ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ އެހީގައި ދެ ސީއެމްބިއުލާންސް ހޯދަނީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މިއަދުވެވުނު އެއްބަސްވުންތަކަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން އެކި އިދާރާތައް މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާ މަސައްކަތްތަކެކެވެ.

މިއަދު ސޮއިކުރި އެމްއޯޔޫތަކުގެ ދަށުން އިފްތިތާހުކުރި މަސައްކަތްތަކަކީ ޖުމްލަ 36،609،600 ރުފިޔާގެ ހިލޭ އެހީ އެއް ކަމަށް ދިވެހި ފޮރިން މިނިސްޓްރީން ބުންޏެވެ. މި މަސައްކަތުގެ ތެރޭގައި ހިމެނެނީ ދެ ސީ އެމްބިއުލާންސް ހޯދުމާއި ގދ ތިނަދޫ އާއި ލ ގަން އަދި ހއ ދިއްދޫގެ ސްކޫލުތަކުގެ އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް ހަރުދަނާ ކުރުމާއި ލ މާބައިދޫގައި އައިސް ޕްލާންޓެއް އެޅުމާއި އޮލިމްޕަސް ހޯލް އަޕްގްރޭޑިން ޕްރޮޖެކްޓްގެ އިތުރުން ނ މިލަދޫގައި މަލްޓި ޕާޕަސް ކައުންސިލް އިމާރާތެއް ހެދުމާއި އދ. ދަނގެތީ ކަލްޗަރަލް ސެންޓަރު އިމާރާތް ކުރުމުގެ އިތުރުން ތ ތިމަރަފުއްޓާއި ތ ވޭމަންޑޫގެ މަގުބައްތި ހަރުކުރުމެވެ.

މި އެމްއޯޔޫތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހްމަދު ހަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.

85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ މި ސްކީމްގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ފުރަތަމަ ސޮއިކޮށްފައިވަނީ މާޗް 17، 2019 ގައެވެ. އަދި މި ސްކީމް 155 މިލިއަން ރުފިޔާއަށް އިތުރުކުރުމަށް ސޮއިކޮށްފައިވަނީ ޖުލައި 23، 2021 ގައެވެ.