ކުޅިވަރު

ބަކާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީން މިއަދު ގަލޮޅު ދަނޑުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަފްތަރު ހުޅުވުމާ އެކު ފުރަތަމަ ބަޔާނެއް ލިޔުއްވާ ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

ދަފްތަރުގައި މިއަދު ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ސްޕޯޓްސް މިނިސްޓްރީއާއި އޮލިމްޕިކް ކޮމިޓީއާއި އެފްއޭއެމްގެ ވެރިންގެ އިތުރުން އެކި ދުވަސްވަރު ބަކާއާ އެކު މަސައްކަތް ކޮށްފައިވާ ކޯޗުންނާއި އެކުގައި ކުޅެފައިވާ ކުޅުންތެރިންވެސް ވަނީ ދަފްތަރުގައި ސޮއިކުރައްވާފަ އެވެ.

ބަކާގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރު އަންނަ އާދިއްތަ ދުވަހުގެ ރެއަށް ހުޅުވާފައި ބާއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެ އެވެ.

ފަހުގެ ތާރީހެއްގައި ދިވެހި ފުޓުބޯޅައިން ފެނުނު އެންމެ ހުނަރުވެރި އަދި އެންމެ ވިދުންގަދަ އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބަކާ، މިމަހުގެ 25 ވަނަ ދުވަހު ނިޔާވީ ރާއްޖެއިން އަލަށް ފެނިގެން އުޅޭ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރާއްޖެއާއި ސްރީލަންކާގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާއްޖެއިން 2008 ވަނަ އަހަރު ކާމިޔާބު ކުރި ޓީމުގައި ހިމެނި އަދި އޭގެ 10 އަހަރު ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައިވެސް ބަކާ ހިމެނުނެވެ.