އެމްއެމްއޭ

ފައިނޭންސިން ވިޔަފާރިއަށް ހުއްދަ ދޭނީ ބޮޑު ރައުސުލްމާލެއް ހުރެގެން

Oct 23, 2021

ބޮޑު ރައުސުލްމާލެއް ހުރެގެން ނޫނީ ރާއްޖޭގައި ފައިނޭންސިން ވިޔަފާރިއަށް ލައިސަންސް ދެވޭ ގޮތަށް ފައިނޭންސިން ވިޔަފާރިއާ ބެހޭ ގަވާއިދު ނެރެފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގާނޫނުން ބާރު ލިބިގެން ނެރެފައިވާ "ފައިނޭންސިންގް ވިޔަފާރިއާބެހޭ ގަވާއިދު" ގައިވާ ގޮތުން ފައިނޭންސިން ވިޔަފާރި ކުރުމަށް އެ އޮތޯރިޓީން ލައިސަންސް ލިބިގެން ނޫނީ، އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ފައިނޭންސިންގް ވިޔަފާރިއެއް ކޮށްގެން ނުވާނެއެވެ. އަދި އެފަދަ ވިޔަފާރިއެއް ކުރާ ކަމަށް ދައްކައިގެން ވެސް، ނުވަތަ އިސްތިހާރުކޮށްގެން ވެސް ނުވާނެ އެވެ.

މި ގަވައިދު ނެރުމާއެކު ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު ފައިނޭންޝަލް ސްކީމްތައް އިސްތިހާރުކޮށްގެން ފައިސާ ހޯދަން ހިންގާ އެކި ވިޔަފާރިތައް ހުއްދަ ނަގަން ޖެހޭނެ އެވެ.

ނަމަވެސް މި ގަވައިދުގައިވާ ގޮތުން ފައިނޭންސިން ވިޔަފާރި ކުރުމާ ބެހޭ ގަވައިދުގައި ރައްކާތެރިކަމުގެ މިންގަނޑެއްގެ ގޮތުން މި ލައިންސަސް ލިބޭނީ ރައުސްމާލުގެ ގޮތުގައި ބޮޑު އަދަދެއް ބަހައްޓައިގެންނެވެ. މިގޮތުން "ޓިއާ އެކެއް" ގެ ދަރަޖައިން ފައިނޭންސިން ކުންފުންޏެއްގެ ގޮތުގައި ވިޔަފާރިކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ހުރިހާ ވަގުތެއްގައި ވެސް 50 މިލިއަން ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއްގެ ރައުސުލްމާލު ހުރެގެންނެވެ. އަދި "ޓިއާ ދޭއް" ގެ ކެޓަރަގީގެ ދަށުން ފައިނޭންސިން ވިޔަފާރިއަށް ލައިސަންސް ދެވޭނީ ރައުސްމާލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ހުރެގެންނެވެ.

މި އަދަދަކީ އެއްވެސް ފަރާތަކަށް ދަރާފައިވާ، ނުވަތަ ރަހުނު ކުރެވިފައިވާ ފައިސާ އަކަށް ވެގެން ނުވާނެ އެވެ.

މި ގަވައިދުގައިވާ ގޮތުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުރިހާ ވަގުތަކު ވެސް ރައުސުލްމާލު 12 ޕަސެންޓަށް ވުރެ މަދުނޫން އަދަދަކަށް "ކެޕިޓަލް އެޑެކުއަސީ ރޭޝިއޯ" ބަހައްޓަން ޖެހޭއިރު، 10 ޕަސެންޓަށް ވުރެ މަދުނޫން އަދަދަކަށް "ލެވަރޭޖް ރޭޝިއޯ" ހުންނަން ލާޒިމް ކުރެ އެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން ފައިނޭންސިން ވިޔަފާރިއަށް ލައިސަންސް ލިބިފައިވާ ފަރާތެއް ފިޔަވައި އެހެން
އެއްވެސް ފަރާތަކުން، ހުއްދަ ނެތި ފައިނޭންސިން ކުންފުނި ނުވަތަ ފައިނޭންސިން ވިޔަފާރި ކުރުމާއި ފައިނޭންސް ލީސިން ކުންފުނި ނުވަތަ ފައިނޭންސް ލީސިން ވިޔަފާރި ނުހިންގޭނެ ކަމަށެވެ. ނަމަވެސް މި ގަވަައިދުން އެމްއެމްއޭ އިން ލައިސަން ދީގެން ހިންގާ ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކަށް މި ގަވައިދު ނުހިގާނެ އެވެ.