ރޭ ނިމިގެންދިޔަ ރާއްޖޭގެ މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ކޯޗަކީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ކަމަށް އީގަލްސްގެ ކޯޗު ބުނެފި އެވެ.
މިއީ ރާއްޖޭގައި ކޯޗަކު އެންމެ މޮޅި ވަކި ކޯޗަކު ކަމަށް ފާޅުގައި ބުނި ފުރަތަމަ ފަހަރެވެ.
އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި އިއްޔެ ހަވީރު މާޒިޔާ އަތުން 2-1އިން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ސާންތީ ބުނީ ލީގުގެ ދެ ވަނަ މަގާމު ޓީސީ ހޯދީ ވަރަށް މަސައްކަތުން ކަމަށާއި ނިޒާމްބެ އަށް ޝުކުރު ހައްގު ކަމަށެވެ.
"މިކަން ކުރާ މީހުން (މޮޅު ކޯޗު ހޮވާ މީހުން) މިއަށް ވިސްނާނެ ކަންނޭނގެ. ގައިމު ވެސް އެފްއޭއެމުން މިކަން ގަބޫލުކުރާނެ. މި އަހަރު އަޅުގަނޑަށް އެންމެ މޮޅު ކޯޗަކީ ޓީސީގެ ކޯޗު ނިޒާމްބެ. އެއީ އެފެންބަރުގެ ޓީމެއް ގޮވައިގެން ލީގަށް ވާދަކޮށް އެންމެ ޕޮއިންޓެއް ނުވަތަ ދެ ޕޮއިންޓުން ލީގު ނުލިބިދިއުން މިއީ ކުރަން އެއްގޮތަކަށްވެސް ފަސޭހަ ކަމެއްނޫން. އެހެންވީމަ ނިޒާމްބެއަށް ކްރެޑިޓްދޭން ޖެހޭ،" ސާންތީ ބުންޏެވެ.
މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީސީ ވަނީ ނިޒާމްބެގެ ކޯޗުކަމުގެ ދަށުން ލީގުގެ ދެ ވަނަ މަގާމު ހޯދައިފަ އެވެ. އަދި ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި އެ ޓީމު ކެޓީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. މީގެ އިތުރުން ޓީސީ ވަނީ ނިއު އާއި މާޒިޔާ ވެސް މި ސީޒަނުގައި ބަލިކޮށްފަ އެވެ.