ހަބަރު

މާލޭގެ ފެނުގެ ޕްރެޝަރު ރަނގަޅު ކުރަން ފެންހޮޅިތައް ބަދަލުކުރަނީ

މާލޭގެ ގެތަކަށް ދޫކޮށްފައިވާ ފެނުގެ ޕްރެޝަރު ރަނގަޅު ކުރަން ފެން ހޮޅިތައް ބަދަލު ކުރުމުގެ މަޝްރޫއެއް ގައުމީ ފެން ކުންފުނި، މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފި އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ފެންހޮޅިލައިން އައުކުރުމަށް މިއަދު ފެށި ބޮޑު މަސައްކަތުގެ ދަށުން ފުރަތަމަ ފިޔަވަހީގައި އަޅާ ހޮޅިތައް ބަދަލުކުރަން ހަވާލުކުރީ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ އެވެ. މި އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ. އަދި އެމްއާރުޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.

ދެ ކުންފުނިން ސޮއިކުރި މި އެއްބަސްވުމާ ބެހޭގޮތުން ގައުމީ ފެން ކުންފުނީގެ އެމްޑީ ފަޒުލް ވިދާޅުވީ، މާލޭގައި އަޅާގައިވާ ފެންހޮޅިތައް އައުކުރުމުގެ މަސައްކަތް ފެށީ، އާންމުކޮށް ފެނަށް ބާރު ބޮޑުވާ ގަޑިތަކުގައި ބައެއް ސަރަހައްދުތަކުގެ ގެތަކަށް ފެން ލިބުމުގައި މައްސަލަ ދިމާވާތީ އެކަން ހައްލުކުރުމަށް ކަމަށެވެ. އެގޮތުން މުޅި ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓުމަކަށް ނުގެނެސް، 2017 ގެ ނިޔަލަށް ނިންމާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"އާންމުކޮށް ފެނުގެ ޕްރެޝާ ދަށް މިވަނީ ހުކުރު ގަޑިއާ ހަވީރު ގަޑީގައި. އެއީ އެންމެން އެއްފަހަރާ ފެން ބޭނުންކުރާ ގަޑިތައް. އެ ފަދަ ގަޑިތަކުގައި ބައެއް ގެ ތަކަށް ފެން ލިބެނީ ވަރަށް މަދުން. ތަންކޮޅެއް އުސް އިމާރާތްތަކަށް ވަރަށް ކުޑަކޮށް ވެސް ފެން ލިބޭ ފަހަރު އާދޭ، އެހެންވީމަ މި މަސައްކަތް ނިމޭއިރު، އާންމުންނަށް ވަރަށް ބޮޑު ލުޔެއް މިކަމުގައި ލިބިގެންދާނެ،" ފަޒުލް ވިދާޅުވި އެވެ.

އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ނަޒީމް ވިދާޅުވީ، މިފަދަ ބޮޑު މަސައްކަތެއް ކުރާއިރު އާންމުންނަށް ދަތިވާ ބައެއް ފަހަރު ކުރިމަތިވާނެ ކަމަށާ އެހެންކަމުން އެ ކަމަށް ހުރިހާ މީހުން ވެސް ސަމާލުކަން ދޭންވާނެ ކަމަށެވެ. ހޮޅިތައް ބަދަލުކުރާ ގަޑީގައި، އެ ސަރަހައްދެއްގައި ހުރި ގެތަކަކުން ދެ ގަޑިއެއްހާ އިރަށް ފެނުގެ ހިދުމަތް ކަނޑާލަން ޖެހޭ ފަހަރު އަންނާނެ ކަމަށާ، އެއީ ބޮޑު މައްސަލައެއް ކަމުގައި ނުދެކި، މަސައްކަތަށް އެއްބާރުލުން ދިނުން މުހިންމު ކަމަށެވެ.

މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެންމެ ފުރަތަމަ ބަދަލުކުރާނީ ހަވީރީ ހިނގުމުގައި އަޅާފައިވާ ފެން ހޮޅިތަކެވެ. އެ އަށްފަހު މާފަންނު ކޮޅުން ބަޔަކާއި، އޯކިޑް މަގުގެ ހުޅަނގަށްވީ ސަރަހައްދާއި، ގަލޮޅާއި ހެންވޭރު ގުޅޭ ހިސާބު ލޮނު ޒިޔާރަތް މަގު ކައިރީގެ ހޮޅިތައް ބަދަލުކުރާނެ އެވެ.