ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑިފެންސް މިނިސްޓްރީ

އިންޑިއާއަކީ އަބަދުވެސް އެންމެ އަވަހަށް ރާއްޖެއަށް އެހީވާ ގައުމު: މާރިޔާ

ރާއްޖެއިން އެހީއަށް އެދިއްޖެނަމަ އިންޑިއާ އަކީ އަބަދުވެސް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި ކުރިއަށްދާ ޑިފެންސް ކޮންކްލޭވްގައި މިނިސްޓަރު މާރިޔާ ދެއްވި ވީޑިއޯ މެސެޖާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން މިހާރު ކުރިއަށް ވުރެ ވަރުގަދަ ކަމަށެެވެ.

އިންޑިއާއަކީ ރާއްޖެއިން ގޮވާލި ކޮންމެ ކަމެއްގައިވެސް އެންމެ އަވަހަށް އެހީތެރިވާ ގައުމު ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އާއި ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އިންޑިއާ އިން ލިބުނީ މުހިއްމު އެހީތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިންޑިއާއިން ރާއްޖެއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 250 މިލިއަން ޑޮލަރުގެ މާލީ އެހީ ދިންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ މި ހާލަތުގައި އެންމެ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދިނީ ވެސް އިންޑިއާ އިން ކަމަށެވެ.

"ރާއްޖޭގެ ތަރައްގީގެ ހުރިހާ ދާއިރާއަކުން އިންޑިއާ އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" މިނިސްޓަރު މާރިޔާ ވިދާޅުވެފައިވެ އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް 50 މިލިއަން ޑޮލަރުގެ ޑިފެންސް ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ދެ ގައުމުގެ ދެމެދުގައި މިއަހަރުގެ ފެބްރުއަރީ މަހު ސޮއި ކުރެވުމަކީ ވެސް މުހިއްމު އެހީއެއް ކަމަށެވެ.

އިންޑިއާ އިން ރާއްޖެއިން ފޯރުކޮށްދޭ އެހީތެރިކަމާ ގުޅޭ ގޮތުން މިނިސްޓަރު މާރިޔާ ވާހަކަދައްކަވާފައި މިވަނީ ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ގިނަ އަދަދެއްގެ ބަޔަކާ އެކު ހިނގާލުމެއް ބާއްވާފައި ވަނިކޮށެވެ.