ރައްޔިތުންގެ މަޖިލިސް

ނަޖިސް ފެން ކަނޑަށް ދޫކުރަން އުޅޭތީ މަޖިލީހަށް

ސާފުނުކުރާ ނަޖިސް ފެން ކަނޑަށް ދޫކުރަން އުޅޭ ކަމަށް ބުނެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި މައްސަލައިގައި ބުނީ ހުޅުމާލޭގައި އަޅަން ނިންމި ސިވޭޖް ޓްރީޓްމަންޓް ޕްލާންޓް ޓެންޑާގެ މަސައްކަތް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ތިމާވެއްޓާ އިގްތިސާދަށް ވެސް ގެއްލުން ލިބޭ ގޮތަށް ކަމަށެވެ.

ތިމާވެށްޓަށް ގެއްލުން ލިބިދާނެކަމެއްގެ ގޮތުގައި ހައިތަމް ފާހަގަކުރެއްވީ ސާފުނުކޮށް ހުންނަ ނަޖިސް ފެން ކަނޑަށް ދޫކުރާ ގޮތަށް ސިވޭޖް ޓްރީޓްމަންޓް ޕްލާންޓް ޓެންޑާގެ މަސައްކަތް ފަރުމާކޮށްފައި އޮތުމެވެ. އަދި އޭގެ ސަބަބުން ކަނޑުގެ ދިރުން ތަގައްޔަރުވެގެން ދާނެ ކަމަށެވެ.

ރާއްޖޭގައި އަމަލުކުރާ ސިވޭޖް ޑިސްޕޯސަލް ރެގިއުލޭޝަންގައި ބުނާ ގޮތުގައި ނަރުދަމާގެ ތެރެއިން ކަނޑަށް ދޫކުރާ ފެނުގެ އެފްލުއެންޓް ކޮލިޓީ ރިކުއާމަންޓް ހުންނަން ޖެހޭނީ ލީޓަރެއްގައި އެންމެ ގިނަވެގެން ވެސް 20 މިލިގްރާމްގެ އޮކްސިޖަން ބަޔޯ ކެމިކަލް ޑިމާންޑް (ބީއޯޑީ5) ކޮންސެންޓްރޭޝަނެވެ. އެހެންނަމަވެސް ހުޅުމާލޭ ސިވޭޖް ޕްލާންޓުގެ ޓެންޑާ ފަރުމާކޮށްފައި އޮތް ގޮތުން 10،000 ކިއުބިކް މީޓަރުގެ ނަޖިސް ފެން ކަނޑަށް ދޫކުރެވިދާނެ ކަމަށް ހައިތަމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

އިގްތިސޯދީ ގެއްލުންތަކަށް ބަލާލާއިރު ސިވޭޖް ޕްލާންޓުން ކަރަންޓު ބޭނުންކުރާ މިންވަރު އިންތިހާ އަށް އިތުރުވާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ ޕްލާންޓަށް ދުވާލަކު 15 މެގަވޯޓުގެ ކަރަންޓު ބޭނުންވާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި 2030ގެ ކުރިން ނެޓް ޒީރޯ ކާބަން އެމިޝަންގެ މިޝަނަށް ރާއްޖެ ގެންދަން އަމާޒު ހިފައިފައިވާއިރު ހުޅުމާލޭގައި ހަދާ ސިވޭޖް ޕްލާންޓާއެކު ކަރަންޓު އުފަންދަން ޖެހޭ މިންވަރު އިތުރުވެގެން ދާނެ ކަަމަށްވެސް ބުނެފައިވެ އެވެ.

ހައިތަމް ދެކެވަޑައިގަންނަވާ ގޮތުގައި ސިވަރޭޖް ނިޒާމް ފަރުމާކުރަން ޖެހޭނީ ރާއްޖެއަށް އެކަށީގެންވާ ގޮތަށް އީޖާދީ ހައްލުތަކާއެކު އެވެ. އަދި މިވަގުތު ދުނިޔޭގައި ހުރި އެންމެ ޒަމާނީ އީޖާދީ ޓެކްނޮލޮޖީގެ ބޭނުން ހިފައި ތިމާވެއްޓަށާއި ގުދުރަތީ ފެންފަށަލައާއި ކަނޑުގެ ދިރުންތަކަށް ގެއްލުން ކުޑަވާނެ ގޮތަކަށެވެ. އެހެންކަމުން އެ ކަމުގައި ޒިންމާވާ ފަރާތްތައް މަޖިލީހަށް ހާޒިރުކޮށް އެ މައްސަލަ ބެލުމަށް ހައިތަމް އެދިވަޑައިގެންފައިވެ އެވެ.