މަލައިކާ އަރޯރާގެ 48 ވަނަ އުފަން ދުވަސް އިއްޔެ ފާހަގަ ކޮށްފައިވާއިރު ލޯބިވެރިޔާ އަރްޖުން ކަޕޫރު ވަނީ ސޯޝަލް މީޑިއާގައި މަލައިކާއަށް ޚާއްސަކޮށް ލޯބީގެ މެސެޖެއް ޝެއާ ކޮށްފަ އެވެ. ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯއަކާއެކު އަރްޖުން ޝެއާ ކުރި މެސެޖުގައި ބުނެފައިވާ ގޮތުގައި މަލައިކާގެ ހިނިތުންވުމަށްވުރެ އޭނާ ހިތް އެދޭ އެއްވެސް ކަމެއް ނެތެވެ.
މަލައިކާ އަށް ވުރެ އަރްޖުން 11 އަހަރު ހަގެވެ. އެހެންވެ ވަރަށް ގިނަ ފަހަރަށް މި ދެ ލޯބިވެރިންނަށް މީހުންގެ މަލާމާތާއި ފުރައްސާރަ އާ ކުރިމަތިވެ އެވެ. ނަމަވެސް މިފަދަ މަލާމާތުން އެ ދެ މީހުންނަށް އަސަރު ނުކުރާ ކަމަށް މަލައިކާ އާއި އަރްޖުން ބުނެ އެވެ.
އަރްޖުންގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި މި ކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި އެވެ. އަރްޖުން ބުނެފައިވަނީ އޭނާގެ ލޯބިވެރިޔާ އޭނާއަށް ވުރެ އެތައް އަހަރެއް ދޮށީވުމަކީ އަދި އޭނާގެ ޓީންއޭޖް ފުރައިގެ ދަރިއަކު ހުރުމަކީ އަރްޖުން އަށް މައްސަލަ އަކަށް ނުވެ އެވެ. ކޮންމެ މީހެއްގެ ވެސް މާޒީއެއް އޮންނާނެ އެވެ. އަދި އޭނާ އެކަމާ ވިސްނާކަށް ބޭނުމެއް ނޫނެވެ. އަދި ޒާތީ ވާހަކަތައް ޝެއާކުރަން ވެސް އަރްޖުން ބޭނުމެއް ނޫން ކަމަށާއި އެއީ ލޯބިވެރިޔާ އަށް ކުރާ އިހްތިރާމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.
މަލައިކާ އާއި އަރްޖުން ރައްޓެހިވީ ކަމަށް މީޑިއާ ތަކުން ބުނެފައިވަނީ 2018 ގައެވެ. ނަމަވެސް ދެ ލޯބިވެރިން އިންސްޓަގްރާމްގައި އެމީހުންގެ ލޯބި ރަސްމީކޮށް އިއުލާންކުރީ 2019 ގައެވެ.
ނަމަވެސް އިންޑިޔާގެ ބައެއް ނޫސްތަކުން މީގެ އެތައް އަހަރެއް ކުރިން ލިޔެފައިވާ ބައެއް ޚަބަރުތައް ބުނާ ގޮތުގައި މަލައިކާ އާއި އަރްބާޒް ކައިވެނިކޮށްގެން އުޅުނުއިރުވެސް އަރްޖުން އާއި މަލައިކާ އާ ސިއްރު ލޯބީގެ ގުޅުމެއް އޮތެވެ. އަދި އަރްބާޒް ކައިރިން މަލައިކާ ވަރިވީ ވެސް އަރްޖުން އާ ހެދި އެވެ.