ޓޫރިޒަމް

ބޯޑާ މައިލްސްގެ ފުރަތަމަ އެމްބެސެޑަރު ރާއްޖެ އަތުވެއްޖެ

Oct 22, 2021

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ތައާރަފްކޮށްފައިވާ "ބޯޑާ މައިލްސް" ޕްރޮގްރާމުގެ ފުރަތަމަ ބްރޭންޑް އެމްބެސެޑަރު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެގޮތުން މިއަދު ރާއްޖެ އައީ ސްޕޭންގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ހޯސޭ އެންރީކޭ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އަށް މަރުހަބާ ކިޔާފައިވަނީ މޯލްޑިވްސް އިމިގްރޭޝަނާއި، އެމްއޭސީއެލް އަދި ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނެވެ.

ބޯޑާ މައިލްސްގެ އެމްބެސެޑަރަކަށް އެންރީކޭ ހަމަޖެއްސީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެންރީކޭގެ ދަތުރުގައި ބްރޭންޑެއްގެ ގޮތުގައި މޯލްޑިވްސް ބޯޑަ މައިލްސް އަދި ރާއްޖެ އިޝްތިހާރު ކުރުމުގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވާނެ އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް އަކީ މޯލްޑިވްސް އިމިގްރޭޝަނާއި، ޓޫރިޒަމް މިނިސްޓްރީ އާއި، އެމްއޭސީއެލްގެ އިތުރުން އެމްއެމްޕީއާރްސީ ގުޅިގެން މިދިޔަ އަހަރުގެ ތައާރަފުކުރި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިޓް ލިބޭ ގޮތަށެވެ. މި ޕްރޮގްރާމުގައި ހާއްސަ މުނާސަބަތު ތަކަށް ރާއްޖެ އަންނަ ޓޫރިސްޓުންނަށާއި އަދި ޓޫރިސްޓުން ރާއްޖެ އަންނަ އަދަދުން ވެސް ޕޮއިޓް އިތުރުވެ އެވެ.

މި ޕްރޮގްރާމުގައި ތިން ޕެކޭޖެއް ތައާރަފްކޮށްފައިވެ އެވެ. އެއީ "އައިދަ" ނަމަކަށް ކިޔާ ބްރޯންޒް ޕެކޭޖާއި "އަންތަރަ" ކިޔާ ސިލްވާ ޕެކޭޖެއްގެ އިތުރުން "އަބާރަނަ" ކިޔާ ގޯލްޑް ޕެކޭޖެކެވެ. ފަތުރުވެރިންނަށް ހާއްސަ ހިދުމަތްތަކެއް ލިބޭ މި ޕެކޭޖުތަކުގެ ތެރެއިން ގޯލްޑް ޕެކޭޖަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެ އެވެ.