ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކ. ގުރައިދޫ

ގުރައިދޫ މަރުކަޒު ލޮކްޑައުނަކަށް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ މަރުކަޒު ލޮކްޑައުން ކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެއިން ފެށިގެން މަރުކަޒަށް މީހުން ވަދެ ނިކުމެއުޅުން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އަދި
މަރުކަޒުގައި ތިބި މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، މަރުކަޒުގެ ސިއްހީ ހުދުމަތްތެރިންގެ ޓީމުން ގުރައިދޫ ސިއްހީ މަރުކަޒުގެ އިރުޝާދާއި ލަފާގެ މަތީން ފިޔަވަޅުތައް އަޅާ، އެޗްޕީއޭ ގެ ގަވާއިދާއި އެއްގޮތް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަރުކަޒުގައި ތިބޭ ހުރިހާ މީހުންނާއި މުވައްޒަފުންވަނީ ކޮވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށާއި ގަވާއިދުން ސިއްހީ ހާލަތު މޮނިޓަރކޮށް އިތުރު ފަރުވާ ދޭންޖެހޭ މީހުންނަށް ފަރުވާ ދެމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. ކޮވިޑް ޖެހިފައިވާ ބަލިމީހުން ވަނީ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައި ކަމަށާއި އެހެން މީހުން ވަނީ މަރުކަޒުގައި އައިސޮލޭޓް ކޮށްފައި ކަމަށް ވެސް ބުނެފައި ވެއެވެ.

ގުރައިދޫ މަރުކަޒު އާންމު ހާލަކަތަކަށްގެނައުމަށް ކުރާ މަސައްކަތާއި ގުޅޭގޮތުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ހެނދުނު އެ މަރުކަޒުގެ އިސްވެރިންނާއި އަދި ގުރައިދޫ ކައުންސިލްގެ ރައީސް އާއި، ހެލްތް ސެންޓަރުގެ އިސްވެރިޔާއާއި ބައްދަލުކުރައްވާފައި ވެއެވެ.

އިއްޔެ ރާއްޖެއިން 225 މީހަކަށް ވަނީ އަލަށް ކޮވިޑް ބަލި ޖެހިފަ އެވެ. އޭގެ ތެރެއިން 39 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. ޕޮޒިޓިވް މީހުންގެ ތެރެއިން 153 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. އޭގެ ތެރެއިން 86 މީހަކު ނިސްބަތް ވަނީ ގުރައިދޫ އަށެވެ. އައްޑޫ އިން 17 މީހަކު އަދި ގއ. ވިލިނގިލިން 13 މީހަކަށް ބަލި ޖެހިފައިވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،520 މީހުންނެވެ. މިހާތަނަށް 85،057 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 19 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.