ލައިފްސްޓައިލް

ފޯނެއް ދިރުވާލައިގެން ހަ މަސް ވަންދެން ނުބުނެ

މިސުރު މީހަކު މޯބައިލް ފޯނެއް ދިރުވާލައިގެން އެކަކު ކައިރީވެސް ނުބުނެ ހަ މަސް ދުވަސް ވަންދެން ހުރެފި އެވެ. އޭނާ ހީކޮށްގެން ހުރީ ބޮޑުކަމުދާއިރު ނަޖިހާއެކު ފޯނު ވެސް ފައިބައިގެން ދާނެ ކަމަށެވެ. ފޯނު ދިރުވާލައިގެން ފާއިތުވީ ހަ މަސް ތެރޭ އޭނާ ޑޮކްޓަރެއް ކައިރިއަށް ނުދިޔައީ ކުރެވުނު ކަންތަކާ މެދު ގަނެފައިވާ ލަދުންނެވެ.

އޭނާ ހީކުރީ ލަހުން ނަމަވެސް ނަޖިހާއެކު ފޯނު ބޭރުވާނެ ކަމަށެވެ. ނަމަވެސް އުންމިދުކުރި ގޮތާ ޚިލާފަށް ފޯނު ގޮހޮރުގައި ތާށިވެ ކާ އެއްޗެތި ބްލޮކްވާން ފެށީ އެވެ. އަދި ބަނޑުގައި އާދަޔާޚިލާފަށް ގަދަޔަށް ރިއްސަން ފެށުމުން އެންމެ ފަހުން ކެތް ނުކުރެވިގެން ޑޮކްޓަރަށް ދައްކަން ދިޔައީ އެވެ.

ޑޮކްޓަރު މި މީހާގެ އެކްސްރޭ އާއި ސްކޭން ހަދައިގެން ބެލިއިރު ބަނޑު ތެރޭގައި ބޮޑު މޯބައިލް ފޯނެއް އޮއްވާ ފެނުމުން ވަރަށް ބޮޑު ޝޮކެއް ލިބުނެވެ. އަދި ފޯނުގެ ސަބަބުން ބަނޑާއި ގޮހޮރުގައި އިންފެކްޝަނެއް އުފެދި ފުރާނައަށް ނުރައްކާ ވެދާނެތީ އިމަޖެންސީކޮށް ސާޖަރީ ހަދައި ފޯނު ނެގީ އެވެ.

މި މީހާގެ ސާޖަރީ ހެދި އަސްވާން ޔުނިވަސިޓީ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވަނީ މިއީ މީހެއްގެ ބަނޑުން މިހާ ބޮޑު ފޯނެއް ނަގަން ސާޖަރީއެއް ހެދި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ ފޯނު އެމީހާ ދިރުވާލި ގޮތާ މެދު ވެސް ޑޮކްޓަރުން ސުވާލު އުފައްދަ އެވެ.

އެމީހާ ފޯނު ދިރުވާލި ސަބަބު ޑޮކްޓަރުން ކައިރީ ވެސް ނުބުނާ ކަމަށް ވެއެވެ. އަދި ސާޖަރީގެ ފަހުން އެމީހާގެ ސިއްހަތަށް ވީ ގޮތެއް ވެސް މިރިޕޯޓުގައި ބުނެފައެއް ނުވެ އެވެ.