ކުޅިވަރު

އެޓިއެން ބަލިވެ ތާވަލުގެ ފުލަށް

ފްރާންސް ލީގުގައި ސެއިންޓް އެޓިއެން އާއި އެންގާސް ބައްދަލުކުރި މެޗުން އެއްވަރުވެ އެޓިއެން ލީގު ތާވަލުގެ ފުލަށް ވެއްޓިއްޖެ އެވެ.

އެޓިއެންގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

މި ސީޒަނުގައި އެޓިއެން ވަނީ ފްރާންސް ލީގުގެ 11 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ފަސް މެޗުން އެޓީމު އެއްވަރުވި އިރު، ބާކީ ހަ މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. މިއާއި އެކު ގްރޫޕްގެ ފުލުގައި އެޓިއެން އޮތީ ފަސް ޕޮއިންޓް ލިބިގެންނެވެ. ރޭގެ މެޗުން މޮޅުވި ނަމަ ހަތް ޕޮއިންޓާއި އެކު ތާވަލުގެ 18 ވަނައަށް އެރުމުގެ ފުރުސަތު އެޓިއެންއަށް އޮތެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ އެންގާސް އިންނެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އެންގާސްއަށް ލީޑު ނަގައިދިނީ އިސްމާއިލް ޓްރައޯރޭ އެވެ. މި ލަނޑާއި އެކު ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާ އަކުން އެންގާސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީސް އެންގާސްގެ އެންހެލޯ ފުލްޖިނީ ޖެހި ގޯލުން އެޓީމުގެ ލީޑު ފުޅާ ކުރި އެވެ. އެޓިއެންގެ ދެ ގޯލު ޖެހީ އޭގެ ފަހުންނެވެ. އެޓީމަށް ގޯލު ޖަހައިދިނީ ވަހްބީ ހަޒްރީ އާއި މިކޭލް ނާޑޭ އެވެ. ފަހު ގޯލަކީ މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރި ގޯލެކެވެ.

މި ނަތީޖާ އާއެކު އެންގާސް ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލާފަ އެވެ. އެންގާސް ހަތަރު ވަނައިގައި އޮތީ 17 ޕޮއިންޓު ހޯދައިގެންނެވެ.

ފްރާންސް ލީގުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ނަންޓޭސް އަތުން ކްލެމަންޓް ފޫޓް ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ. ލިލް އާއި ބްރެސްޓް ކުޅުނު މެޗު ނިމުނީ ކޮންމެ ޓީމަކުން ވެސް ގޯލެއް ޖަހައި އެއްވަރު ވެގެންނެވެ.