޭސްބުކް ޕޭޖުގައި ރޭ ބުނެފައިވާ ގޮތުން އެޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރި މޯހަން އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމީ ދެފަރާތުން އެއްބަސް ވެގެންނެވެ. މިއީ އެއްވެސް މައްސަލައެއް ޖެހިގެން ނިންމި ނިންމުމެއް ނޫން ކަމަށާއި ދެފަރާތަށް ވެސް އެންމެ ފައިދާ ބޮޑީ މިގޮތް ކަމަށް މޯހަން ބުންޏެވެ.
ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި ސަސްގެ ކޯޗު ކަމާއި މޯހަން ހަވާލުވީ ސީޒަންގެ މެދުތެރެއިންނެވެ. އޭގެ ކުރިން އެޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރީ އަހުމަދު ނާޝިދު (ނާދު) އެވެ. އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މޯހަންގެ ކޯޗްކަމުގެ ދަށުން ސަސް މިދިޔަ ސީޒަނުގައި ކުޅުނު އަށް މެޗުގެ ތެރެއިން އެޓީމު ވަނީ ދެ މެޗު ކާމިޔާބުކޮށް، ދެ މެޗު އެއްވަރު ކޮށްފަ އެވެ. ސަސް އިން ލީގު ނިންމާލީ 14 މެޗުން ހޯދި 15 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަ ވަނައިގައި އޮވެގެނެވެ.
މިދިޔަ ސީޒަން މޯހަން ފެށީ ކްލަބް އީގަލްސް އިންނެވެ. ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗްގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ބަލިކޮށް އީގަލްސްއިން ވަނީ ސީޒަނުގެ ފުރަތަމަ ތަށި ކާމިޔާބު ކޮށްފަ އެވެ. އެކަމަކު ލީގުގެ ފުރަތަމަ ބުރުގައި މާ ރަނގަޅު ކުޅުމެއް އީގަލްސްއަށް ނުދެއްކުނެވެ. އެހެން ކަމުން ދެފަރާތުން އެއްބަސްވެގެން މޯހަން ވަނީ އީގަލްސްގެ ކޯޗު ކަމާއި ދުރުވެފަ އެވެ.
ކުލަބް ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ މޯހަން ވަނީ ފުރަތަމަ ޑިވިޝަނުގައި ސަސް އާއި އީގަލްސްގެ އިތުރުން ނިއުރޭޑިއަންޓާއި، ވެލެންސިއާ އަދި މަހިބަދޫގެ އިތުރުން ދ. ކުޑަހުވަދޫ ޓީމަށްވެސް ކޯޗުކަން ކޮށްދީފަ އެވެ. އަދި 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު، ރާއްޖެ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ވެސް ހުރީ މޯހަން އެވެ. މޯހަންގެ ކޯޗިން ކެރިއަރު އެންމެ ކާމިޔާބު ކޮށް ނިއުރޭޑިއެންޓާއި އެކު ފެނުނު އިރު، އެކުލަބާއެކު މޯހަންވަނީ 2012 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ.