ޓޫރިސްޓް އެރައިވަލް

މި މަސް ނިމޭއިރަށް އެއް މިލިއަން ޓޫރިސްޓުން ހަމަވާނެ

ކޮވިޑް-19 އަށްފަހު، އިކޮނޮމީ ހުޅުވި ފަހުން މި އަހަރު އައި ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް މި މަހު އަރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ ނުވަ ލައްކަ ފަހަނަ އަޅާފަ އެވެ.

އެއް މިލިއަން ޓޫރިސްޓުން ހަމަވުމާ ގާތް ވެފައި ވަނިކޮށް އެމްއެމްޕީއާރުސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19 އިގެ ގޮންޖެހުންތަކާއެކު ވެސް އެއް މިލިއަން ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ގާތްވެފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ބުނީ މިމަސް ނިމެންވާއިރަށް އެއް މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ ކުންފުނިން ބުނީ މި ކާމިޔާބީއަށް ވާސިލްވީ ޓޫރިޒަމް ސިނާއަަތުގެ ފަރާތްތަކާއި ސިއްހި ދާއިރާގެ ބޭފުޅުންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި މި މަސައްކަތްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާ މައި ކުންފުންޏެއްގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް އެ ކުންފުނިން އަމިއްލައަށް ބުނެފައިވެ އެވެ.

"... ކޮވިޑް-19 އަށްފަހު ބޯޑަރު ހުޅުވާލި ފުރަތަމަ މަންޒިލަކަށް ރާއްޖެ ވެގެން ދިޔައީ ރާއްޖޭގެ ރައީސްގެ ނިންމެވުމާއި މި ދާއިރާގެ ގިނަ ފަރާތްތަކާއެކު ކުރި ބުރަ މަސައްކަތާއި ތޫނުފިލި ނިންމުމުންތަކުންނެވެ،" އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ރާއްޖެއަކީ ވަކިވަކިން ރަށްތަކެއްގެ މައްޗަށް އެކުލަވޭ މަންޒިލަކަށްވުމުން އެކަން އިސްތިހާރު ކުރަން އިސްކަން ދީފައިވާނެ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ މި އަހަރު ހިންގި މާކެޓިން ހަރަކާތްތަކުގެ ލިސްޓެއް ވެސް ހާމަކޮށްފަ އެވެ.

މި އަހަރު ހިންގި ހަރަކާތްތައް

  • އިންޑަސްޓްރީއާއެކު 25 އަށްވުރެ ގިނަ ފެއާއަށް
  • ފަސް ރޯޑްޝޯއާއި އެއް ވާޗުއަލް ފެއާ
  • ބޭރުގެ ނޫސްތަކާއި ޓްރެވަލް އެޖެންސީއަދި ރޭޑިއޯ އެއާލައިންތަކާއެކު 39 ކެމްޕޭން ހިންގި
  • އިންފުލުއެންސަރުން ހިމެނޭ ގޮތަށް 22 ދަތުރެއް ރާއްޖެއަށް
  • އެއް ވަގުތެއްގައި ގިނަ ކެމްޕޭން ހިންގައި 6 ކެމްޕޭނަކުން އިސްތިހާރު ކުރުން

ރާއްޖެ މާކެޓު ކުރަން 10 މިލިއަން ޑޮލަރުގެ ބަޖެޓެއް މި އަހަރު ވެސް ދީފައިވާ ކުންފުނިން ބުނީ އަންނަ އަހަރު ވެސް މާކެޓު ކުރުމުގެ މަސައްކަތަށް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

އެއް މިލިއަން ހަމަވުމާ ގާތްވެފައިވާއިރު، ސަރުކާރުން ބުނެފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް ފަހުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކުރި ދިރާސާގައި ވަނީ މި އަހަރު އަންނާނީ 1.2 މިލިއަން ޓޫރިސްޓުން ކަމަށް ބުނެފަ އެވެ. އަދި އަންނަ އަހަރު އެންމެ ރަނގަޅު ހާލަތުގައި 1.8 މިލިއަން އަންނާނެ ކަމަށް އެމްއެމްއޭ އިން އިން ބުނިއިރު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ އަންނަ އަހަރު ދެ މިލިއަން އަންނާނެ ކަމަށް އަންދާޒާ ކުރައްވާފަ އެވެ.