ޓޫރިޒަމް

އިޓަލީގެ އެމަރަލްޑް ކުންފުނިން ފާރުފުށި ގަނެފި

Oct 23, 2021

ރާއްޖޭގެ ޔުނިވާސަލް ރިސޯޓް ގުރޫޕުގެ ދަށުން ހިންގަމުން ގެންދިޔަ ކުންފުންޏަކުން ތަރައްގީކުރި ފާރުފުށި ރިސޯޓް އިޓަލީގެ މަޝްހޫރު އެމެރަލްޑް ކަލެކްޝަނުން ގަނެފި އެވެ.

ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައިވާ ގޮތުން ފާރުފުށި ވިއްކާލުމަށް އެ ރިސޯޓް ހިންގާ ކުންފުނި، ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މިދިޔަ ސެޕްޓެމްބަރު މަހު އިއުލާންކުރުމާ ގުޅިގެން އެ ރިސޯޓް ގަނެފައިވަނީ އެމެރަލްޑް ކުންފުނިންނެވެ.

އެމެރަލްޑް ކުންފުނިން މިހާރު ވެސް ގެންދަނީ ރ. ފަސްމެންދޫގައި އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގެ ނަމުގައި ރިސޯޓެއް ހިންގަމުންނެވެ. ފާރަފުށި ރިސޯޓަކީ ވެސް ރ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެކެވެ.

އެމެރަލްޑުން، ރިސޯޓް ގަނެފައިވާ އަގެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް އެމެރަލްޑްގެ ބެލުމުގެ ދަށުން އަންނަ މޭ މަހުގެ އެއްވަނަ ދުވަހު ރިސޯޓް ހުޅުވުމަށް ވަނީ ނިންމާފަ އެވެ.

ނޫސްތަކުގައިވާ ގޮތުން ހަތް ހެކްޓަރުގެ ފާރުފުށި އަލުން ހުޅުވާއިރު އެ ތަނުގައި މިހާރު ހަދާފައިވާ 80 ކޮޓަރި ހަ ކެޓަގަރީ އަކަށްވާ ގޮތަށް ގިންތިކޮށް، ބަދަލުތަކެއް ގެނައުމަށް ނިންމާފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 50 މިނެޓުން ސީޕްލޭންގައި ދެވޭ ފާރުފުށީގައި މޫދާއި ބީޗް ހިމެނޭ ގޮތަށް ވިލާތައް ހަދާފައި ހުރެ އެވެ.

ފާރުފުށި ރިސޯޓުގައި 10 ބީޗް ބަންގަލޯ އާއި ޕޫލާއެކު 27 ބީޗް ރިޓްރީޓް އަދި ސުވިމިން ޕޫލާ އެކު 39 އޯޝަން ރިޓްރިޓް ހުރެ އެވެ. މީގެ އިތުރުން ޕޫލާއެކު ތިން ސޯޝަން ސުއިޓްސް ވެސް ހުރެ އެވެ. މި ތަނުގައި އެންމެ ފެންވަރު ރަނގަޅު ވިލާ އަކީ އޯޝަން ސުވިމިން ޕޫލްއާއެކު ހަދާފައިވާ ރެސިޑެންސް ވިލާ އެވެ.

ފާރުފުށި ހުޅުވާ ހިދުމަތް ދޭން ފެށީ މާޗް، 2019 ގައެވެ. ފާރުފުށި ވިއްކާލި ވަކި ސަބަބެއް އެ ރިސޯޓު ހިންގާ ފަރާތުން ހާމަކޮށްފައެއް ނުވެ އެވެ.