ވިޒިޓް މޯލްޑިވްސް

ރާއްޖެ އިޝްތިހާރުކުރަން އައި މެދުއިރުމަތީގެ ޓީމު ފުރައިފި

Oct 21, 2021

ގައުމުތަކުގެ ނޫސްވެރިން މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މެދުއިރުމަތީގެ ބޮޑެތި މަޖައްލާތަކުގެ މީޑިއާ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވުމަށްފަހު ފުރައިފި އެވެ.

ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ރާއްޖެ އައިސްފައިވަނީ މެދުއިރުމަތީގައި އާންމުންގެ މެދުގައި މަގުބޫލު ނޫސް މަޖައްލާތަކުގެ ތެރޭގައި ހިމެނޭ ޓްރެވަލް އެންޑް ޓޫރިޒަމް ނޫސް މަޖައްލާތަކުގެ ނޫސްވެރިންނެވެ.

ރާއްޖެ އައި ނޫސްވެރިން މަސައްކަތް ކުރާ މަޖައްލާ ތަކުގެ ތެރޭގައި ކޮންމެ ދުވަހަކު، ކޮންމެ ހަފްތާއަކު، ކޮންމެ މަހަކު ނުވަތަ ކޮންމެ ހަމަހުން އެއްމަހުވެސް ލިޔުންތައް ނެރޭ މަޖައްލާތައް ހިމެނެ އެވެ.

މެދުއިރުމަތީގެ ނޫސްވެރިން ރާއްޖޭގައި ހަރަކާތްތެރިވީ މިމަހުގެ 15 އިން އިއްޔެގެ ނިޔަލަށެވެ.

ނޫސްވެރިން ރާއްޖޭގައި ތިބީ ހުރަވަޅި ކަގި މޯލްޑިވްސް، އައިލެންޑް ރިޒޯޓް އެންޑް ސްޕާ އަދި ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫގަ އެވެ. އެ މީހުން ރިސޯޓު ތަކުގައި ތިބިއިރު އެ ތަންތަނުގެ ސްޕާގެ ޚިދުމަތާއި، ރެސްޓޯރަންޓްތަކުން ލިބޭ ތަފާތު ކެއުންތައް ތަޖުރިބާކޮށް ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކުގައި ބައިވެރިވެފައިވެ އެވެ.

މެދުއިރުމަތީގެ ނޫސްވެރިން އެމީހުން ގައުމަށް އަނބުރާ ދިއުމަށްފަހު އެ މީހުން މަސައްކަތް ކުރާ މަޖައްލާ ތަކުގައި ހަތަރު މަސް ވަންދެން ރާއްޖެއާ ގުޅޭގޮތުން ލިޔުންތައް ލިޔާނެ އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ އެފަދަ އާޓިކަލްތަކާ ގުޅިގެން މެދުއިރުމަތީގެ މަތީ ފަންތީގެ އަދި ބަޖެޓް ފަތުރުވެރިންނާ ހަމައަށް ރާއްޖެ އިޝްތިހާރު ކުރުމުގެ ތެރެއިން ދޭން ބޭނުންވާ މެސެޖުތައް ފޯރާނެ ކަމަށެވެ. އެކަމުގެ ސަބަބުން މެދުއިރުމަތިން ރާއްޖެ އަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ.