އޮޑިޓާ ޖެނެރަލް އޮފީސް

"6،600 އަށް ދީފިނަމަ ގެއްލުން ވާނެ"

ހުޅުމާލޭ ހިޔާގެ ފްލެޓްތައް ކުރީގެ ސަރުކާރުން ކުއްޔަށް ދޭން ނިންމި ރޭޓުން ކުއްޔަށް ދީފިނަމަ ބޮޑު ގެއްލުމެއް ވާނެ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ހިޔާ ފްލެޓެއް ކުއްޔަށް ދޭން ކަނޑައެޅީ މަހަަކަށް 6،600 ރުފިޔާ އަށެވެ. މި ސަރުކާރުން އެ ކުލި 11،000 އަށް ބޮޑުކުރުމަށް ފަހު ފާޑުކިޔުންތައް މާބޮޑަށް އަމާޒުވުމުން ކުލީގެ ގޮތުގައި ފަހުން ކަނޑައެޅި 7،500 ރުފިޔާ އެވެ. އެ އަގު ހިސާބުކުރި ގޮތް ރިވިއުކޮށްދޭން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން އޮތީ އެދިފަ އެވެ.

އެ ހިސާބުތަށް ރިވިއުކުރުމަށް ފަހު އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނީ މެއިންޓަނެންސް ހަރަދުގެ ގޮތުގައި 1000 ރުފިޔާ ހިމަނައިގެން އަށް ޕަސެންޓް އިންޓްރެސްޓާ އެކު 20 އަހަރަށް ބަހާލައިގެން ކުރިން ކަނޑައެޅެ 11،000 ރުފިޔާއަކީ އެކަށީގެންވާ ރޭޓެއް ކަމަށެވެ. އަދި އެ ހިސާބު ހަދައިފައިވަނީ ހިޔާ މަޝްރޫޢު ހިންގަން ނެގި ލޯނުތަކާއި،ރީފައިނޭންސިންގ އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިޢާޔަތްކޮށް އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީއެމްއައި) މެތަޑް ބޭނުންކޮށްގެން ވެސް ފާހަގަކޮށްފައި ވެއެވެ.

ނަމަވެސް ނިމިގެން ދިޔަ ސަރުކާރުން އަގު ކަނޑައެޅީ އީއެމްއައި މެތަޑު ބޭނުންކޮށްގެން ނޫން ކަަމަށެވެ. އަދި ކުރީ ސަރުކާރުން ކަނޑައެޅި ރޭޓުން (6،600 ރުފިޔާ) އަށް މަހަކު ކުއްޔެއް ދީފިނަމަ ފްލެޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މުޅި ހިޔާ މަޝްރޫއުގެ އަގަކީ 8.1 ބިލިއަން ރުފިޔާ އެވެ. އަދި ކޮންމެ ޔުނިޓަކަށް 1.1 މިލިއަން ރުފިޔާ ހޭދަވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 11،000 ރުފިޔާއަށް ފްލެޓްތައް ކުއްޔަށްދީފިނަމަ 20 އަހަރުގެ ތެރޭގައި އެއްވެސް ޑިފޯލްޓެއް ނެތި ހަރަދުތައް ކެނޑުމުން ނެޓް ކޭޝްފްލޯގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ އެވެ. ނަމަވެސް މިހާރުގެ ރޭޓް 8500 ރުފިޔާއިން ކުއްޔަށް ދިނުމުން 138 މިލިއަން ރުފިޔާ ޑެފިސިޓް ވާނެ އެވެ. އަދި ކުރީ ސަރުކާރުން ކަނޑައެޅި 6600 ރުފިޔާގެ ރޭޓުން ނަމަ 9.2 ބިލިއަން ރުފިޔާ ޑެފިސިޓް ވާނެ އެވެ.

ކުރީ ސަރުކާރުން ފްލެޓްތަކުގެ އަގު ކަނޑައެޅީ އީއެމްއައި މެތަޑަށް ރިއާޔަތްނުކޮށް ކަމަށްވާތީ ކުރިއަށް އޮތް ތަނުގައި މިފަދަ މަޝްރޫއުތަކުގައި އީއެމްއައި މެތަޑަށް ރިއާޔަތް ކުރުމަށް އޮޑިޓާ ޖެެނެރަލް ލަފާދީފައި ވެއެވެ.

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އެޅި އެެވެ. ކުރީ ސަރުކާރުން އޮތީ 7000 ފްލެޓް ދޭން ނަމަވެސް މި ސަރުކާރުން ވަނީ އެ މަޝްރޫއަށް ބަދަލު ގެނެސް އެންމެ ތިރީގައި ހުންނަ ފްލެޓްތައް ކޮމާޝަލް ޔުނިޓްތަަކަށް ބަދަލުކޮށް ފްލެޓްތަކުގެ އަދަދު 6720 އަށް ކުޑަކޮށްފައެވެ

ފްލެޓްތަކަށް މީހުން މަޑުމަޑުން ވަންނަމުންދާ އިރު 200 އަށް ވުރެ އާއިލާ މިހާރު ވަނީ އެ ތަނުގައި ދިރިއުޅެން ފަށައިފަ އެވެ.