އަބްދުﷲ ޝާހިދު

ސުދީރަކީ ކަންކަން ކުރައްވަން ކެރޭ ބޭފުޅެއް: ޝާހިދު

އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރަކީ ކަންކަން ކުރައްވަން ކެރޭ ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ޝާހިދު، ސުދީރަށް ތައުރީފު ކުރެއްވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ.

ޝާހިދު ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުން އެ ގޮތުގައި ދެމެހެއްޓުމަށް ސުދީރު ކުރެއްވި މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ. އަދި އެ މަަސައްކަތުން ދެ ގައުމުގެ ގުޅުން ދެމެހެއްޓުމަށް އިތުރު ބާރަކަށް ވެއްޖެ ކަމަށެވެ. ސުދީރަކީ ކަންކަން ކުރައްވަން ކެރިވަޑަައިގަންނަވާ ކަންކޮށްފައި ނަތީޖާ ދައްކަވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

"ދެގޮތެއްނުވެ ދެ ގައުމުގެ ގުޅުމުގައި ސާބިތުވެ ހުންނެވީތީ ހިތުގެ އެންމެ ފުންމިނުން އަޅުގަނޑުމެން އެންމެންގެ ނަމުގައި ޝުކުރު ރައްދުކުރަން. ތިޔަ ބޭފުޅާގެ ތި ހުންނެވި ޖޯޝުގެ ސަބަބުން ރާއްޖެ-އިންޑިއާ އެކުވެރިކަން އެތައް އަހަރުތަކަކަށް ދެމިގެންދިޔުމަށް އިތުރު ބާރަކަށް ވެއްޖެ. ތިއީ ކަންކަން ކުރައްވަން ކެރޭ ބޭފުޅެއް. ކަން ކޮށްފައި ނަތީޖާ ދައްކަވާ ބޭފުޅެއް. މިކަމަށް އަޅުގަނޑު ބުނެލާނީ ޝުކުރިއްޔާއޭ،" ޝާހިދު ވިދާޅުވިއެވެ.

މިއަދަކީ ސުދީރުގެ ސަފީރު ކަމުގެ ފަހު ދުވަހެވެ. ސުދީރުގެ އެންމެ ފަހު މަސައްކަތްތަކުގެ ތެރޭގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން އިތުރު މަސައްކަތްތަކުގައި ސޮއިކުރެއްވުމަކީ އެންމެ އެކަށީގެންވާ އެއް ކަންތައް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެ އަބަދުވެސް އޮންނާނީ އިންޑިއާގެ އެކުވެރިއެއްގެ ގޮތުގައި ކަމަށެވެ.

ވަދާއީ ސަލާމް ކުރުމަކީ އަޅުގަނޑުމެން ކުރާ ކަމެއް ނޫން. އަޅުގަނޑުމެންނަކީ އެކުވެރިކަން ތާއަބަދަށް ދަމަހައްޓާ ބައެއް. އަޅުގަނޑާއި، މުޅި މި ޓީމުން ވެސް މި އެކުވެރިކަން ދަމަހައްޓާނަން. ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އެކުވެރިއެއްގެ ގޮތުގައި. މިއީ މިއަދު އަޅުގަނޑުމެން ކުރާ ވައުދެއް،" ޝާހިދު ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ރާއްޖެ އަށް އަލަށް ކަނޑައެޅީ މިވަގުތު އޮމާންގައި ހުންނެވި އެ ގައުމުގެ ސަފީރު މުނޫ މަހާވަރު އެވެ.

އިލެކްޓްރިކަލް އިންޖީނިއަރިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ މުނޫ މަހާވަރު ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1996 ވަނަ އަހަރުން ފެށިގެންނެވެ. ބައެއް ގައުމުތަކުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ތަކުގައި މީގެކުރިން މަސައްކަތް ކުރައްވާފައިވާ މުނޫ މުހާބަރާ އޮމާންގެ ސަފީރު ކަމާ ހަވާލުވެވަޑައިގަތީ އޮގަސްޓް 21، 2018 ގައެވެ.